މިއުޒިކް

ޝަލަބީގެ ފޭނުން އީދަށް އުތުރަށް ނައްޓާލާ!

އީދު ދަތުރު ހަދައި ފޮށިތަންމަތި ބަނދެގެން އެއް ބަޔަކު މިހާރު އަތޮޅު ތެރެއަށް ގޮސްފި އެވެ. އަނެއް ބަޔަކު ދާން ތައްޔާރުވަނީ އެވެ. ދާނެ ވަކިތަނެއް ފައިނަލް ނުވާ މީހުންވެސް ގިނަ އެވެ. އެމީހުންގެ ތެރޭގައި ޝަލަބީގެ ފޭނެއް ހުރެއްޖެއްޔާ ދާންވީ މާލެއިން އުތުރަށެވެ. އުތުރުގެ ގިނަ ރަށްތަކެއްގައި މި އީދުގައި ޝަލަބީ ޝޯ ދޭނެ އެވެ. ހީވާގޮތުން މި އީދުގައި އެންމެ ބިޒީވާނީވެސް ޝަލަބީ އެވެ.

އީދުގައި ޝަލަބީގެ ފުރަތަމަ ޝޯ އޮތީ ހއ. ބާރަށުގަ އެވެ. އެއީ އާދައިގެ ޝޯ އެއް ނޫނެވެ. ހަވާ އެރުވުމާއެކު ޓީވީއެމް އިން އެ ޝޯ ލައިވްވެސް ކުރާނެ އެވެ. ދެ ވަނަ ދުވަހުގެ ރޭ ނ. ހޮޅުދޫގައި ޝޯ ދޭ އިރު ތިން ވަނަ ދުވަހުގެ ރޭ ޝޯ އޮތީ ޅ. ނައިފަރުގަ އެވެ. ނައިފަރުގައި އޮންނަ ޝޯ ވެސް ޓީވީއެމުން ލައިވް ކުރާނެ އެވެ. ހަތަރު ވަނަ ދުވަހުގެ ރޭ ރ. ދުވާފަރުގައި ޝަލަބީގެ ޝޯ އޮންނަ އިރު ފަހެއް އަދި ހަވަނަ ދުވަހުގެ ރޭ ޝަލަބީގެ ޝޯ އޮތީ ހދ. ކުޅުދުއްފުށީގަ އެވެ. މިހެން ގޮސް މި މަހުގެ ނުވަ ވަނަ ދުވަހު ގެ ރެއާ ހަމައަށް ހއ. އަދި ހދ ގެ ރަށްތަކުގައި ޝަލަބީ ޕާފޯމްކުރާނެ އެވެ.

އެ ހުރިހާ ޝޯ އަކީވެސް މީގެ ދެ މަސް ކުރިން ޝަލަބީ ދާން ނިންމާފައިވާ ޝޯ ތަކެކެވެ. މިހާރުވެސް އިތުރު ޝޯތައް ދިނުމަށް ހުށަހެޅުންތައް އަންނަނީ ލިބެމުންނެެ.

ޝަލަބީ އާ އެކު ބޭންޑް ޕާފޯމް ކުރާނެ އެވެ. އެހެންވީމަ މިއީދުގައި ޝަލަބީއަށްވުރެ ބިޒީ މީހަކު އެބަހުރި ހެއްޔެވެ؟ އަދި އެންމެ އަގުބޮޑުކޮށް ޝޯ ދޭ ފަރާތަކަށްވެސް ޝަލަބީ ވާނެ އެވެ.

އީދުގައި ޝޯތައް ދޭން ފެށުމުގެ ޝަލަބީގެ ސަޕްރައިޒެއް އެބަ އޮތެވެ. އެވާހަކަ ފަހުން ގެނެސްދޭނަމެވެ.

މީގެކުރިން ޝަލަބީގެ ޝޯއެއް ބަލައިލުމުގެ ފުރުސަތު ނުލިބި ހުރި ޝަލަބީގެ ފޭނުންތައް އަވަހަށް ދަތުރަށް ތައްޔާރުވާން އުޅޭށެވެ. މި ފަހަރު ކޮންމެވެސް އެއް ޝޯ އެއް ބެލޭތޯ ބަލަން ވާނެ އެވެ. އުތުރުގެ އެއިން ކޮންމެވެސް ރަށެއްގައި ހުރި އާއިލާ ނުވަތަ ރައްޓެހިންނާ ގުޅައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖައްސަން އުޅޭށެވެ. މިހާރު ވަރަށް ބާރުބޮޑުވެސް ވާނެ އެވެ. އެކަމަކު ޝަލަބީގެ ޝޯވެސް ބަލަންވާނެ އެވެ.