ހަބަރު

ރާނީ ހިނގުމާއި ހިއްޗަށްވަޑައިގަތުން!

ހދ. ކުޅުދުއްފުށިން: ނާޒިމް ހަސަން
Sep 4, 2017
4

ހިއްޗަށްވަޑައިގަތުމަކީ މިހާރު ކުޅިވަރަކެެވެ. ހދ. ކުޅުދުއްފުށީގައި ކުޅެމުން އަންނަ ކުޅިވަރެކެވެ. އެކަން މި އަހަރު ވެސް ވަނީ ކޮށްފަ އެވެ. ކުޅުދުއްފުށީގެ ދުވަސްވީ ބަޔަކު އިސްނަގައިގެން ކުރަމުން އައި މިކަމަކީ އިހު ޒަމާނުގެ ރަސްކަލުން ރަށު ތެރެ ބަލާލުމަށް ނިކުނަ ނިކުންނެވުން ދައްކުވައިދޭ ކުޅިވަރެކެވެ.

މި ކުޅިވަރު ވެސް އޮންނަނީ ރަށުގެ ބޮޑު މަގުގަ އެވެ. މަގުގެ ދެކޮޅަށް ހިނގާލުމެކެވެ. ކުޅިވަރުގެ އެންމެ އިސް ރޯލެއް އަދާކުރަނީ ރަސްގެފާނާއި ރާނީ އެވެ. ރަސްކަލުންގެ ހެދުން އަޅައިގެން އެ ޝަރަފުގައި ހިނގާފައި އަންނައިރު ވަށައިގެން ގާޑުން ތިބެ އެވެ. އެމީހުން ތިބެނީ ހަންޖަރު ހިފައިގެންނެވެ.

ހިއްޗަށްވަޑައިގަތުން އިއްޔެ ހަވީރު ކުޅުދުއްފުށީގައި ކުރިއަށް ދިޔައިރު މި ކުޅިވަރަކީ ވެސް ކުޅުދުއްފުށީގައި ފޫހިނުވި ކުޅިވަރެކެވެ. ކުދިބޮޑު ގިނަ ބަޔަކު އިއްޔެ ވެސް މި ކުޅިވަރު ބަލާލާފައިވެ އެވެ.

ހިއްޗަށްވަޑައިގަތުން ކުޅިވަރުގެ ކުޅުދުއްފުށީގެ މޭސްތިރިޔާ މިފަހުން ނިޔާވެފައިވާއިރު، އެ ކުޅިވަރު އުފެދުނު ގޮތާއި ވީ ދުވަހާ އޮޅުންފިލުވޭ ގޮތެއް ނުވި އެވެ. ނަމަވެސް ދުވަސްވީ މީހުން ބުނާ ގޮތުން ކުޅިވަރަކީ ވަރަށް ދުވަސްވީ ކުޅިވަރެކެވެ. އެ ކުޅިވަރުގެ ތެރެއިން މީގެ ދެ އަހަރެއްވަރު ކުރިން އާ ކުޅިވަރެއް ވެސް ވަނީ އުފެދިފަ އެވެ. "ރާނީ ހިނގުން" އެވެ.

ރާނީ ހިނގުމަކީ ހިއްޗަށްވަޑައިގަތުމުގެ އަންހެން ކުޅިވަރެކެވެ. ރާނީ ހިނގުމުގައި ފެނިގެން ދާނީ ރާނީ މަގުމަތީ ހިންގަވާ މަންޒަރެވެ. އަދި ރާނީގެ ޝަރަފުގައި ފަހަތާއި ކުރީގައި އަންހެން ތިބޭ ތަނެވެ. ގާޑުންނަށް ވެސް ތިބެނީ އަންހެނުންނެވެ. މި ކުޅިވަރު ކުރިއަށް ގެންގޮސްފައިވަނީ އީދު ދުވަހުގެ ފުރަތަމަ ދުވަހު ހަވީރު އެވެ.

ކުޅުދުއްފުށީގައި މި އަހަރު މުޅިން ވެސް ކުރިއަށް ގެންގޮސްފައިވަނީ ސަގާފީ ކުޅިވަރުތައްކަން ފާހަގަކޮށްލެވެ އެވެ. ކުރިން ވަރަށް ފޯރީގައި ބާއްވާ ސްޓޭޖް ޝޯ މި އަހަރު ނުބާއްވަ އެވެ.