ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ބޭސްފަރުވާއަށް އަދީބު ބޭރަށް ފޮނުވުމުގެ އަމުރަކަށް ކޯޓުގައި އެދިއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތު އިތުރަށް ގޯސްވާތީވެ ރާއްޖެއިން ބޭރަށް ފޮނުވައި ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އަދީބްގެ ގާނޫނީ ވަކީލް މޫސާ ސިރާޖު "އަވަސް" އަށް ވިދާޅުވީ އަދީބަށް ރާއްޖެއިން ކުރެވެން ނެއް ފަރުވާތަކަށް ބޭރަށް ފޮނުވައިދިނުމަށް ސިވިލް ކޯޓުގައި އަމުރަކަށް މީގެ ހަފްތާއެއް ކުރިން އެދިފައިވާނެ ކަމަށާއި މައްސަލަ ބަލައިގެންކަން ޔަގީން ވާނީ އީދު ބަންދަށް ފަހު ކަމަށެވެ.

ސިރާޖް ވިދާޅުވީ މީގެ ކުރިން ވެސް އެކި ފަހަަރު މަތިން ކަރެކްޝަނަށް ޑޮކްޓަރުގެ ލިޔުންތައް ހުށަހެޅިފައިވާނެ ކަމަށާއި ނަމަވެސް ކަރެކްޝަނުން އެ މައްސަލަތައް މެޑިކަލް ބޯޑަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މެޑިކަލް ބޯޑަށް މައްސަލަ ހުށަހެޅުމަކީ ކަރެކްޝަންގެ ޒިންމާ އެއް ކަމަށާއި އެކަން ކަރެކްޝަނުން އަދާ ނުކުރާ ކަމަށް ސިރާޖް ވިދާޅުވި އެވެ.

"ޖުމްލަކޮށް ހުރިހާ ބައްޔަކަށް ފަރުވާ ހޯދުމަށް ހާއްސަކޮށް ލޮލުގެ ގުލްކޮމާ ބައްޔަށާއި އެތެރެހަށީގެ ސިސްޓްގެ ބައްޔަށް ފަރުވާ ހޯދުމަށް އެދިފައިވާނީ، މީގެ އަހަރެއް ދުވަސް ކުރިން ޑޮކްޓަރުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ލަފާދީފައިވޭ. އަދި ލޮލުގެ ތިން ޓެސްޓެއް ހަދަން ބުނި އިރު އޭގެ ތެރެއިން ރާއްޖޭގައި ނުހެދޭ ޓެސްޓް ތަކެއްވެސް އެބަހުރި،" ސިރާޖް ވިދާޅުވި އެވެ.

އަދީބުގެ މިހާރުގެ ހާލުހުރިގޮތާއި ބެހޭ ގޮތުން ސިރާޖު ވިދާޅުވީ މީގެ ކުޑަދުވަސް ކޮޅެއްކުރިން އަދީބު އުޅުއްވީ ހުން އައިސް ވަރަށް ބަލިކޮށް ކަމަށާއި ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފައި ނުވާ ކަމަށެވެ. އަދި އަދީބުގެ ހާލު އިތުރަށް ގޯސްވަމުންދާ ކަމަށާއި ބީޕީވެސް ވަރަށް ދައްކަމަށް ސިރާޖް ވިދާޅުވި އެވެ.

"ހުން އައިސްގެން ވަރަށް ބަލިކޮށް އުޅުނޫ މިދޭތެރެއިން، އެކަމަކު ފަރުވާ އަށް މާލެ ގެނެސްފަ އެއް ނުވޭ، ދޫނިދޫގައި ފަރުވާ ދީފައިވަނީ، ދެފަހަރެއްގެ މަތިން ލޭ ނަގައިގެން ޓެސްޓްތަކެއް ހަދާފައިވޭ، ބީޕީވެސް ވަރަށް ދައްކަމަށް މައުލޫމާތު ލިބިފައިވަނީ،" ސިރާޖު ވިދާޅުވި އެވެ.

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބަށް ލޮލުގެ ބައްޔެއް ކަމަށްވާ ގޮލްކޯމާ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެކަމުގެ ފަރުވާއަށް ބޭރަށް ފޮނުވާދޭން އެދިފައިވީ ނަމަވެސް އަދީބު ފިލާފާނެ ކަމަށް ބުނެ ސަރުކާރުން އެ ފުރުސަތެއް ނުދެ އެވެ. ނަމަވެސް އެކަށީގެންވާ ބޭސްފަރުވާ ހޯދައިދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފަ އެވެ. އަދީބުގެ އާއިލާއިން ވަނީ ބޭރަށް އަދީބު ގެންގޮސް ފަރުވާ ދެވޭނެ ގޮތް ހަދައިދިނުމަށް އެދިފަ އެވެ. އަދީބުގެ ބޭސްފަރުވާއަށް މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް އާއިލާއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.