ފިނިޕޭޖް

މައްސަލަ ބޮޑުވެފައިވާ ޑްރާމާ ހުއްޓާލަން ސޮނީއިން ނިންމައިފި

Aug 29, 2017
2

އިންޑިއާގެ ސޮނީ ޓީވީއިން އަލަށް ފެށި ޑްރާމާ، "ޕެހެރެދާރް ޕިޔާރް ކީ" ހުއްޓާލަން އެންމެފަހުން އެ ޓީވީ ޗެނަލްއިން ނިންމައިފި އެވެ.

މިދިޔަ ޖުލައި މަހުގެ ތެެރޭގައި ސޮނީ ޓީވީއިން ދައްކަން ފެށި މި ޑްރާމާ ސީރީޒް ހުއްޓާލަން ނިންމީ، ޑްރާމާއަށް އަމާޒުވަމުން ދިޔަ ފަޑުކިޔުންތަކާއެކު އިންޑިއާގެ ބްރޮޑްކާސްޓިން ކޮންޕްލެއިން ކޮންޓެންޓް ކައުންސިލް (ބީސީސީސީ) އިން އެންގި އެންގުމަކާ ގުޅިގެންނެވެ.

މި ޑްރާމާގައި ދައްކުވައިދެނީ 18 އަހަރުގެ އަންހެނަކާއި ނުވަ އަހަރުގެ ފިރިހެން ކުއްޖެއްގެ ލޯބީގެ ވާހަކަ އެވެ. ޑްރާމާގައި 18 އަހަރުގެ އަންހެނާ، ނުވަ އަހަރުގެ ފިރިހެން ކުއްޖާއާ ކައިވެނިކޮށް ދިރިއުޅުމުގައި ދިމާވާ ހާދިސާތައް ދައްކުވައިދެ އެވެ.

ޑްރާމާގެ މި ވާހަކައާ ގުޅިގެން ގިނަ ބަޔަކު ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ޑްރާމާ ހުއްޓާލުމަށް ވެސް ދިޔައީ ގޮވަމުންނެވެ. ގިނަ އަދަދެއްގެ މީހުން ސޮއިކޮށް ބީސީސީސީއަށް ޑްރާމާއާ ދެކޮޅަށް ޕެޓިޝަން ވެސް ހުށަހެޅި އެވެ.

އެ ޕެޓިޝަނާ ގުޅިގެން ބީސީސީސީއިން ސޮނީއަށް އަންގާފައިވާ ޑްރާމާ ދައްކާ ގަޑި ޕްރައިމް ޓައިމްއިން ނެގުމަށްފަހު ރޭގަނޑުގެ ލަސް ގަޑިއެއްގައި ދެއްކުމަށެވެ. އެ އެންގުމާ ގުޅިގެން ސޮނީއިން ނިންމީ ޑްރާމާ ހުއްޓާލާށެވެ.

"ޕެހެރެދާރް ޕިޔާރް ކީ ހުއްޓާލަން ނިންމައިފިން، މި ނިންމުންގެ ސަބަބުން އެ ޑްރާމާގެ ކާސްޓުންނާއި ކްރޫ އަދި ކްރިއޭޓިވް ޓީމުން ދެރަވާނެކަން ވެސް އެނގޭ، ނަމަވެސް މި ޗެނަލްގެ ފޯކަސްއަކީ ބެލުންތެރިން ޝައުގުވެރިވާ ގޮތަށް ބެލުންތެރިން ބޭނުންވާ ގޮތަށް ޗެނަލްއިން މަސައްކަތް ކުރުން،" ޑްރާމާ ހުއްޓާލަން ނިންމިކަން ހާމަކޮށް ސޮނީއިން ނެރުނު ބަޔާނުގައި ބުންޏެވެ.