ހަބަރު

އީދު ފަޅުފިލުވައިލަދޭ ފަނޑުވުމެއް ނެތް ލަވަތައް!

އެންމެ ކުޑައިރުއްސުރެ އީދު ވިލޭރޭ ރޭޑިއޯ އަދި ޓީވީން ގެނެސްދޭ އީދު ލަވަތަކަކީ އީދު އަަތުވެއްޖެ އެންމެ ބޮޑަށް އިހުސާސް ކޮށްދޭ އެއް އިޝާރާތެވެ. ޓީވީ އަދި ރޭޑިއޯއިން އެ ލަވަތައް އަންނަ އަޑު އިވުމުން ހިތަށް ވެރިވެގެންދަނީ އެހެން ކަހަލަ އިހުސާސްތަކެކެވެ. އެ ލަވަ ތަކުން ގެނެސްދޭ އުފާވެރިކަން ހަމަ ޔަގީނުންވެސް އީދުގެ "ފީލް" ގެނެސްދޭނެ ކަން ޔަގީނެވެ. މިއޮތީ އަބަދަށްފެހި ފަނޑުވުމެއްނެއް ހިތް ގައިމު އީދު ލަވަތަކެވެ.

އީދު ލަވަ އޭ ބުނުމުން އެންމެ ފުރަތަމަ ވެސް ހިތައް އަންނާނެ ލަވަ އަކީ "އީދު އައީ ހިނިތުން ވަމުން" މި ލަވަ އެވެ. އެ ލަވަ އަކީ އީދު އައީކަން އެންމެ ބޮޑަށް އިހުސާސްކޮށްދޭ ލަވަ އެވެ. އީދު ވިލޭރޭ ދިވެހި ރާއްޖޭގެ އަޑު ނުވަތަ ޓީވީއެމް އަޅުވާލުމުން އެންމެ ގިނައިން އިވޭނީ މި ލަވަ އެވެ. އީދު ނަމާދު ކޮށްލައިގެން ގެއަށް ވަދެ ޓީވީ ހުޅުވާލުމުންވެސް އެންމެ ފުރަތަމަ އިވިގެންދަނީ މި ލަވަ އެވެ. އަބުދުލް ހަންނާން އައްބާސްގެ ހިތްގައިމު އަޑުން ކިޔާދީފައިވާ "އީދު އައީ ހިނިތުން ވަމުން" އެ ލަވައިން އީދުގެ އުފާވެރިކަން ވަރަށް ރީތި ކޮށް ބަޔާން ކޮށްދެ އެވެ. ތެދެކެވެ. އީދު ވެގެންދަނީ ހިނިތުންވުން ގެނެސްދޭ ދުވަސްވަރަކަށެވެ.

"އީދޭމީ ބަލަން ނުހުރޭ މިތާ" މި ލަވައަކީ އެންމެ ފޯރިގަދަ އެއް އީދު ލަވަ އެވެ. މި ލަވަ އަޑު އިވުމުން އީދުގެ ފޯރި ގަދަކޮށްލާކަން ޔަގީނެވެ. ލަވައިގެ އަޑު ކަންފަތުގައި ޖެހުމުން ކޮނޑު ހަލުވާނުލާ މަޑުން ނުހުރެވޭނެ ކަން ޔަގީނެވެ. މި ލަވައިގެ ވީޑިއޯއަށް ބަލާލުމުން އޭގައި ފެނިގެންދާ ނެށުމުންވެސް އަރަނީ އެހެން ކަހަލަ 'ކިކެކެ" ވެ. މި ލަވަ ވެގެން ގޮސްފައިވަނީ އީދުގެ ޝޯތައް ފަޅުފިލުވާލަދޭ އެއް ލަވަ އަށެވެ.

ހަމަގައިމުވެސް އުނޫޝާގެ "ފެންކުޅި ކުޅެލަން އެންމެން ހިނގާ" މި ލަވަ ލިސްޓްގައި ނުހިމަނާލައި ހިތްހަމައެއް ނުޖެހޭނެ އެވެ. އުނޫޝާގެ އެ ހިތްގައިމު ލަވަ އަކީ އަދިވެސް ފަނޑުވުމެއްނެތި އީދު ޝޯތަކުގައި އެންމެ ގަދަޔަށް ނަށަމުންދާ އެއް ލަވަ އެވެ. އަބަދުވެސް އެ ލަވަ އަޑުއިވުމުން ނަށާލާހިތުން ނަށާލެވޭނެ ކަހަލަ އިހުސާސްތަކެއް ގެނުވާ ލަވަ އެކެވެ. ނަށަން ނޭންގޭ މީހާވެސް މި ލަވަ އަޑުއިވުމުން ފައި ޖަހާނުލާ ނުހުރެވެ އެވެ. އަދިވެސް މި ލަވަ ހަމަ "ސަޅީ" އެވެ.

ލިސްޓްގައި ދެން މިއޮތް ލަވަ އަކީވެސް ވަރަށް އީދު އިހުސާސް ކޮށްލުވާ ލަވަ އެކެވެ. އެންމެ ކުރިންސުރެ ވެސް އިވެމުން އަންނަ ލަވަތަކުގެ ތެރެއިން "ފަރިވެލި ފިނިފެން މަލުގެ ވަހުން ވަސް ފަތުރުވަމުންނޭ އީދު އައީ" ލަވަ އަކީ އެ ލަވައެއް އަޑުއަހާލުމުން ހިތްހަމަ ޖެހިގެންދާ ލަވައެއް ކަން ޔަގީނެވެ. ރީތި މި ލަވަ އީދު ދުވަހަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭކަން ޔަގީނެވެ.

"އީދު ބޮލަށް ގޮން، އީދު ބޮލަށް ގޮން" އިވުމުން މިއީ ކޮން ލަވައެއް ކަން ނޭންގޭ މީހަކު މަދުވާނެ އެވެ. ހަމަ ގައިމުވެސް މި ލަވައަކީ އީދުގެ އެންމެ ފޯރިގަދަ ލަވަތަކުން ލަވަ އެކެވެ. ލަހުފާ ހިތްގައިމު އަޑުން ކިޔާދީފައިވާ މި ލަވައިން ސަގާފީ އީދު ކުޅިވަރުތައް ވަރަށް ފުރިހަމަކޮށް ކިޔާލަ ދެއެވެ. މި ލަވައިގެ ވީޑިއޯއިން ލަވަ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ. ޒުވާނުންނަށް އީދުގެ ސްޓޭޖް ފަޅުފިލުވާލަދޭން އަދިވެސް މި ލަވަ ވަރެއް ނެތެވެ.

އީދާއ ދިމާކޮށް ތަފާތު އާ ލަވަތަކެއް ދަނީ ދިވެހީންގެ ތެރެއަށް ތައާަރަފް ވަމުންނެވެ. ނަމަވެސް އަދިވެސް ދިވެހީންނަށް އެންމެ ކަމުދަނީ ކުރީގެ ލަވަ ތަކެވެ. އެ ލަވަތަކާއި ޗެލެންޖް ކޮށްލެވޭ ލަވަތަކެއް ފަހުން އިވިގެން ގޮސްފައެއް ނުވެއެވެ. އަދިވެސް ހަމަ "ބެސްޓީ" އެ ލަވަތަކެވެ.