ރިޕޯޓް

އެޗްޑީއެފްސީ ޞުކޫކު: އިސްލާމިކް އިންވެސްޓްމަންޓަށް އާ ފުރުސަތެއް!

ޞްކޫކުއަކީ ކޮން އެއްޗެއް ހެއްޔެވެ؟ ޞްކޫކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ގެހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ މުޟާރަބާ ޞްކޫކުގައި ބައިވެރިވުމަށް 24 އޮގަސްޓު 2017 އިން ފެށިގެން 18 އޮކްޓޯބަރ 2017 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އެޗްޑީއެފްސީ އަމްނާ އިން މި ތައާރަފް ކުރި ޞުކޫކަކީ ދިވެހި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ހުޅުވާލެވިފައިވާ މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެކެވެ.

އެޗްޑީއެފްސީ އަމްނާގެ ޚިދުމަތްތައް ފޯރުކޮށްދޭން ފަށާފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހުގަ އެވެ. އެޗްޑީއެފްސީ އަމްނާއަކީ އެޗްޑީއެފްސީގެ އިސްލާމީ ޚިދުމަތް ދިނުމަށް ހާއްސަކުރެވިފައިވާ އިސްލާމިކް ވިންޑޯއެވެ. މިގޮތުން ދެވޭ ހުރިހާ ޚިދުމަތަކީ ވެސް ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން ފޯރުކޮށްދެވޭ ޚިދުމަތެކެވެ. މިގޮތުން އެޗްޑީއެފްސީ އިސްލާމިކް ވިންޑޯ އަކީ ވަކިން ފަންޑާއި ހިސާބު ކިތާބު ބަލަހައްޓާ، ވަކި ޝަރީޢާ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހުރިހާ ޕްރޮޑަކްޓުތަކެއް އުފައްދާ، ވަކިން ބެލެހެއްޓިގެން ކުރިއަށްދާ ޝަރީޢާ ހުއްދަކުރާ ގޮތުގެ މަތިން ގެދޮރު އިމާރާތްކޮށް ގަތުމުގެ ފައިސާގެ އެހީ ފޯރުކޮށްދޭ ތަނެކެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ނިމުނު އިރު 247 މިލިޔަން ރުފިޔާ އާއި ގާތްކުރާ އަދަދަކަށް އިސްލާމިކް ހައުސިންގް ފައިނޭންސް ފެސިލިޓީސް ވަނީ ދޫކުރެވިފަ އެވެ. އަދި 2015 ވަނަ އަހަރާއި އަޅާ ބަލާއިރު 2016 ވަނަ އަހަރު އެޗްޑީއެފްސީ އަމްނާގެ ފައިދާ ވަނީ 138 ޕަސެންޓް އިތުރުވެފަ އެވެ.

އެޗްޑީއެފްސީ މުޟާރަބާ ޞުކޫކް ދޫކުރުމުގެ ބޭނުމަކީ އެޗްޑީއެފްސީ އަމްނާގެ ޚިދުމަތް ފުޅާކޮށް ގިނަ ފަރާތްތަކަކަށް ޝަރީޢާ ހުއްދަކުރާ ގޮތުގެ މަތިން ހައުސިންގް ފައިނޭންސިންގް ފެސިލިޓީ ދޫކޮށް، މިފަދަ އިންވެސްޓްމަންޓެއް ކުރުމުގައި ރާއްޖޭގެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ. އެޗްޑީއެފްސީ އިން އާއްމުންނަށް ހުޅުވާލައިގެން ސުކޫކު ވިއްކުމުގެ އަނެއް މަގުޞަދަކީ، އިސްލާމްދީން ހުއްދަކުރާ ރިސްކު ކުޑަ އިންވެސްޓްމަންޓް ފުރުޞަތު ތަކެއް، އިސްލާމީ ބޭންކާއި ތަކަފުލް އަދި އެހެނިހެން ކުންފުނިތަކާއި ޕެންޝަން އޮފިހާއި އާއްމު ފަރުދުންނަށް ހުޅުވާލަދިނުމެވެ. އެޗްޑީއެފްސީ އިން، ޒިންމާދާރު އަދި ދެމެހެއްޓެނިވި މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްވަނީ ފަށާފައެވެ.

އެޗްޑީއެފްސީގެ ސުކޫކަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގައި ލިސްޓް ކުރެވިފައިވާ ސުކޫކަކަށް ވެފައި އެސުކޫކުގެ ސަބަބުން ތަފާތު ބާވަތުގެ އިންވެސްޓަރުންނަށް، ޤައުމުގައި ގެދޮރު ތަރައްގީ ކުރުމަށް މިކުރެވޭ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދީ، ކެޕިޓަލް މާކެޓްގެ ހަރަކާތްތެރިކަން އިތުރު ކޮށްދިނުމަކީ އެޗްޑީއެފްސީ ސުކޫކުގެ މަގުސަދެކެވެ.

މި ފަހަރު ތައާރަފު ކުރެވުނު ޞުކޫކުގައި އެޗްޑީއެފްސީ އަމްނާ މެދުވެރިކޮށް ގެދޮރު ގަތުމަށާއި އިމާރާތް ކުރުމަށް އަދި މަރާމާތް ކުރުމަށް، ބޭނުންވާ ފަރާތްތަކަށް އިސްލާމީ އުސޫލުން ފައިނޭންސް ފޯރުކޮށްދިނުމުގެ ގޮތުން 150 މިލިއަށް ރުފިޔާއަށްވާ 150,000 ޞްކޫކު ވިއްކުމަށް ވަނީ ހުޅުވާލާފަ އެވެ. މި ގޮތުން މި ޞުކޫކަކީ އެޗްޑީއެފްސީ އިން ތަޢާރަފު ކުރި ދެވަނަ ޞުކޫކެވެ. 2013 ވަނަ އަހަރު ތައާރަފު ކުރެވުނު ފުރަތަމަ ޞުކޫކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 467 ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. އަދި އެ ފަރާތްތަކަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓޮރީ މެދުވެރިކޮށް ކޮންމެ ހަ މަހަކުން ގަވާއިދުން ފައިދާ ދަނީ ބަހަމުންނެވެ.