ހަބަރު

ފޯރީގައި އުޟްހިޔާ ކަތިލުން ކުރިޔަށް ގެންގޮސްފި

އަޟްހާ އީދު ނަމާދުގެ ހުތުބާ އަޑު އެހުމަށް ފަހު، ސްޓެޑިއަމްގައި އެއްބަޔަކު މަޑުކޮށްލައިގެން ތިބީ ހިނިތުންވުމާއެކު، އެކަކު އަނެކުގައި ބައްދާލައި، އީދު ސަލާމްކޮށް ވާހަކަ ދެއްކުމަށެވެ. އަނެއްބައި މީހުން އަވަސް އަރުވާލައިގެން ސްޓޭޑިއަމުން ނުކުމެ ހިނގައިގަތީ މެރީ ބްރައުން ކުރިމަތީ، ސިނާއީ އަވަށުގެ ސަރަހައްދާ ދިމާލަށެވެ. ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ވެސް ގޮވައިގެން ވަރަށް ބާރަށް އެ ސަރަހައްދަށް ޖަމާވަމުން ދިޔަ އެވެ. އުޟްހިޔާ ކަތިލުން ކުރިޔަށްދާތަން ބަލާށެވެ.

އެއްބަޔަކު ތިބި ކުޑަ ކުދިން ގޮވައިގެން ބަކަރި ކޮށިތައް ކައިރީ އެ ސޮރުމެން ދެ ފަރާތަށް ދުވާތަން ބަލާށެވެ. އެތަން ބެލުމަށް އެއްބައި ކުދިން ވަރަށް ފޯރި ހުންނަ އިރު އަނެއްގައި ކުދިން ބިރުން ކައިރިއެއް ނުވެއެވެ. އާއިލާތައް ދިޔައީ ވަރަށް މަޖާ ވަގުތުތަކެއް ހޭދަ ކުރަމުންނެވެ. އަނެއް ފަޅީގައި ފަހަރަކު ބަކަރިއަކަށް ފެން ދިނުމަށް ފަހު، ތަރެސްފައި އެއްކޮށް ހިފަހައްޓާލުމަށް ފަހު ކަތިލުން ކުރިޔަށް ދަނީ އެވެ.

އެ ސަރަހައްދުން ދުވާ ވަހަށް ނުބަލާ، އީދު ހެދުމުގައި އެތަނަށް ވަންނަ މީހުންގެ އަދަދު މަަދެއް ނުވެ އެވެ. ބިދޭސީންނާއި ގިނަ ދިވެހިން ވެސް ބަކަރި ކަތިލާ މަންޒަރު ބަލަން ޖަމާވި އެވެ. ކަތިލަން ތިބޭ މީހުން ފައި ކުރި އޮޅާލައި ލެއިން ތަތްތެޅިގެން ވަރަށް ފޯރީގައި އެކަން ކުރަމުން ދެއެވެ. ވަރަށް ވެސް ފަރިތަ އެވެ.

ކަތިލުމަށް ފަހު އަނެއް ފަޅީގައި ސަތަރި އަޅާފައި ހުރި ދިމާލަށް ގެންގޮސް އެ ސޮރުމުންގެ ހަންނޮޅާ މަސްތައް ކޮށާ ހަދައެވެ. އަދި ކަތިލާ ކޮށައި ހެދުމަށް ފަހު ބަކަރި މަސް، އެތަކެތި ގަތް ވެރިފަރާތާ ހަވާލުކުރެ އެވެ.

އުޟްހިޔާ ކަތިލުމުގެ ކަންކަން އިސްލާމިކް ފައުންޑޭޝަނުން ކުރިޔަށް ގެންދާ އިރު މީގެ ކުރިން ދިމާވި އެންމެ ބޮޑު އެއް މައްސަލަ މިފަހަރު ވަނީ ހައްލުވެފަ އެވެ. އެއީ މީހުން ގިނަވެ، ތަނެއް ދޮރެއް ނުފެންނަ ވަރަށް މުޅިތަން ފުރުމެވެ. ނަމަވެސް މިފަހަރު ސިނާއީ އަވަށުގައި އެ މައްސަލައެއް ދިމައެއް ނުވެ އެވެ.

އިސްލާމިކް ފައުންޑޭޝަން އިން ބުނި ގޮތުގައި މި ފަހަރު 100 އަށް ވުރެ ގިނަ ބަކަރި ކަތިލުން ކުރިޔަށްދާނެ އެވެ. އަދި އެ ހުރިހާ ބަކަރިއަކީ ވެސް ރާއްޖެ ތެރޭ ރަށްތަކުން ގެނެސްފައި ހުރި އެއްޗެހި ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.