ސަރުކާރުގެ އަމާޒު އޮތީ ރައްޔިތުން ހިތްހަމަ ޖެހޭ ފެންވަރުގައި ތަރައްގީ ގެނެސްދޭން ކަމަށާއި އެކަން ކުރެވޭނީ އެއްބައިވަންތަކަމާއި އެކުވެރިކަން އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުވި ތަހުނިޔާ ހިތޯބުގައި މިއަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން ދިޔުމުން ރައްޔިތުންގެ އެއްބައިވަންތަކަން ރޫޅި، ހިތްތަކުގައި ނުތަނަވަސްކަން އުފެދި ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ. އަދި އޭގެ ސަބަބުން ގައުމީ މަސްލަހަތަށް ލޮޅުން އަރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ގައުމުގައި ހަމަޖެހުމާއި އެއްބައިވަންތަކަން ގާއިމް ކުރެވިގެން ކަމަށާއި ގާނޫން އަސާސީއާއި ގާނޫންތަކަށް އިހުތިރާމްކޮށް ބޯލަނބައިގެން ކަމަށެވެ. އެ މަނިކުފާނު އަދި ވިދާޅުވީ މިއީ އެންމެންގެ ގައުމެއްކަން ހަނދާން ބަހައްޓައިގުޅިގެން މަސައްކަތް ކުރަން އެދި ވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އަޟްހާ އީދުން ދަސްވާ ފިލާވަޅަކީ ތިމާގެ މަސްލަހަތަށް ވުރެ އަނެކާގެ މަސްލަހަތު އިސް ކުރުން ކަމަށާއި އެއިން ހާމަވަނީ އެހެން ފަރުދުންގެ މަސްލަހަތައް ވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް އިސްލާމް ދީނުގައި ބޮޑު އަހަންމިއްޔަތެއް ދިނުން ކަމަށެވެ. އެހެންކަމުން ގައުމީ މަސްލަހަތު އިސް ކުރުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.