ހަބަރު

ހަމަޖެހުން ގެންނަން ވާހަކަ ދެއްކުމަށް ދުންޔާ ގޮވާލައްވައިފި

ރާއްޖޭގައި މިވަގުތު އޮތް ސިޔާސީ ހަލަބޮލިކަން ނައްތާލައި، ގައުމަށް ހަމަޖެހުން ގެނައުމަށް މަޝްވަރާ ކުރުމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރު ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.

އެއްވެސް ޝަރުތަކާ ނުލައި ސަރުކާރުން އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުމަށް ދައުވަތު ދެއްވުމާ ގުޅިގެން ދުންޔާ ވިދާޅުވީ، ރުޅިވެރި ވާހަކަތައް ދޫކޮށް، ގައުމަށް ހަމަޖެހުމާއި ދިވެހިންނަށް ކުރިއެރުން ލިބޭ ވާހަކަތަކެއް ދެއްކުމަށް އެދޭ ކަމަށެވެ.

އީދުގެ ތަހުނިޔާއާއެކު ދުންޔާ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ބައްލަވާލެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ މަންދޫބުންގެ ގޮތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ލަންކާއަށް އައްޔަންކުރަން ނިންމާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެމަނިކުފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. ދުންޔާ ވަނީ ގާސިމަށް އަވަސް ޝިފާއަކަށް ވެސް އެދިވަޑައިގެންފަ އެވެ.

ދުންޔާ ވަނީ މީގެ ކުރިން ހައްޔަރުގައި ހުންނެވި، ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫންގެ ހާލާމެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެ އާއިލާއަށް މެދުވެރިވެފައިވާ ހާލަތާމެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދުންޔާ ވިދާޅުވެފައިވަނީ އެ އާއިލާއަށް ކުރިމަތިވެފައިވަނީ ދަތި، އަދި ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ.

ދުންޔާ ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއެކު މާފުއްޓަށް ވަޑައިގެން ފާރިސްއާ ބައްދަލު ވެސް ކުރައްވާފަ އެވެ. އަދި، ފާރިސްގެ ޝަރީއަތަށް ވެސް ވަޑައިގެންފައިވެ އެވެ. އެކަންކަމާ ގުޅިގެން ދުންޔާ އާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަމަށް އަޑުތައް ފެތުރުމުން ދުންޔާ ވިދާޅުވެފައިވަނީ އެކަމަނާ އަދިވެސް ހުންނެވީ ސަރުކާރުގަ ކަމަށެވެ. ނަމަވެސް ފާރިސްގެ ހާލާމެދު ކަންބޮޑުވާ ކަމަށެވެ.

ދުންޔާ މިފަހުން ދެއްވި ސްޕީޗެއްގަިއ ވިދާޅުވެފައިވަނީ ހަމަނުޖެހުމަށް އުފެދޭ ކޮންމެ ދަނޑިވަޅެއްގައި ގޮށްމުށް ބޭނުން ކުުރުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ކަންކަން ހައްލުވާނީ ވެސް އޭރުން ކަމަށެވެ.