ލައިފްސްޓައިލް

ވާހަަކަ ލިޔެ، ކިޔާ މީހުންނަށް އީދު ހަދިޔާއެއް!

ދިވެހި ފިލްމު ބަލާ އޯޑިއަންސެއް ނެތޭ ކިތަންމެ ބާރުލާފައި ބުންޏަސް އޮލިމްޕަހުގައި ފިލްމެއް އެޅުވުމުން އެއީ ދޮގެއްކަން ސާބިތުވެ އެވެ. ހަމަ އެގޮތަށް ދިވެހި ލިޔުންތެރިޔަކު ލިޔެފައި އޮތް ދިވެހި ވާހަކައެއްގެ ވާހަކަ ބުންޏަސް އެ ކިޔާ މީހަކު ނޫޅޭނޭ ވަރަށް ގިނަ ދިވެހިން ބުނެ އެވެ. އެހެން ނަމަވެސް އޮންލައިން ނޫސް ތަކާއި ވާހަކަ ގެނެސްދިނުމަށް ހާއްސަ ވެބްސައިޓްތަކުގެ ހަމައެކަނި ފޭސްބުކް ލައިކް އެންޑް ޝެއާސް އަށް ބަލައިލިއަސް ދިވެހި ވާހަކައަށް މަރުދޭ ދިވެހިން ތިބޭކަން ފާހަގަވެ އެވެ. ވާހަކަތަކަށް ކޮށްފައިވާ ކޮމެންޓުތަކުންވެސް ގިނަ އެވެ.

ދިވެހިންގެ ތެރެއަށް ނުކުމެގެން އުޅޭ އިނގިރޭސި ވާހަކައަށްވުރެ ދިވެހި ވާހަކަ މަދުވެދާނެ އެވެ. އެކަމަކު އެއީ ދިވެހި ވާހަކަ ކިޔާ އޯޑިއަންސެއް ނެތުމެއް ނޫނެވެ. ދިވެހިންގެ ތެރޭގައި ވާހަކަ ލިޔުންތެރިން މަދުވުމުގެ ސަބަބުންނެވެ. ފޮތްތަކުގެ ގޮތުގައި ވާހަކަ ނުނެރުނު ނަަމަވެސް އޮންލައިން ނޫސްތަކުގައި ހުންނަ ވާހަކަ އަދި ވާހަކައަށް ހާއްސަކޮށް ހަދާފައިވާ ވެބްސައިޓްތަކުން ވާހަކަ ކިޔާ މީހުންގެ އަދަދު އެތައް ހާހަކަށް އަރަ އެވެ. އެ ވެބްސައިޓުތަކުން ވާހަކަ ކިޔުންތެރިންގެ އިތުރުން ވާހަކަ ލިޔަން ބޭނުން މީހުންނަށް ވެސް އޮންނަނީ ފުރުސަތު ހުޅުވާލެވިފަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ދިވެހި ވާހަކަ ކިޔުންތެރިންނަށް ހާއްސަކޮށް އުފެއްދި "ވާހަކަޑޮޓްކޮމް" ވެބްސައިޓަކީ މިހާރުވެސް އޭގެ ވާހަކަ ދިވެހިން ދައްކާ ވެބްސައިޓެކެވެ. ލިޔުންތެރިކަމުގެ ހުނަރުހުރި ޒުވާނުންނަށް އެ ހުނަރު އާންމުކޮށް ނެރެ ދައްކާލަން ލިބުނު ފުރުސަތެއް ވެސް މެއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ ވެބްސައިޓް ގެއްލުނީ އެވެ.

ވާހަކަޑޮޓްކޮމްގެ ފޭނުންނަށް މިއަދަކީ އުފާވެރި ދުވަހަކަށް ވެދާނެ އެވެ. ބޮޑު އީދުގެ އުފަލާއެކު އެވެ. މުޅިން އާ ބަދަލުތަކާއެކު މިއަދުން ފެށިގެން ވާހަކަޑޮކޮމް އިން ވާހަކަ ކިޔަންވީ އެވެ. ލިޔުންތެރިންގެ ރީތި ވާހަކަތައް ކިޔައިލެވޭނެ އެވެ. ލޯބީގެ އަސަރުގަދަ ވާހަކަތަކުން ފެށިގެން ޖާދުވީ ދުނިޔޭގެ އިބުރަތްތެރި ވާހަކަތަކެވެ. ހަމައެކަނި ވާހަކަ ކިޔަންވީ އެއްވެސް ނޫނެވެ. ވާހަކަ ލިޔަން ބޭނުން މީހުން ވާހަކަ ލިޔަންވެސް ވީ އެވެ.

ވާހަކަޑޮޓްކޮމް އިން ބުނި ގޮތުގައި ދިވެހި ވާހަކަތަކުގެ ބަގީޗާއަށް މިއަދު ފޮޅިގެން އެދާ މަލަކީ ލިޔުންތެރިންނާއި ކިޔުންތެރިންގެ ޖައްވު މީރު ހުވަނދު ވަހުން ފުރާލާނެ މަލަކަށް ވެގެންދާނެ އެވެ.

މައިގަނޑު އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވާހަކައާއި އަދަބީ ދުނިޔެއަށް ޝައުގުވެރިވާ ފަރާތްތަކަށް، އެފަރާތްތަކުގެ އިހުސާސްތައް ވާހަކަތަކުގެ ސިފައިގައި އާންމުންނަށް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށްވުމެވެ. އަދި ހަމަ އެފަދަ ފަރާތްތަކުން ކިޔާލަން ބޭނުންވާ ވާހަކަތައް އެފަރާތްތަކަށް ވާސިލްކޮށްދޭ ފާލަމަކަށްވެ ހުސްވަގުތުގެ މުނިފޫހިފޫލުވުމާއި ދިވެހި އަދަބީ ޖައްވު ގުޅުވައިދޭ ނާރަށް ވެގެން ދިޔުމެވެ.

އަދި ދިވެހިބަހުގެ ލިޔުންތެރިކަމުގައި ހިމެނޭ މުހިންމު ބާވަތެއް ކަމުގައިވާ ވާހަކަތައް ލިޔެ، ކިޔުންތެރިންނަށް ހިއްސާކުރާނެ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމަކީ ވެސް އަމާޒެކެވެ. އެ އަމާޒަށް ވާސިލްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޮރުކޮށްދެވޭނީ ހަމަގައިމުވެސް މި ވެބްސައިޓަށް ވާހަކަތައް ފޮރުކޮށްދޭނެ ލިޔުންތެރިންނާއި ކިޔުންތެރިންނަށެވެ.

ވާހަކަ ކިޔާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އެ ވާހަކަ ބަރާބަރަށް އަޕްލޯޑުވަމުން ނުދިއުމެވެ. ސިލްސިލާ ވާހަކަތަކަށް ބޮޑެތި މެދުކެނޑުންތައް އައުމެވެ. އެހެން ނަމަވެސް ވާހަކަޑޮޓްކޮމްގެ މުއްސަނދި ހަރުގަނޑުތަކުގައި ހުރި ވާހަކަތަކަށް މެދުކެނޑުމެއް ނާންނާނެ އެވެ. އެ ވެބްސައިޓް މެދުވެރިކޮށް އެންމެ ކަމުދާ ވާހަކަތައް އޮންލައިންކޮށް ވާހަކަ ކަލެކްޝަނެއް ހެދިދާނެއެވެ.

އެންމެ ކަމުދާ ވާހަކަތަކަށް ކޮމެންޓުކޮށް އަދި ރިއެކްޓްކޮށްލެވޭނެ އެވެ. ކަމުދާ ކަމަށްވާނަމަ "ހާޓް" ރިއެކްޓްކޮށްލަން ވީ އެވެ. މީގެ އިތުރުން ވާހަކަ ލިޔުންތެރިޔާ އާ ވާހަކަ ދައްކާލާ ހިޔާލު ބަދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. ދި ކިޔުންތެރިންނަށް އެންމެ ކަމުދާ ވާހަކަތަކަށް އަންނަމުންދާ ބަދަލުތައް މަގުބޫލު ސޯޝަލް މީޑިޔާ އެޕްލިކޭޝަންތައް މެދުވެރިކޮށް ލިބޭނެއެވެ.

މިހާހިސާބުން އަދި ވާހަކަޑޮޓްކޮމްގެ ވާހަަކަ ދައްކާ ނިންމާލެވޭކަން ނެތެވެ. ވާހަކަ ލިޔުމުގެ މުބާރާތްތައްވެސް ކުރިއަށް ގެންދާނެ އެވެ. ވާހަކަ ލިޔަން ޝައުގުވެރިކަން ހުންނަ ޒުވާނުން އަވަހަށް އަމިއްލަ ޕްރޮފައިލެއް ތައްޔާރުކޮށް ވާހަކަ ލިޔަން ފަށާށެވެ. ފޭސްބުކް އެކައުންޓު މެދުވެރިކޮށްވެސް ޕްރޮފައިލެއް ހެދޭނެ އެވެ. ވާހަކަ ލިޔެފައި އޭގެ ކަވާއެއް ހަދާނެ ގޮތެއް ނޭނގެން ކަންބޮޑު ނުވާށެވެ. ކަވާ ހަދަން ބޭނުންވާ ފޮޓޯ ހަވާލުކޮށްލުމުން ވާހަކަ އާއި ގުޅޭ ރީތި ކަވާއެއް ގްރެފިކްސް ޓީމުން ތައްޔާރުކޮށްދޭނެ އެވެ. ވާހަކަތައް ޕްރިންޓްކޮށްގެން ނެރުމުގެ ފުރުސަތުވެސް އޮންނާނެ އެވެ. މީގެއިތުރުން ވާހަކަތަކުގެ އޯޑިއޯ ގެނެސްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނިކަން އަވަހަށް އެޕްލިކޭޝަންވެސް ލޯންޗުކުރާނެ އެވެ.

އެންމެ ރީތި ވާހަކަތައް ޝެއާ ކުރުމުގެ ފުރުސަތުވެސް ލިބޭނެ އެވެ. އެގޮތުން ފޭސްބުކް، ޓްވިޓާ ވައިބާ އަދި ޓެލެގްރާމް ފަދަ އެޕްތައް މެދުވެރިކޮށް ގާތް ފަރާތްތަކަށް ވާހަކަ ހިއްސާކޮށްލެވޭނެއެވެ.