ހަބަރު

"ސަރުކާރުގެ ހެޔޮ ނިޔަތް އޮތްނަމަ ގާސިމް ހުންނެވީހީ ބޭރުގަ"

ސަރުކާރުން ހެޔޮ ނިޔަތެއް އޮވެގެން ހުކުމްތަކަށް އަމަލު ކުރައްވާނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިވަގުތު ހުންނަވާނީ ރާއްޖެއިން ބޭރުގައި ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ގާސިމްގެ ހާލުކޮޅަށް ބައްލަވާފައި ކުރިމިނަލް ކޯޓުން ވަކިގޮތަކަށް ހުކުމްކޮށްފައިވީ ނަމަވެސް ފަސް ދުވަސް ނިމިގެން ދާއިރު ވެސް އެމަނިކުފާނަށް ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ސަރުކާރުން ހަމަޖައްސާދީފައި ނުވާ ކަމަށެވެ.

އިންތި ވިދާޅުވީ ސަރުކާރުން ހެޔޮ ނިޔަތުގައި ގާނޫނާ އެއްގޮތަށް އަމަލު ކުރާނަމަ ގާސިމް މިވަގުތު ހުންނަވާނީ ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށް ވަޑައިގެން ކަމަށެވެ. ނަމަވެސް މިއަދާ ހަމަޔަށް އެކަން ނުކޮށް އޮންނަން ޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަށް ގަބޫލެއް ވެސް ނުކުރެވޭ ކަމަށެވެ.

"ނާއިންސާފު ހުކުމެއް ކަމުގައިވީ ނަމަވެސް އޭގައި އޮންނަނީ އެމަނިކުފާނުގެ ޖަލަށްލުމުގެ ވާހަކައެއް އެކަންޏެއް ނޫން، ބޭސްފަރުވާއަށް ދިޔުމުގެ ހައްގު ކަށަވަރުކުރަން އޮތް، އެކަން ނުކުރުމުގެ ހިތާމަ އަދިވެސް މި ކުރަނީ،" އިންތި ވިދާޅުވި އެވެ. "ބޭސްފަރުވާ ކުރުމުގެ ހައްގަކީ ކޮންމެ ފަދަ ކުށެއްކޮށްގެން ޖަލުގައި އޮތް މީހަކަށް ވެސް ގާނޫން އަސާސީއިން ކަށަވަރުކޮށްދޭ ހައްގެއް، އެހެންވެ ސަރުކާރު ހިނގަނީ ގާނޫން އަސާސީއާއި ގާނޫނުތަކަށް ބަލައިގެން އަދި ހުކުމަކަށް ވެސް ބަލައިގެން ނޫން،"

ގާސިމް ބޭސްފަރުވާއަށް ނުފޮނުވައިގެން އިދިކޮޅު ފަރާތްތަކުންނާއި އެމަނިކުފާނުގެ އާއިލާއިން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، ރޭގެ ވަގުތެއްގައި ރައީސްްގެ މަންދޫބުންގެ ގޮތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅަން ނިންމާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ގާސިމްއާ ބައްދަލު ކުރައްވާފަ އެވެ.

އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި ދެއްކެެވި ވާހަކައަކާ ގުޅިގެން ރިޝްވަތުގެ ތުހުމަތުކޮށް، ގާސިމްއަށް ވަނީ ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހުގެ ޖަލުމަށް ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ.