ހަބަރު

ގާސިމަށް ހާއްސަ ހައްގުތަކެއް ދިން: ރިޕޯޓް

0%
0%
0%
  • ޗިޓް ފޮނުވާ ދުވަހު އެޑްމިޓްވާކަން ފާހަގަވި
  • ކޯޓްގައި ދައްކާ ވާހަކަ އާއި މީޑިގައި ދައްކާ ވާހަކަ ތަފާތު
  • ޑޮކްޓަރުން ލަފާ ދީފައި ވަނީ ބޭރުން ޓެސްޓްތަކެއް ހަދަން
ގާސިމް މީގެކުރިން ކޯޓަށް ހާޒިރުވަނީ: ޝަރީއަތުގައި ހާއްސަ ހައްގުތަކެއް ދިން ކަމަށް ރިޕޯޓްގައި ބުނެފައިވޭ - އަހުމަދު ޝުރާއު \ އަވަސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ ޝަރީއަތް ކްރިމިނިލް ކޯޓްގައި ކުރިއަށް ދިޔައިރު ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ހާއްސަ ހައްގުތަކެއް އޭނާއަށް ދީފައިވާނެ ކަމަށް ކޯޓްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ބުނެފި އެވެ. އެ ރިޕޯޓް ކުރިމިނަލް ކޯޓުން އާންމުކުރީ އިއްޔެ އެވެ.

ރިޕޯޓްގައިވާ ގޮތުން ގާސިމް ބަލި ހާލަތު ހުރި ގޮތުން، ޝަރީއަތުގެ އާންމު އުސޫލުގައި ނުހިމެނޭ ހައްގުތަކެއް ވެސް ގާސިމަށް ދީފައިވެ އެވެ. އެގޮތުން އިށީނދެ އިންނަވައިގެން ޝަރީއަތުގައި ވާހަކަ ދެއްކެވުމާއެކު ކޯޓު ރޫމް ތެރޭގައި ވެސް ގާސިމްގެ ސެކިއުރިޓީން ތިބުމުގެ ފުރުސަތު ދީފައިވެ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން ގާސިމްގެ ޝަރީއަތް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގާސިމަށް ލިބިދޭ ހައްގުތައް ދީގެން، އެ ގާނޫނުގައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ. އަދި ގާސިމް ސިއްހީ ފަރުވާއަށް ވެސް ޝަރީއަތުން އެކަށީގެންވާ ފުރުސަތު ދީފައިވާނެ ކަމަށް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، ގާސިމަށް ޗިޓް ފޮނުވާ ދުވަސްތަކާ ގުޅުވައިގެން ހޮސްޕިޓަލްގައި އެޑްމިޓްވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކޯޓަށް ހާޒިރުވެ ވަޑައިގެންނެވުމަށް ފަހު ބަލި ހާލަތު ބަޔާން ކުރުމުގެ ގޮތުން ވާހަކަ ދައްކަވާ ގޮތާއި ކޯޓުގެ އަޑުއެހުން ނިމުމުން މީޑިއާގައި ވާހަކަ ދައްކަވާ ގޮތުގައި ބޭރު ފުށުން ފެންނަންހުރި ތަފާތުތަކެއް ފާހަގަ ކުރެވޭ ކަމަށެވެ.

ގާސިމްގެ ބަލި ހާލަތު ބަޔާން ކުރުމުގެ ގޮތުން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ރާއްޖެއިން ބޭރުން ޓެސްޓްތަކެއް ހެދުން ފިޔަވާ އިތުރު ފަރުވާއެއް ހޯދަން އެއްވެސް ޑޮކްޓަރަކު ލަފާދީފައިވާ ލިޔުމެއް ނެތް ކަމާއި އަދި ގާސިމް އެޑްމިޓްކުރި ކޮންމެ ފަހަރަކު ވެސް ސިއްހީ ފުރިހަމަ ފަރުވާ ހޯދައި ކޯޓަށް ހާޒިރުވެވޭނެ މިންވަރަށް ރިކަވާ ވާވެފައިވާކަން އެނގޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރުން ލަފާ ދީފައިވީ ނަމަވެސް އެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭ ފަދަ ބައްޔެއްކަން ޝަރީއަތަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

ރިޝްވަތު ހުށަހެޅުމުގެ ކުށް ގާސިމްގެ މައްޗަށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި، އެމަނިކުފާނު ބޭރަށް ވަޑައިގެން ބޭސްފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެ ހުކުމްގައި ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު މިހާރު ވަނީ ބަންޑާރަ ނައިބު އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ގާސިމްގެ ޖަލު ހުކުމް ގޭގައި ތަންފީޒު ކުރުމުގެ ހުއްދަ ކަރެކްޝަން ސާވިސްއިން ވަނީ ގާސިމަށް ދީފަ އެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345