ހަބަރު

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ގެންނަނީ؟!

މަސައްކަތް ހުއްޓިފައިވާ ހައިކޯޓުގެ ދެކުނު ގޮފީގައި ތިއްބެވި ދެ ފަނޑިޔާރުން މާލެ ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ. މިހާރު ހައިކޯޓުގެ ދެކުނު ގޮފީގައި ތިއްބެވީ، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. މި އަޑުތައް ފެތުރުނު ނަމަވެސް މިކަން އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރެއް ނުކޮށްދެ އެވެ.

ދެ ބޭފުޅުން މާލެ ގެނައުމުގެ އަޑުތައް ފެތުރެން ފަށާފައިވާއިރު ހައިކޯޓުގެ ޝަރީއަތްތައް ހުއްޓިފައިވާތާ ވަނީ ހަ މަސް ދުވަސްވެފަ އެވެ. ހައިކޯޓުގައި އިސްތިއުނާފު ކުރާ މައްސަލަތައް ތިން ފަނޑިޔާރުންނަށް ބެއްލެވޭއިރު އެ ހައިކޯޓުގެ ދެކުނު ގޮފީގައި ތިން ފަނޑިޔާރުން މިހާރު ނުތިއްބަވަ އެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ސުޖާއު އުސްމާނަށް އިންޒާރުތަކެއް ލިބުމާ ގުޅިގެން މާލެ ވަޑައިގެންނެވި ގޮތަށް އަދި ވެސް ހުންނެވީ މާލޭގަ އެވެ. ފަނޑިޔާރު ސުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ގެންނަން އުޅޭ ކަމުގެ އަޑުތަކާ ގުޅޭ ގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ވިދާޅުވީ، ޑީޖޭއޭއަށް އެކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. ހައިކޯޓު ދެކުނު ގޮފިން މީޑިއާއަށް މައުލޫމާތު ނުލިބޭއިރު މާލޭ ހައިކޯޓުން ދެކުނު ގޮތްޕާބެހޭ މައުލޫމާތެއް ނުދެ އެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތްތައް ހުއްޓިފައިވާއިރު ހައިކޯޓު އުތުރު ގޮފީގެ މަސައްކަތް އަދިވެސް ނުފެށެ އެވެ. އެ ގޮތްޕަށް ފަނޑިޔާރުން ވެސް ވަނީ ހަމަނުޖެއްސި އެވެ. ވަރަށް ފަހުން ގޮފިތަކުގެ ފަނޑިޔާރުން ބަދަލުވާ ގޮތަށް ގަވައިދެއް ވެސް ހަދާފައިވެ އެވެ.

އެ ގަވައިދުގައިވާ ގޮތުން ކުރިންސުރެ ހައިކޯޓުގައި މަސައްކަތް ކުރައްވަމުންދާ ފަނޑިޔާރުން ގޮފިތަކަށް ހަމަޖައްސަންވާނީ ވަކި މުއްދަތަކަށް ބަދަލުވާ އުސޫލުންނެވެ. ބަދަލުވާ އުސޫލަކީ ގޮފީގައި ވަކި މުއްދަތަކަށް މަސައްކަތް ކުރެއްވުމަށްފަހު ކުރިން މަސައްކަތް ކުރެއްވި ތަނަށް އެ ފަނޑިޔާރަކު ބަދަލުވުމެވެ. އަމިއްލަ އެދި ވަޑައިގެން ފަނޑިޔާރަކަށް މަސައްކަތް ކުރާ ގޮފި ބަދަލު ކުރެވޭނީ އެ ތަނެއްގައި މަސައްކަތް ކުރާތާ މަދުވެގެން އެއް އަހަރުވުމުންނެވެ.

ގަވައިދަށް އަމަލުކުރަން ފަށާ ފަހުން ހައިކޯޓަށް އައްޔަންކުރާ ފަނޑިޔާރުން ދާނީ މާލޭ ހައިކޯޓުގައި ނުވަތަ ގޮފިތަކުގައި ހުސްކޮށް ހުރި މަގާމުތަކަށް ކަމަށް ގަވައިދުގައިވެ އެވެ. މިހާރު ގަވައިދު އޮތް ގޮތުން އަލަށް އައްޔަންކުރާ ދެ ފަނޑިޔާރުން މަސައްކަތް ކުރައްވަން ޖެހޭނީ އުތުރު ގޮފީގަ އެވެ.

މިފަހުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް ގާނޫނަށް ވަނީ އިސްލާހު ވެސް ގެނެސްފަ އެވެ. އިސްލާހުގައި ބުނެފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުން އެ ކޯޓުގައި ތިއްބަވަން ޖެހޭނެ ކަމަށެވެ. އަދި އެ 11 ފަނޑިޔާރުންގެ ތެރެއިން ދެކުނާއި އިތުރު ގޮއްޕަށް ފަނޑިޔާރުން އައްޔަންކުރާނެ ކަމަށެވެ. ކޮންމެ ގޮއްޕަކަށް އައްޔަންކުރައްވާނީ ތިން ފަނޑިޔާރުންނެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވި ފަނޑިޔާރުން މަގާމުގައި ތިބޭނެ ކަމަށާއި އަދަދު ހަމަކުރުމަށް ބޭނުންވާ ފަނޑިޔާރުން އިސްލާހު ފާސްކޮށް، ގެޒެޓްކުރެވޭތާ ތިން މަސް ތެރޭގައި އައްޔަންކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.