މިއުޒިކް

ބޮޑު އީދުގައި 1438 ވަރަށް ބިޒީ

"ސާދަތިރީސްއަށެއް" ބޮޑުބެރު ގްރޫޕްގެ ޝޯ އަކާއި ނުލާ ބައެއް ފަރާތަކަށް އީދު ފުރިހަމައެއް ނުވެ އެވެ. އީދުގެ އެންމެ ފުރިހަމަ އިހުސާސް ކުރެވެނީ އެ ގްރޫޕްގެ ލަވަތަކާއި ނެށުންތަކުންނެވެ. ބޮޑުބެރުގެ ފޯރިގަނޑާއި ނުލާ ދިވެހިންގެ އީދެއް ފުރިހަމައެއް ނުވާނެ އެވެ.

ސާދަތިރީސްއަށެއް ބޮޑުބެރު ގްރޫޕްގެ ފޭނުން މި ފަހަރުގެ ޝޯވެސް ބަލަންވާނެ އެވެ. މި އީދުގެ ކޮންމެ ރެއެއްގައި ވެސް ޝޯ އޮންނާނެ އެވެ. މާލެއާ މާ ދުރަކަށް ދާކަށް ނުޖެހޭނެ އެވެ. އީދުގެ ފުރަތަމަ ޝޯ ދޭނީ އީދު ދުވަހު އއ. ތޮއްޑޫގަ އެވެ. ދެ ވަނަ ދުވަހުގެ ރޭ އއ. ރަސްދޫގައި ޝޯ ދިނުމަށްފަހު ތިން ވަނަ ދުވަހުގެ ރޭ އެ ގްރޫޕުން ޝޯ ދޭނީ އދ. ހަންޏާމީދޫގަ އެވެ. އަދި ހަތަރު ވަނަ ދުވަހުގެ ރޭ ޝޯ އޮންނާނީ މ. ދިއްގަރުގަ އެވެ. އެތަނުން ކޮންމެވެސް އެއް ރަށަކަށް ދާން ވާނެ އެވެ.

ސާދަތިރީސްއަށެއްގެ ޑާންސް ގްރޫޕް "ރަޒްމަޓާޒް" ގެ ފުރަތަމަ ޝޯ އޮތީ އީދުގެ ފުރަތަމަ ދުވަހުގެ ރޭ ހުޅުމާލޭ އީދު ޕެރޭޑުގަ އެވެ. އަދި ހަތަރު ވަނަ ދުވަހުގެ ރޭ ކ. ދިއްފުށީގަ އެވެ.

އެ ގްރޫޕްގެ ބޮޑުބެރު ގްރޫޕާއެކު "ސްކޯލިއޯ" ބޭންޑްވެސް ޕާފޯމްކުރާނެ އެވެ. ސްކޯލިއޯ ބޭންޑަކީ 1438 ބޮޑުބެރު ގްރޫޕާއެކު ޝޯތަކާއި، ވެޑިން އަދި އެހެނިހެން ޕާޓީތަކަށް ހާއްސަކޮށް އުފައްދާފައިވާ ބޭންޑެވެ. ކުރުގޮތަަކަށް ބުނާނަމަ 1438 ވެޑިން ގިފްޓެވެ. އީދަށްފަހު ކައިވެނި ކުރަން ތައްޔާރުވާ މީހުންނަށް އެ ގްރޫޕްގެ ޝޯއެއް ކުރީބައިގައި ބަލައިލާ ތަޖުރިބާކޮށްލަން މިއީ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.

ސާދަތިރީސްއަށެއްގެ ޝޯތަކުގެ އިތުރު ހާއްސަކަމެއް ބުނަން ހެއްޔެވެ؟ އެ ގްރޫޕުން ޝޯ ދެނީ ހަވީރު ވީމަ އެރަށަކަށް ގޮސްފައި ވަރުބަލި ފިލުވާލައިގެން ރޭ ވުމުން ޝޯ ދޭ އުސޫލަކުން ނޫނެވެ. އެ ގްރޫޕުން ޝޯ ދޭ ހުރިހާ ރަށަަކަށް ހެނދުނު ދާނެ އެވެ. އެ އަށްފަހު އެ ރަށެއްގައި އީދު ފާހަގަކުރަން ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއްގައި އެ ގްރޫޕުން ބައިވެރިވާނެ އެވެ. ތިން މުގޯލި، ފުޓު ބޯޅަ، ކުލަ ޖެހުން، ފެން ޖެހުން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ރަށުގައި ކުރާ ހުރިހާ ކަމެއްގައި އެ ގްރޫޕުން ބައިވެރިވާނެ އެވެ.

އީދު ނިންމާލާފައި މާލެ އައިސް އެ ގްރޫޕްގެ ވަރަށް ހާއްސަ ސަޕްރައިޒެއް އެބައޮތެވެ. އެ ގްރޫޕްގެ ފޭނުންނަށް ހާއްސަކޮށްފައިވާ ސަޕްރައިޒެކެވެ. އޭގެ ތަފްސީލް މީހާރު ދޭކަށް ބޭނުމެއް ނޫނެވެ.

އެހެންވީމަ އީދަށް ދާންވީ ކޮން ތަނަކަށްކަން މިހާރު ފައިނަލް ކުރެވިއްޖެ ހެއްޔެވެ؟ ކޮންމެވެސް އެއް ޝޯ އަކަށް ކޮންމެހެނަކުންވެސް ދާން ވާނެ އެވެ.