ޑރ. އަހުމަދު ޒިޔާދު ބާގިރު

މިނިސްޓަރު ޒިޔާދު ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު، މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ރަސްމީ ދަތުރުފުޅެއް މިއަދު ކުރައްވައިފި އެވެ.

މިސްކިތްތަކާއި މިސްކިތްތަކުގައި ވަޒީފާ އަދާކުރާ މުއައްޒަފުންނާ ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރެއްވި ދަތުރުގައި ވަޑައިގެންނެވީ ދިއްފުއްޓާއި ތުލުސްދޫ އާއި ހިންމަފުއްޓާއި ހުރަ އަށެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރު ވަނީ އެ ރަށްތަކުގައި ވަޒީފާ އަދާކުރާ މިނިސްޓްރީގެ މުއައްޒަފުންނާއި ބައްދަލުކޮށް މިސްކިއްތަކަށް ޒިޔާރަތްކުރައްވާ މިސްކިތްތައް ބައްލަވާލައްވާފަ އެވެ. އަދި މިނިސްޓަރު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވާ މިސްކިތްތަކުގައި ހުރި ކަންކަމާ ގުޅޭގޮތުންނާއި މިހާރު ދިމާވެފައިހުރި ދަތިތައް ހައްލު ކުރުމަށް ކުރެވެންހުރި ކަންކަމާމެދު ވެސް މަޝްވަރާކޮށްފައި ވެއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ އެ ރަށްރަށުގެ ރައްޔިތުންނަށް މުސްހަފް މަހަލްދީފް ރަމްޒީކޮށް ހަވާލުކޮށްދެއްވާފަ އެވެ. އަދި އެ ރަށްރަށުގެ ސުކޫލުތަކުގެ ލައިބްރަރީތަކަށް މިނިސްޓްރީން ޗާޕްކޮށްފައިވާ ފޮތްތައް ވެސް ހަދިޔާ ކޮށްދެއްވި އެވެ.