ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލާގައި ހައިކޯޓުން ދޭ މައުލޫމާތުތައް ފުށު އަރައި، އިތުރަށް ސުވާލުތައް އުފެދެމުންދާ ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު މިއަދު ވިދާޅުވީ، ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ސެކްޝަނުން މިއަދު އެ މައްސަލަ އެ ސެކްޝަނަށް ލިބިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް އިއްޔެ މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ މައްސަލަ އިސް ފަނޑިޔާރު ސެކްޝަނުން ނަންގަވާފައިވާ ކަމުގެ މައުލޫމާތު ފާރިސްގެ މައްސަލަ ބައްލަވާ ހައިކޯޓުގެ ސެކްޝަނުން ދީފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބޭނީ އިސް ފަނޑިޔާރުގެ ސެކްޝަނުން ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.
ނަމަވެސް މިއަދު ހައިކޯޓަށް ގޮސް އިސް ފަނޑިޔާރު ސެކްޝަނުން މައުލޫމާތު ހޯދުމުން އެ މައްސަލަ ނުލިބޭ ކަމަށް ބުނެފައިވާތީ ފާރިސްގެ މައްސަލައާ ގުޅިގެން ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
ފާރިސްގެ އިސްތިއުނާފު މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި ފަނޑިޔާރު އަލީ ސަމީރެވެ.
މައުމޫން ހަމީދު ވަނީ އެ މައްސަލަ އިސް ފަނޑިޔާރު ނެންގެވި ސަބަބު ސާފު ކޮށްދެއްވުމަށް ސިޓީއެއް ހައިކޯޓަށް ފޮނުވާފަ އެވެ. އަދި މައްސަލަ ބައްލަވާ ބެންޗަށް އެއްވެސް ބަދަލެއް ގެނެސްފައިވާނަމަ އެކަން ވެސް ސާފު ކޮށްދެއްވުމަށް އިސް ފަނޑިޔާރު ދީދީއަށް ދަންނަވާފަ އެވެ.
"ނިންމުމުގެ މަރުހަލާގައި ހުރި އަދި އަޅުގަނޑުމެންގެ ހިތުން ގާނޫނީ ގޮތުން އެހެމާ ސާފު މައްސަލަތަކަކަށް މިފަދަ ގޮތެއް މެދުވެރިވުމުން އަޅުގަނޑުމެން ނުހަނު ކަންބޮޑުވޭ،" މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.
މައުމޫން ހަމީދު ވަނީ މައްސަލާގެ ހުކުމް އަވަސްކޮށްދިނުމަށް އެދިވަޑައިގަންނަފަ އެވެ. މައްސަލާގެ އަޑުއެހުންތައް ނިންމާލި ފަހުން ހުކުމް އިއްވުމަށް އަޑުއެހުމެއް ތާވަލު ކުރުމަށްފަހު އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ފަހުން އެ މައްސަލާގެ އަޑުއެހުމެއް ތާވަލެއް ނުކުރެ އެވެ.
މިކަމާ ގުޅޭ ގޮތުން ހައިކޯޓުގެ ބަހެއް އަދި ނުލިބެ އެވެ.