ހަބަރު

ގެއްލުނު ހައްޖުވެރިންގެ ތެރެއިން އެކަކު ފެނިއްޖެ

Sep 3, 2017

ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށް މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން މުޒްދަލިފާ އިން މިނާއަށް ދިޔަ މަގުމަތީގައި އޭގެ ތެރެއިން ގިނަ ބަޔަކު ޖަމާއަތާ ވަކިވެ، ގެއްލުނު ދެ ހައްޖުވެރިންގެ ތެރެއިން އެއް ހައްޖުވެރިއަކު ފެނިއްޖެ އެވެ. އެ މީހުން ގެއްލިފައިވަނީ މިދިޔަ ހުކުރ ދުވަހު އެވެ.

ހޯދަމުން ދަނިކޮށް ރޭ ފެނިފައިވަނީ ނ. ވެލިދޫ އަމީނާ ހަސަން 63، ކަމަށްވެ އެވެ. އޭނާ ފެނިފައިވަނީ މިނާގެ މުޒްދަލިފާއާ ވީ ކޮޅުގައި ހުންނަ މަސްޖިދުއް ކުވެއިތު ކައިރިންނެވެ.

ގެއްލިގެން ހޯދަމުންދާ އަނެއް މީހާ އަކީ ޅ. ނައިފަރު ފިރިހެެނެއް ކަމަށްވެ އެވެ.

ޖަމާއަތާ ވަކިވެ އެކި ދިމާލަށް ބެހި މަގު އޮޅެން މެދުވެރިވި ސަބަބަކީ ދިވެހިން ދަތުރު ކުރުމަށް ހަމަޖައްސާފައިވާ ބަސް އައުން ލަސްވުމުން ބައެއް އެހެން ބަސްތަކަށް އަރައިގެން ދިޔުން ކަމަށާއި އެހާ ހިސާބުން މަގު އޮޅިގެން ވަރަށް ގިނަ މީހުން ޖަމާައަތްތަކަށް ގުޅަމުން ގެންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެގޮތުން ގެއްލިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔެކެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ހޯދާފަ އެވެ.