މި އަހަރުގެ ބޮޑު އީދުގައި އުޟްހިޔާ ކަތިލުމުގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދަން އިސްލާމިކް ފައުންޑޭޝަން އޮޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ އަޟްހާ އީދުގައި ބަކަރި ކަތިލުން ކުރިޔަށް ގެންގޮސްފައިވަނީ ކާނިވާ ސަރަހައްދުގަ އެވެ. ނަމަވެސް މި އަހަރު އެ ކަން، އޮތީ މެރީ ބްރައިން ކުރިމަތީގައި އަލަށް ހިއްކާ ތަރައްގީ ކުރަމުން އަންނަ ސިނާއީ އަވަށުގަ އެވެ. އަދި އެ މަސައްކަތް ކުރިޔަށް ގެންދަނީ އިސްލާމިކް ފައުންޑޭޝަނާއި އަގީގާ އެމްވީ ގުޅިގެނެވެ.
އިސްލާމިކް ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވީ މާދަމާގެ އީދު ނަމާދަށް ފަހު އުޟްހިޔާ ކަތިލުމުގެ މަސައްކަތް ފަށާއިރު މި އަހަރު 100 އަށް ވުރެ ގިނަ އަދަދަކަށް ބަކަރި ކަތިލާނެ ކަމަށާއި މިހާރު ވެސް ގިނަ ބަޔަކު ގުޅާ އޯޑަރު ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ރާއްޖެތެރޭގެ ރަށްތަކުން އިތުރަށް ބަކަރި ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުޟްހިޔާ ކަތިލާޏް ބޭނުންވާ ބޭފުޅުން ނަން ނޯޓު ކުރުމަށް ފަހު ބޭނުންވާ ބަކިރިއެއް އިހުތިޔާރު ކުރަން މޭރީ ބްރައުން ކުރިމައްޗައް އައިސް ޓެގު އަޅުވަންވީ، ބޭނުންވާ ބަކަރިއެއް ގަތުމުން އެތަނުގައި ކަތިލައި ނޮޅައިދީ އެ ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދެން،" އޭނާ ވިދާޅުވި އެވެ.
ސިނާއީ އަވަށް ސަރަހައްދަށް މިހާރު ވެސް ގިނަ އަދަދަކަށް ބަކަރިތައް ވަނީ ގެންގޮސްފަ އެވެ. އަދި އެ ގަތުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް ދެ އެވެ. ބަކަރިއެއްގެ އަގު ކަނޑައަޅަނީ އެ އެއްޗެއްގެ ބަރުދަނަށް ބަލާފަ އެވެ. އެގޮތުން 25 ކިލޯގެ ބަކަރިން ފެށިގެން 55 ކިލޯ ބަކަރި އެތަނުން ވިއްކަން ހުރެ އެވެ. ގާތްގަނޑަކަށް 5500 އެއްހާ ރުފިޔާއަށް އާދައިގެ ސައިޒެއްގެ ބަކަރިއެއް ލިބެ އެވެ.
އިސްލާމިކް ފައުންޑޭޝަންއާ އަގީގާއެމްވީ ނޫން އެހެން ޖަމިއްޔާތަކުން ވެސް މި ފަހަރު އުޟްހިޔާ ކަތިލުން ކުރިޔަށް ގެންދެ އެވެ. ނަމަވެސް އެ ހުރިހާ ފަރާތްތައް ވެސް އެ މަސައްކަތް ކުރިޔަށް ގެންދާނީ ސިނާއީ އަވަށުގަ އެވެ.