ވިޔަފާރި

އަނެއްކާވެސް މުނީޒާއަށް އިސްލާމިކް ފައިނޭންސުގެ އެވޯޑެއް

އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ ރޮނގުންދޭ ބައިނަލްއަގްވާމީ އެވޯޑެއް ޑރ. އައިޝަތު މުނީޒާއަށް އަނެއްކާ ވެސް ލިބިވަޑައިގެންފި އެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ ޗެއާމަންކަމާއި ހައުސިން ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ އިސްލާމިކް ވިންޑޯ "އެޗްޑީއެފްސީ އަމްނާ" އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ މުނީޒާއަށް ލިބި ވަޑައިގެންފައިވަނީ "އޭއައިބީޓީއެސް އިނޮވޭޝަންސް އެވޯޑުގައި އަޕްކަމިންގް ޕާސަލަނަލިޓީ އިން އިސްލާމިކް ފައިނޭންސް" އެވޯޑެކެވެ.

މި އެވޯޑު ދެނީ އިސްލާމިކް މާލީ ނިޒާމު ތަރައްގީ ކުރުމާއި އާ އީޖަދުތަކުގެ އިތުރުން އިސްލާމިކް ފައިނޭންސްގެ އާ ޕްރޮޑަކްޓްތައް ގެނެސްދޭން މަސައްކަތް ކުރާ މީހުންގެ އަގު ވަޒަން ކުރުމަށެވެ.

މުނީޒާ އަށް މީގެ ކުރިން ގިނަ އެވޯޑުތަކެއް ވަނީ ލިބިވަޑައިގެންފަ އެވެ. ލިބިފައިވާ ބައެއް އެވޯޑުތަކުގެ ތެރޭގައި ސްރީލަންކާގެ ޔޫޓީއޯ އެޑިއު ކޮންސަލްޓުންދޭ އެވޯޑާއި ވޯލްޑް ވިމަން ލީޑަޝިޕް ކޮންގްރެސް އެންޑް އެވޯޑު ހިމެނެ އެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ރޮނގުން ލިބިފައިވާ ޝަރަފުވެރި މަގާމުތަކުގެ ތެރޭގައި އިސްލާމީ ވިޔަފާރީގައި އެންމެ ނުފޫޒުގަދަ އަދި އެންމެ މަގުބޫލު 500 ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނުން ހިމެނުމާއި އިނގިރޭސި ރާނީގެ ޔަންގް ލީޑާސް ޕްރޮގްރާމްގެ މެންޓޯ އަކަށް ހަމަޖެހުން ހިމެނެ އެވެ.