މައްސަލަ ހައްލު ކުރެވެންދެން ދެކުނު ފަރާތު ނެރު ވަގުތީ ގޮތުން ބަންދު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ސަރުކާރަށް ގޮވާލައިފި އެވެ.
މާލޭ ސިޓީި ކައުންސިލްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވީ މާލޭގެ ދެކުނު ފަރާތުގައި ކަނޑާފައިވާ ނެރުން އެކި މޫސުމުގައި އެކި ފަހަރު މަތިން ދޯނިފަހަރަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އަދި އެ ނެރު ބަންދުކޮށްފައި އޮޑިދޯނި ފަހަރު ގާތްކުރުމަށް އެހެން ގޮތެއް ހަދައިދޭން ޖެހޭ ކަމަށް ސިފާ ވިދާޅުވި އެވެ.
ސިފާ ވިދާޅުވީ ދެކުނު ފަރާތު ނެރަކީ މާލޭގެ ފުއްޓަރު ފަރާތްކަމުން އެ ސަރަހައްދަކީ އަބަދުވެސް ބޮޑެތި ރާޅު ނަގާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުން މިހާރު ލިބެމުންދާ ގެއްލުމަކީ ފޫ ނުބެއްދޭ ވަރުގެ ގެއްލުމަކަށް ވެގެންދާނެ ކަމަށެވެ.
"މާލޭގެ އުތުރު ފަރާތުގައި ކަނޑާފައިވާ ނެރުން އެކި މޫސުމުގައި އެކި ފަހަރު މަތިން ދަނީ ދޯނިފަހަރަށް ގެއްލުން ލިބެމުން، އެ ނެރު ބަންދުކޮށްފައި ވެސް އޮޑިދޯނި ފަހަރު ގާތްކުރުމަށް އެހެން ގޮތެއް ހަދައިދޭން ޖެހޭ،" ސިފާ ވިދާޅުވި އެވެ.
ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މާލޭގެ ދެކުނު ފަރާތުގައި ނެރު ކެނޑުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން ކުރީ ދައުރުގެ ސިޓީ ކައުންސިލާއި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ކައުންސިލުން ކުރިން ވެސް ބުނީ އެކަން ރަނގަޅަށް ދިރާސާ ކުރުމަށްފަހު ނޫނީ އެކަން ނުކުރުމަށާއި ނަމަވެސް ކައުންސިލްގެ އަޑުއެހުމެއް ނެތި އަދި ރައްޔިތިންގެ ވެސް އަޑުނެތި ދެކުނު ފަރާތުގައި ނެރު ކެނޑީ ކަމަށް ޝަމާއު ވިދާޅުވި އެވެ.
ޝަމާއު ވިދާޅުވީ ސަރުކާރުން މިހާރުން މިހާރަށް މާލޭގެ ދެކުނު ފަރާތަށް ވަދެނިކުމެ ހަދަންޖެހޭ ނެރަކީ ކަނޑުގެ ގަވާއިދާއި ގާނޫނުތަކާއި ހިލާފަށް ވަދެ ނިކުންނަން ޖެހޭ ނެރެއް ކަމަށާއި މިހާރު ދިމާވެފައިވާ މައްސަލަ ހައްލުވަންދެން ދެކުނު ފަރާތު ނެރު ވަގުތީ ގޮތުން ބަންދު ކުރަން ޖެހޭ ކަމަށެވެ.
"ދެކުނު ފަރާތުގައި ނެރު ކެނޑުމަށް ކުރީ ދައުރުގެ ސިޓީ ކައުންސިލާއި މަޝްވަރާތަކެއް ކުރެވުނު، ކައުންސިލުން ކުރިން ވެސް ބުނީ އެކަން ރަނގަޅަށް ދިރާސާ ކުރުމަށްފަހު ނޫނީ އިޖުތިމާއީ ގޮތުން ލިބެން ހުރި ގެއްލުންތައް ބެލުމަށްފަހު ނޫނީ އިންޖިނިއަރިން ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނޫނީ އެކަން ނުކުރުމަށް، ނަމަވެސް އަޅުގަނޑުމެންގެ އަޑު ނާހާ ރައްޔިތުންގެ ވެސް އަޑު ނާހާ އެކަން ކުރެއްވީ،" ޝަމާއު ވިދާޅުވި އެވެ.