ދިވެހި ސިނަމާ

ފައިރޫ އެންމެ ފަހުން ފިލްމު ކުޅެފި!

އެއީ ތިހީ ކުރާ ފައިރޫ އެވެ. ކުރީގެ ރާއްޖެ ޓީވީގެ ޕްރެޒެންޓަރު / ރިޕޯޓަރު އަދި މިހާރު ސަންގު ޓީވީގެ ނޫސްވެރިޔާ އަހްމަދު ފައިރޫޒް ނުވަތަ ފައިރޫ އެވެ. އާންމުކޮށް ސިޔާސީ އަދި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ހުށަހަޅައިދޭ ނޫސްވެރިޔާ ފައިރޫގެ ފިލްމެއްގެ ވާހަކަ އެވެ. ފައިރޫ ކުޅެފައިވަނީ މިހާރު އަޅުވަން ތައްޔާރުވަމުންދާ ފިލްމު "ހައްދު" ގެ ގެސްޓް އެޕިއަރެންސް ރޯލެކެވެ. ފިލްމުގެ ކާސްޓުންގެ ލިސްޓުގައި އިން ސަޕްރައިޒިން ތަރިއަކީ އެއީ އެެވެ.

މުޅިން ތަފާތު ދާއިރާއަކުން ފައިރޫ ފެނިގެންދާއިރު އޭގެ ސަބަބަކީ ކޮބައިތޯ ކޮންމެހެންވެސް ބަލައިލަންވާނެ އެވެ.

"ދެހާސްއަށް ވަނަ އަހަރުން ފެށިގެން ފައްތާހު އަންނަނީ ކިޔަމުން ފިލްމެއްގެ ތަންކޮޅެއް ކުޅެދޭށޭ، ކުރިން ފައްތާހު ހަދަން އުޅުނު ބިރުވެރި ފިލްމެއްގެ ނިމޭ ހިސާބުން އަންނަ މަންޒަރު ކުޅެދޭން ވެސް އެދުނު. އެކަމަކު ފައިރޫ ބުނިން ނުވާނޭ، ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއަސް އެންޓަޓެއިންމަންޓަކީ އިންޓްރެސްޓް ހުންނަ ދާއިރާއެއްވެސް ނޫން، ވަރަށް ނުބަލަން، ދެ ޑައިރެކްޓަރެއް އުޅޭނީ އަޅުގަނޑަށް ކަމުދާ، ފައްތާހު އެއީ އެއް ފޭވަރިޓް،" ފައިރޫ ބުންޏެވެ. "ދެން އަނެއްކާ ހައްދުގެ މަސައްކަތް ފަށާފައި ކިޔަން ފަށައިފި ގެސްޓް އެޕިއަރެންސް އަކުން ފެނިލަން، އެންމެ ފުރަތަމަ ބުނިން ލާހިކެއް ނޫނޭ ނުވާނޭ، އެކަަމަކު ހައްދުގެ ކާސްޓުންނާއި މުޅި ޓީމް ފެނިފައި އަދި ބައެއް މަންޒަރުތައް ފެންނަން ފެށީމަ އެނގިއްޖެ މީ ވަރަށް ފެންވަރުގެ ފިލްމެއްކަން، ދެން ފައިރޫގެ ރޯލްގެ މައުލޫމާތު ހޯދާފައި ގަޔާވާ ކަހަލަ ރޯލެއް ވީމަ ފުރަތަމަ ވިސްނާނަމޭވެސް ބުނީ،"

ހައްދުގެ ފައިނަލް ޓްރެއިލާގައި ފައިރޫ ފެނިގެންދެ އެވެ. އޭނާގެ ރޯލްވެސް ކޮންމެވެސް ވަރަކަށް ފެނިގެންދެ އެވެ. ހައްދުގައި ފައިރޫ ފެނިގެންދަނީ އާޒިމް ކިޔާ މީހެއްގެ ރޯލުންނެވެ. އެ ކެރެކްޓާއަކީ މަޑުމައިތިރި ހިތް ހެޔޮ ކެއަރިން މީހެއް ދައްކުވައިދޭ ކެރެކްޓާ އެކެވެ. ފިލްމުގެ އެއް ލީޑް އެކްޓްރެސް ކަމަށްވާ އައިމިނަތު ރިޝްފާގެ ލޯބިވެރިޔާ އެވެ.

ކެމެރާގެ ކުރިމަތީގައި އަށެއްކަ އަހަރު މަސައްކަތްކޮށްފައިވީ ނަމަވެސް ފައިރޫއަށް މިއީ ހަމަ މުޅިން ތަފާތު އާ ތަޖުރިބާ އެކެވެ. ކެމެރާއަށް ފަރިތަ ނަމަވެސް ދާއިރާގެ ފުންނާބު އުސް ތަރިންނާއެކު ފައިރޫ ހުރި ވަރަށް އާ ވެފަ އެވެ.

"ޝޫޓިންގައި ހުރެވުނު އިނގޭ ބައެއް ފަހަރު ވަރަށް ލަދުގަނެފައި، މަށަށް ވަރަށް ބޮޑަށް ހެވޭ، ފައްތާހު ވަރަށް ސަޅި، އޭނަ މަގޭ ކައިރީ ބުނޭ އޯކޭވާނޭ ބޭނުންވަނީ ވީހާވެސް ބޮޑަށް ހެވިފައި ހުންނާށޭ، އެ ކެއަރިން ލަވިން ސީންއެއް ވީމަ، ވަރަށް އިންޓްރަސްޓިން މި ފިލްމު، އެންމެ ސަޅީ ދަރާ ރަޝީދުމެން ކަހަލަ ކުރީގެ އެކްޓަރުންތަކަކާއި އެއްކޮށް ފުރަތަމަ ޝޫޓިން ފަށައިގެންވެސް އެ މީހުން ވަރަށް ހެލްްޕްފުލް، ފައްތާހު ސެޓިސްފައި ވެއްޖެއްޔާ އެ ނިމުނީ، އަނެއްހެން ވަރަށް ސަޅި އެކްސްޕީރިއަންސެއް މީ،" ފައިރޫ ކިޔައިދިނެެވެ.

ހައްދުގެ އެންމެ ފަހުގެ ޓްރެއިލާ. --

"ބައެއް މަންޒަރުތައް ހުންނާނެ އެއް ޝޮޓުން ނަގާ ނިންމާލާފައި ހުރި މަންޒަރުތައް ވެސް، ފައްތާހު ވަރަށް ކިޔައިދޭ ވަރަށް ހެލްޕްފުލް، އޭނާއޯކޭ އޭ ބުންޏަސް، އޭނާގެ އަނގަމަތީ ބަސް އެއީ ސަޅިއޭ! އެހެން ބުންޏަސް ގޮސް އަހަން ރަނގަޅަށް ކުރީމަހޭ އޯކޭއޭ ތި ބުނަނީ، ފައްތާހު ދެއްކީމަ އަދި ކެމެރާމަން ކަނޑި ވިޝާން ކައިރީވެސް އަހަން އޯކޭހޭ ހަމަ އޯކޭ ވެގެންހޭ އެހެން އެބުނީ،"

ފައިރޫއަށް އެންމެ އުނދަގޫ އެއް މަންޒަރަށްވީ ޓްރެއިލާގައި އެންމެ ފަހުން އެފެންނަ މަންޒަރު ކަމަށްވާ ދަރާ ރަޝީދު އަދި ރިޝްފާގެ މެދުގައި ފައިރޫ އިންނަ މަންޒަރެވެ. ޑައިލޮގް ހަނދަައިން ނެތިގެން ދެ ތިން ފަހަރަކު އެމަންޒަރު ނަގަން ޖެހުނެވެ. ވާހަކަ ދައްކަން ޖެހުނީމަ މާބޮޑަށް ނާވަސް ވީ އެވެ. އިތުރު ފިލްމަކުން ފައިރޫ ފެނުން ދުރެވެ. އެހެން ނަމަވެސް އަދިވެސް ހައްދު ފެންވަރުގެ ފިލްމެއް ނަމަ ފެނިދާނެ އެވެ. އެކަމަކު ޕްރޮފެޝަން އަށް އެއްވެސް ކަހަލަ ބުުރުލެއް ނާރާނަމަ އެވެ.

މާލެ އާއި، ރިސޯޓު އަދި އަތޮޅު ތެރޭގެ ބައެއް މަންޒަރުތަކުން ފައިރޫ ފެންނަ އިރު ގިނަ އީ އިން ޑޯ ސީން ތަކެވެ. މާލޭގެ މަގުމަތީގައި ނެގި މަންޒަރު ވަރަށް ސިއްރުންނެވެ. މިހާތަނަށް ޕޯސްޓުކުރި އެއްވެސް ފޮޓޯއެއްގައި ފައިރޫ ނުފެނުމަކީ ވެސް ހަމަ ސަޕްރައިޒްދޭން ނިންމާފައިވާ ނިންމުމެކެވެ.

އަބަދު ކޯޓު ފަޓުލޫނުގައި ފައިރޫ އާންމުންނަށް ފެނުނު ނަމަވެސް އެ ފިލްމުގައި ގާތްގަނޑަކަށް ހުރިހާ މަންޒަރެއްގައި ކަހަލަ ގޮތަކަށް ފައިރޫ ފެންނާނީ ސޯޓާއި ޓީޝާޓުގަ އެވެ. އެހެންވީމަ ފިލްމުން ފެނިގެންދާނީ ޓީވީ އިން ފެންނަ ފައިރޫއަށްވުރެ އެތައް ގުނަ ތަފާތު ފައިރޫ އެކެވެ.

ފިލްމީ ދާއިރާއަށް މާބޮޑު ޝައުގުވެރިކަމެއް ނެތް ފައިރޫ ފިލްމަށް ނަގާ އަދި ފައިރޫގެ އެކްޓިން އާ މެދު ޑައިރެކްޓަރު ދެކޭގޮތްވެސް ބަލައިލަން ވާނެއެއް ނޫން ހެއްޔެވެ.

"ފައިރޫގެ އެކްޓިން ވަރަށް ސަޅި ހަމަ ޕްރޯ އެކްޓަރަކަށް ދޫ ނުކުރޭ، ފައިރޫ ފިލްމަށް ނެގީ 2008 އަކުން ފެށިގެން ކިޔަމުން މި އިންނަނީ ފިލްމެއް ކުޅެދޭން، ފައިރޫ އަކީ ކެމެރާ އާ ރައްޓެހި، މީހުން ދަންނަ މީހުން ލޯބިލިބިފައިވާ ފަރާތަކަށް ވާތީ، ފައިރޫ ފެނިދާނެ ފައްތާހުގެ އެހެން ފިލްމަކުންވެސް،" އަވަސް އާ ވާހަކަ ދައްކަމުން ހައްދުގެ ޑައިރެކްޓަރު އަބްދުލް ފައްތާހު ބުންޏެވެ.

އެހެންީމަ ފައިރޫގެ ފޭނުންވެސް ކޮންމެހެން ފިލްމު ބަލަން ދާން ވާނެ އެވެ.

ހައްދުގެ ލީޑް ރޯލުން ރިޝްފާ އާ އެކު ފެނިގެންދާނީ މަރިޔަމް އައްޒަ އަދި މުޅިން އަލަށާ ދާއިރާއަށް ނުކުންނަ އަހްމަދު ޝިބާނެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން އަދި ނުޒުހަތު ޝުއައިބު (ނުޒޫ)ވެސް ފެނިގެންދާނެ އެވެ. ފިލްމު ނަގާފައިވަނީ ހއ. އުތީމާއި އެ އަތޮޅު ކެލަ އާއި ރ. އަނގޮޅިތީމު އަދި އެ އަތޮޅު ވާދޫގަ އެވެ. ރިސޯޓުގައިވެސް ބައެއް މަންޒަރުތައް ނަގާފައިވެ އެވެ. އެ ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އަދި އަންހެނުން މަރިޔަމް އަޝްފާ އެވެ. އެ ދެމީހުންގެ ދަރިފުޅު ޔޫސުފް އަލްސަންގެ އަޑުވެސް އިވިގެންދާނެ އެވެ.