ހަބަރު

ގިނަ ވަކީލުންގެ ކަންބޮޑުވުން ސުޕްރީމް ކޯޓަށް

ގިނަ ވަކީލުންތަކެއް އެ ބޭފުޅުންގެ ކަންބޮޑުވުންތައް މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތްކޮށްފި އެވެ. ޖުމްލަ 56 ވަކީލުން ސޮއި ކުރައްވާފައިވާ ޕެޓިޝަނެއް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ގިނަ އަދަދެއްގެ ވަކީލުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގަތެވެ.

ގާނޫނީ ވަކީލް ހުސްނުއްސުއޫދާއި އަބްދުﷲ ހަސީން ފަދަ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ހުށަހެޅުއްވި މި ޕެޓިޝަން ސުޕްރީމް ކޯޓުން ބަލައިގެންފައިނުވާ ކަމަށް މިކަމުގައި އިސްކޮށް އުޅުއްވާ އެއް ވަކީލް މަހުފޫޒް ސައީދު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހުފޫޒް ވިދާޅުވީ، ޕެޓިޝަން ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެންގެވި ކަމަށާއި ކަމާގުޅޭ އެއްވެސް ބޭފުޅަކު ބައްދަލުކޮށްފައި ވެސް ނުވާ ކަމަށެވެ.

ވަކީލުން ހުށަހެޅުއްވި ޕެޓިޝަންގައި 14 ކަންބޮޑުވުމެއް ފާހަގަކޮށްފައިވެ އެވެ. މަހުފޫޒު ވިދާޅުވީ، އެއީ ހުރިހާ ވަކީލުންގެ ވެސް ހުރި ކަންބޮޑުވުންތަކެއް ކަމަށާއި އެ ކަންކަން ހައްލު ކުރުމަށް އެދެނީ އަދުލުގެ ނިޒާމް ހަރުދަނާކުރުމަށް ކަމަށެވެ. އަދިވެސް ޕެޓިޝަން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރާނެ ކަމަށާއި އެކި ސަބަބުތަކާހުރެ ޕެޓިޝަންގައި ސޮއި ނުކުރެއްވި ނަމަވެސް އެކަމަށް ތާއީދުކުރައްވާ ވަރަށް ގިނަ ވަކީލުން ތިއްބެވި ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ.

މަހުފޫޒު ވިދާޅުވީ، ވަކީލުންތައް ފެށި ހަރަކާތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ޕެޓިޝަންގައި ސޮއި ކުރައްވާފައިވާ ވަކީލުން އިސް ނަގައިގެން އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. ކަންބޮޑުވުންތައް ފިލުވާލައި، އެކަމާ ކެރިގެން ވާހަކަ ދެއްކޭނެ ގޮތްތައް ހޯދުމަށް ވެސް ވަކީލުން މަސައްކަތް ކުރައްވާނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ، "ދުސްތޫރީ ފަސާނާ" ގެ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަކީލުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ވަރަށް އަވަހަށް ޖަލްސާއެއް ބާއްވާނެ ކަމަށާއި އެ ހަރަކާތަކީ ކަންކަން އިސްލާހު ވަންދެން ކުރިއަށް ގެންދާނެ ހަރަކާތެއް ކަމަށެވެ.

ޕެޓިޝަންގައި ވަކީލުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ސިއްރު ހެކިބަސް ނެގުމާއި ފަނޑިޔާރުންގެ ސުލޫކާއި ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުމާއި ވާޒީފާގެ ބިރު ދެއްކުން ހިމެނެ އެވެ.

އޭގެއިތުރުން ވެސް ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން ހަވާލުވުމާއި ގާނޫނު އަސާސީއިން ލިބިދީފައިވާ ބާރުގެ ބޭރުން ސުޕްރީމް ކޯޓުން އަމަލުކުރުމާއި އެއް ފަނޑިޔާރުގެ މަސައްކަތަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވުމާއި ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތަކުގެ ހައްގުތައް ގެއްލުމާއި ސަބަބެއް އެންގުމެއް ނެތި ވަކީލުންނަށް ފިޔަވަޅު އަޅާ ކަމަށް ބުނެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ޖޭއެސްސީ ހިންގުމުގައި ހަމައެއް ލަމައެއް ނެތުމާއި ޝަރީއަތް ހިންގޭ ގޮތް ގޯސްވުމާއި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލް މަސްއޫލިއްޔަތު އަދާނުކުރެއްވުން ޕެޓިޝަންގައި ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.