ހަބަރު

ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި

ބޮޑު ޖަމާއަތް ހަދައިގެން، އަޟްހާ އީދު ނަމާދު މާފަންނު ސްޓޭޑިއަމްގައި މިއަދު ހެނދުނު ކޮށްފި އެވެ. ސްޓޭޑިއަމް ސަރަހައްދުގައި މިއަދު ބޭއްވި ބޮޑު ޖަމާއަތުގެ ނަމާދުގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނޭ ގޮތަށް އެތަކެއްހާސް މީހުން ބައިވެރިވެ އީދު ނަމާދު ކޮށްފައިވެ އެވެ.

ސްޓޭޑިއަމްގައި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު ކުރި އިރު، މާލޭގެ އިތުރު 14 މިސްކިތެއްގައި ވެސް ވަނީ އީދު ނަމާދުކޮށްފަ އެވެ. އޭގެ އިތުރުން ވިލިމާލޭ ބޯޅަ ދަނޑާއި ހުޅުމާލޭ ސެންޓްރަލް ޕާކު އަދި ރާއްޖޭގެ ގިނަ ރަށްތަކުގައި ވެސް ބޮޑު ޖަމާއަތުގައި ނަމާދު ކުރި އެވެ.

އީދު ނަމާދަށް ފަހު ހުތުބާގައި މުސްލިމުންގެ ދެމެދު ފިތުނަ އުފައްދާ ބައިބައިވުންތައް އުފައްދަން ކުރާ މަސައްކަތާމެދު ރަށްކާތެރިވެ ތިބުމަށް ގޮވާލެއްވި އެވެ. އަދި އީދުގެ އުފަލުގައި ބައިވެރިވާ އިރު ރުޅިވެރިކަމާއި ހިތްހަމަނުޖެހުންތަކުން އެއްކިބާވެ، ހުރިހާ މުސްލިމުންވެސް ގުޅިގެން ފާހަގަ ކުރަން ޖެހޭނެ ކަމަށް ހުތުމާބައި ކިޔެވެ. އެގޮތުން އީދާއި ހައްޖުވެސް ބާއްވަނީ މުސްލިމުންގެ މެދުގައި ގުޅުންބަދަހިކޮށް ބައިބައިނުވުމަށް ކަމަށް ހުތުބާގައި ކިޔެވެ.

އީދަކީ އަހަރުގެ ތެރޭގައި ހިނގާ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް ގޮތުގައި ފާހަގަ ކުރައްވަމުން، ހުތުބާގައި ވަނީ އިސްލާމީ ތާރީހުން އީދު ފާހަގަ ކުރާ ސަބަބުތަކާއި އޭގެ މުހިންމުކަމުގެ މައްޗައް އަލިއަޅުވާލައިފަ އެވެ.

ހުތުބާއަށް ފަހު ސްޓޭޑިއަމްގައި ތިބި މީހުން އެކަކު އަނެކަކާ އީދު ސަލާމްކޮށް ހެދި އެވެ.