ކޮލަމް

މުންޑޫ ކޮލަމް: މާފަށްވުރެ ދުރުގައިވާ މެންބަރުން!

Sep 2, 2017
37

ދެދުވަސް އެއްކޮށްލައިގެން އަޅުގަނޑު ބަލައި މި ނިންމީ ހިންދީ ފިލްމެކެވެ. ވަރަށް އަސަރު ކުރުވި މަންޒަރަކާއި ޑައިލޮގު ކޮޅެއް ކޯޓެއްގެ ތެރޭގައި އާދެ އެވެ. ޝަރީއަތެއް ފެށެނީ އެވެ. މަޖިލީހަށް ފަނޑިޔާރު ވަޑައިގެންނެވުމާއެކު ހުރިހާ އެންމެން އަދަބު އިހުތިރާމާއެކު ކޮޅަށް ތެދުވެ އެވެ. އެހެން ނަމަވެސް އެއް ވަކީލަކު ތެދުވުމެއް އިހުތިރާމް ކުރުމެއް ނެތި ހަޅޭއްލަވައި ހަދަ އެވެ. އޭނާއަށް ފަނޑިޔާރު ވިދާޅުވެ އެވެ.

ކޮޅަށް ތެދުވަހަރެވެ. ކަލޭ ތެދުވާނީ ގަދަރާއި އިހުތިރާމް އަހަންނަށް ދޭކަށް ނޫނެވެ. ތެދުވާނީ ކަލޭގެ ގައުމާއި އެ ގައުމުގެ ދިދަ އާއި ރަށްވެހިންނާއި ދީނާއި ގާނޫނުތަކަށް ގަދަރާއި އިހުތިރާމް ދޭށެވެ. އެ ހުރިހާ ކަމެއްގައި ރައްޔިތުން ވަނީ ކަލޭ ވެސް ހިމަނާފަ އެވެ. އެނޫން ކަމަށް ވަންޏާ މި ކޯޓުން ނުކުމެގެން ދާށެވެ. ގައުމިއްޔަތުގެ ބަހާތަކުގައި ހިފަހައްޓައިގެން ތިިބި އެހެން މީހުންނާ އެކަހެރިވާށެ. -- އެއަކު މާފު ދިނުމެއް ނޯވެ އެވެ.

* * *

އަމިއްލަފުޅަށް "ހިންދީ ފިލްމުގެ ބަތޮލެއް" ގެ ގޮތުގައި ސިފަ ކުރައްވާ އަބްދުﷲ މަސީހު މުހައްމަދާއި ކުރިން ވަރަށް ގިނަ ދިވެހި ފިލްމުތަކުގެ ބަތޮލުގެ ރޯލް އަދާ ކުރެއްވި ރީކޯ މޫސާ މަނިކާއި ދެ ބަތޮލުން ލީޑް ރޯލް ކުޅުއްވާ ރައްޔިތުން މަޖިލީހާއި އެ މަޖިލީހުގެ މެންބަރުންގެ ގަދަރާއި އިހުތިރާމް އަޅުގަނޑުމެނަށް ހާދަ ބޮޑެއްކޮށް ކުޑަ ކޮށްލެއްވިއްޖެ އެވެ. އެ ބޭފުޅުންނަށް ނިސްބަތްކޮށް އަޅުގަނޑުމެނަށް މާ ގިނައިން ހަޑި ހުތުރު ބާވަތުން ވާހަކަ ދެކެވެނީ އެވެ. މެންބަރުން ބަދުނާމުކޮށް ނުބައިހާ ތުހުމަތުތައް އެޅުވެނީ އެވެ. އެއީ އަޅުގަނޑުމެން ރައްޔިތުންނަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. އެހެން ހަދާކަށް ނުވާނެ އެވެ.

އަޅުގަނޑުމެނަށް ތަންދޮރު ނުފިލާވަރުން، ނޭނގޭވަރުން ތިޔަ ބޭފުޅުންނަށް ބައިވަރުތައް ގޮވައި ވަށިވަށީން ދެވުނީ އެވެ. ތިޔައީ އަޅުގަނޑުމެނަށް ހިތަކަށް ލިބިފައިވާ ނަސީބުގެ އައްޑިހަ ފަހެކެވެ. ލޮލުގެ ނޫރެވެ. ހިތުގެ ފިނި ކަމެވެ. ދިރިއުޅުމުގެ ކާނާ އެވެ. އަޅުގަނޑުމެން ރައްޔިތުންނަށް ޖެހުނު މި ހާލަތާ މެދު ރައްޔިތުންގެ މަޖިލީހުގެ ތިޔަ އިއްޒަތްތެރި ހުރިހާ މެންބަރުންގެ ކިބައިން އަޅުގަނޑުމެން އެދެނީ ވަރަށް ދީލަތި މާފަކަށެވެ. މާޒީގެ މައްޗަށް އޮތް ހިތާމައެއްގެ ބޮޑު ކަމާއެވެ.

ތިޔަ ބޭފުޅުންނާ ދިމާއަށް ނުހައްގުން އަޅުގަނޑުމެނަށް ދެކެވިފައި ހުރި ހުތުރު ވާހަކަތަކުގެ ސަބަބުން އަޅުގަނޑުމެނަށް މިއުޅެނީ ތިޔަ ބޭފުޅުންގެ ކުރިފުޅުމައްޗަށް ދާން ނުކެރިގެނެވެ. "މަޖިލީހަކާހުރެ ލަދުން ބޯފަޅައިގެން ދާވަރުވެއޭ" އެންމެ ގިނައިން ކިޔުނީ އަޅުގަނޑުމެނަށެވެ. އެ މަލާމާތާއި ފުރައްސާރައިގެ ބަސްތައް އަނބުރާ ގެނެސްފީމު އެވެ. އެހެން ބުނެވުނީ އަޅުގަނޑުމެންގެ ވިސްނުމުގެ ނާރުތަކުގައި ހުރި ގޮށް ޖެހުމަކުންނެވެ. މި އީދުގައި އަޅުގަނޑުމެނަށް މާފު ކޮށްދެއްވާށެވެ.

މިހާރު އަޅުގަނޑުމެނަށް އެބަ ގަބޫލު ކުރެވެ އެވެ. ރީއްޗަށް އެބަ ފެނެ އެވެ. ތިޔައީ ވަރަށް އިއްޒަތްތެރި ބޭފުޅުންކޮޅެވެ. ތިޔަ ހެދުން ކޮޅު ހާދަ ސާފު ވެފައި ރީއްޗެވެ. ލައްފިލުވާއަށް ދޭނެ އެންމެ ތިއްކެއް ވެސް ނުހައްދަވަ އެވެ. ތިޔައިގެ ބޭފުޅުންގެ ދޫފުޅުތަކުން "އަނގުރުއަލިފާން" އުއްކަވާ ތަނެއް އަޅުގަނޑުމެނަކަށް ނުފެނެ އެވެ. ލޯފުޅުތަކުން "ކަނި ބުރުވާ" ތަނެއް ނުދައްކަވަ އެވެ.

ނުބައި ނުލަފާވެގެން އުޅޭ އެހެން މީހުން ފާޑަށް އަނގަފުޅުތަކުން ކޯދޮވެލައި އެހެން މީހުންގެ މޫނުމައްޗަށް "ކޮބަޑި އިސްޕްރޭ" ބުރުވައެއް ނުހައްދަ އެވެ. ބަނޑުތެރެއަށް ވިޔަސް ރޯއަވަގުރާނައެއް ހުތުރު ބަހެއް ވިދާޅެއް ނުވެއެވެ. އަމުދުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުނަށް އުޅެވޭ ގޮތަށް އަދަބުސަދަބު ކުޑަކޮށްލައި އެދާ ބާރުމިނުގައި ގޮސް ކޮޅުފައިން ޖަހައި ދޮރުވައްޓާލައި ތަންތަނަށް ސުންސާފަތިކޮށް ގެއްލުން ދީއެއް ނުހަދަ އެވެ. ގަޔަށް އަތްލައި ކޮއްޕާ ގަޅުވައި ލޭ އޮހޮރުވައި ގޮށް މުށްކަވާފައި ޖަހައެއް ނުހައްދަވަ އެވެ. މަޖިލީހުގެ ރިޔާސަތަށް އިހުތިރާމް ކުރައްވަ އެވެ. ދިވެހި ދިދަ އާއި ގާނޫނުތަކަށް އިހުތިރާމް ކުރައްވަ އެވެ. ތިޔައިގެ އެއް ވެސް ބޭފުޅަކު މަޖިލީހުގެ ތެރެއަށާއި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބިސް ޖަހައި އުއްކެވި ކަމަށް މީހަކު ބުނާ ކަމަށް ވަންޏާ އެވާނީ ހަދައިގެން ދެއްކި ޒާތީ ވާހަކަ އެވެ.

ލަސް ވިޔަސް މިހާރު އެބަ ވިސްނެ އެވެ. އަޅުގަނޑުމެން ރުހިއްޖައީމު އެވެ. ތިޔައިގެ ބޭފުޅުންގެ ބަސްމަގު ތިޔަ ބައްޓަން ކުރައްވަނީ ހާދަ އަސަރުގަދަ ރީތި، ފަށުއި ކޮށެވެ. ތިޔައިގެ ބޭފުޅަކު ހަމަ އެންމެ އިތުރުފުޅެއް ހެއްދެވި އަޑެއް ވެސް އަޅުގަނޑުމެނަކަށް ނީވެ އެވެ. ތިޔަބޭފުޅުން ރިޝްވަތުގައި ހިއްޕަވާ ވާހަކައަކީ ރޯބުހުތާން ހުސް ދޮގެވެ. ޔަގީން، ނުހިއްޕަވާނެ އެވެ. އެވާހަކަ މީގެ ކުރިން އަޅުގަނޑުމެނަށް 1000 ފަހަރު ބުނެވިފައި ވިޔަސް ދޮގެއް ވާނީ ދޮގަކަށެވެ.

ފިސާރި ތެދަށް ދަންނަވާފާނަމެވެ. އަޅުގަނޑުމެނަށް ތިޔަބޭފުޅުންގެ ހުރިހާ ކަމެއް ވަރަށް ކަމުހިނގައްޖެ އެވެ. އަތްފައިގެ ހަރަކާތާއި ލޮލުގެ އިޝާރާތެވެ. މޫނުގެ ކުލަވަރެވެ. އުޅުއްވުމުގެ ވައްޓަފާޅި އެވެ. ކޮންކަހަލަ ނިޔަނެތި ދިރިއުޅުވުމެއް ހެއްޔެވެ؟ ކޮންފަދަ ތުނި ހިތްޕުޅުތަކެއްގެ ވެރި ބޭފުޅުން ކޮޅެއް ހެއްޔެވެ؟ ގާތުން ތިޔައިގެ ބޭފުޅަކު ފެނިއްޖެނަމަ ބުރަކަށީގައި ފިރުމައިލާން ބޭނުމެވެ. ބޮސްދީ އޮޅުލައިގަންނާން ބޭނުންވެ އެވެ.

ނުބައިވެގެންވާ އާދަތައް ކަށީގައި ހިފައި އިޖުތިމާއީ ފޭރާން ވީދި، ހަސް ނެތިގެން ދިޔައީ އަޅުގަނޑުމެން ރައްޔިތުންނެވެ. ގޮތް ސުމާރަ ކުޑަ ކޮށްލައިގެން އުޅެވެނީ އަޅުގަނޑުމެނަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކެތްތެރި ކަމާއެކު ތިޔަ ބައްލަވަނީ އަޅުގަނޑުމެން ހަމަ މަގަށް ގެނެސްދެވޭތޯ އެވެ. ތިޔަބޭފުޅުން އަޅުގަނޑުމެނަށް ނަމޫނާ ދައްކަވަމުން ތިޔަ ވަޑައިގަންނަވަނީ މިސާލު ރީތި ކަމުގެ އެންމެ މަތީ ވަނައިގަ އެވެ. އަޅުގަނޑުމެނަށް ހަމަ ނޭނގެނީ އެވެ. ތިޔަ ބޭފުޅުން ތިޔަހާ އަވަދި ނެތި ތިޔަ އުޅުއްވަނީ އަޅުގަނޑުމެނަށް ހެޔޮ އެއްޗެއް ވިސްނައި ދެވޭތޯ އެވެ. ހުދު ކޮތަރާއި ޒައިތޫނި ފަތްކޯޅި ދިއްކުރާ ބަޔަކަށް އަޅުގަނޑުމެން ހެދޭތޯ އެވެ. ހާދާ ރަނގަޅެވެ. ހާދަ ހެޔޮފުޅެވެ. މި އުޑުން ނަސީބުގެ ތަރި އަރައިގެން އަންނަނީ އެވެ.

އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި ތިޔަ އައްޑިހަ ފަސް މެންބަރުންގެ ހިތްޕުޅު ލޯބިން ފުރިފައިވާއިރު އަޅުގަނޑުމެން މިއީ ކޮންކަހަލަ ނުބައި ބައެއް ހެއްޔެވެ؟ ތިޔައީ ވަރަށް އެކުވެރި، ރަހުމަތްތެރި ގާތް، އެހާ އަހުވަންތަ ބޭފުޅުންކޮޅެކެވެ. ތިޔައިން ބޭފުޅަކު ކިރިޔާ ނުރުހުމެއް ވިޔަސް ވެވަޑައިގަންނަވަނީ ތިޔަ ބޭފުޅުންނަށް ފައިދާއަށް އަޅުގަނޑުމެން ކަމެއް ކުރާން އުޅުނީ ވިއްޔާ އެވެ. ތިޔައީ އެއްވެސް މަވެތި ކަމެއް ނެތް އައްޑިހަ ފަހެކެވެ.

ރުހިއްޖައީމު އެވެ؛ ތިޔަ ބޭފުޅުން ތިޔަ މުހާބަތު ކުރައްވަނީ ރީތިކޮށް އިހުތިރާމާއެކު އެވެ. މަސައްކަތްޕުޅު ތިޔަ ކުރައްވަނީ ރައްޔިތުންނަށް ނަމޫނާ ދައްކަވާށެވެ. ތިޔަ ތިއްބެވީ ރައްޔިތުންގެ ފަރާތުންނެވެ. ތިޔަފަދަ ބޭފުޅުންކޮޅެއް ދުނިޔޭ ތާކު، ނޫން މިއުޑު ދަށުން ހޯދާކަށް ލާހިކު ކުޅަދާނައެއް ނުވާނެއެވެ. އަޅެ ހޯދައި ބަލާށެވެ! މި ޖެހީ ގޮނެކެވެ.

އެހާ ރަނގަޅަށް ރީއްޗަށް ކަންކަން ކޮށްދެއްވާއިރު އަޅުގަނޑުމެނަށް ކަންކަން ގޯސްކޮށްލެވި ފުރޮޅައި ލެވެނީ އެވެ. ތިޔަ އިތްޒަތްތެރި މެންބަރުންގެ ހަށިކޮޅުގައި ވަށައިލެވިފައިވާ ހުދު ކިރުހާ ސާފު، ރީތި ފޭރާމެއް ލިބިގަންނަން އަޅުގަނޑުމެނަށް ނޭނގުނީ ކީއްވެގެން ބާވަ އެވެ؟ މާޒީގެ މައްޗަށް އޮތް ހިތާމައެއްގެ ބޮޑު ކަމާއެވެ.

ތިޔަ އިތްޒަތެރި މަޖިލީހަށް އަޅުގަނޑުމެން ދަންނަވައިލަން އޮތީ އަޅުގަނޑުމެނަށް ވާވަދެވި ގޯޅި އެޅުނީ އެވެ. ވެދިޔަ ތަން މަރުވީ ކަމުގައި ބައްލަވައި ދެއްވާށެވެ. އެކަމާ ދެން ހިތާމަފުޅު ނުކުރައްވާށެވެ. ތިޔަބޭފުޅުންގެ މަސައްކަތާއި ނަމޫނާ ދެއްކެވުމަށް އަޅުގަނޑުމެން ދޭން އޮތީ ސަތޭކައަކުން ސަތޭކައެއް ނޫނެވެ. މަތިމައްޗަށް އޮއްސާލައި ހާހަކުން އައްސަރި ބަހަކާ ސާބަހެކެވެ. އަދި ފަތިފައްޗަށް އަމުނާލާ ޝުކުރާ ތަހާނީގެ ހާހެކެވެ.

ތިޔަ އިތްޒަތެރި މަޖިލީހަށް އަޅުގަނޑުމެން ދަންނަވައިލަން އޮތީ އަޅުގަނޑުމެނަށް ވާވަދެވި ގޯޅި އެޅުނީ އެވެ. ވެދިޔަ ތަން މަރުވީ ކަމުގައި ބައްލަވައި ދެއްވާށެވެ. އެކަމާ ދެން ހިތާމަފުޅު ނުކުރައްވާށެވެ. ތިޔަބޭފުޅުންގެ މަސައްކަތާއި ނަމޫނާ ދެއްކެވުމަށް އަޅުގަނޑުމެން ދޭން އޮތީ ސަތޭކައަކުން ސަތޭކައެއް ނޫނެވެ. މަތިމައްޗަށް އޮއްސާލައި ހާހަކުން އައްސަރި ބަހަކާ ސާބަހެކެވެ. އަދި ފަތިފައްޗަށް އަމުނާލާ ޝުކުރާ ތަހާނީގެ ހާހެކެވެ.
މުންޑޫ ކޮލަމް

ދަންނަވަންތޯ އެވެ. ރައްޔިތުންނާއެކު ތިޔަ ކުރައްވާ އާދައިގެ ހިތްޕުޅު ތިރި ޗުއްޓީ ނިންމަވާފައި އަވަހާ ވަޑައިގަންނަވާށެވެ. އަޅުގަނޑުމެންގެ މައްސަލަ ބައްލަވައި ދެއްވާށެވެ. އަޅުގަނޑުމެނަކު ދެނެއް ތިޔައިގެ އެއްވެސް ބޭފުޅަކަށް ހުތުރު އެއްޗެއް ނުބުނާނޫ އެވެ. ތިޔަ އިތްޒަތްތެރީންގެ އަގު އަޅުގަނޑުމެން ހިފަހައްޓައި އުފުލާނޫ އެވެ. އަލުން އެހެން ވެއްޖެއްޔާ ގަދަ ރަތަކާއި ގަދަ ފެއްސަކާއި ހުދު ހަނދުފަޅީގެ ހިޔަލުގެ ބޭރަށް އަޅުގަނޑުމެން ކޮއްޕާ އެކަހެރިކޮށްލައި ޖާހިލުކަން މަތީ އުޅޭން ދޫކޮށްލާނީ އެވެ. -- މާފު ދިނުމެއް ނެތެވެ!