ވިޔަފާރި

މިފްކޯގެ ސީއެފްއޯ ވަކިކޮށް އާ މީހަކު ހޯދަނީ!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުރި މަންޗަނައިކަ ވަކިކޮށް، އެ މަގާމަށް އާ މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ބުނެފައިވާ ގޮތުގައި 3،000 ޑޮލަރު (ގާތްގަނޑަކަށް 46،260ރ) ގެ މުސާރައަކަށް އިތުރު އެލަވަންސް ތަކާއެކު ލިބޭ ސީއެފްއޯގެ މަގާމަށް ކުރިމަތިލާ މީހަކީ ފައިނޭންސް އާއި އެކައުންޓިންއިން މާސްޓާ ޑިގްރީ އޮންނަންވާނެ އެވެ. މީގެ އިތުރުންވެސް މި މަގާމާ ގުޅުންހުރި ދާއިރާއިން ގިނަ ދުވަހުގެ ތަޖުރިބާވެސް އޮންނަން ޖެހެ އެވެ.

މިފްކޯއަށް ސީއެފްއޯއެއް ހޯދަން އިއުލާނު ކުރިއިރު، ސަރުކާރުން ދާދިފަހުން ވަނީ އެ ކުންފުނި، ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ. އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަން ފެށިއިރު، އެ ކުންފުނީގައި ބޮޑު ދަރަންޏެއް އެބައޮތެވެ. އަދި އޭރު މަސްވެރިންނަށް ފައިސާ ނުލިބޭކަމުގެ ޝަކުވާ ވެސް އޮތީ ބޮޑުވެފަ އެވެ. ނަމަވެސް މިހާރު އެ ފައިސާ ދައްކާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މި ބަދަލުގެ ސަބަބުން އެސްޓީއޯ އާއި މިފްކޯއަށް ފައިދާ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.