ކުރިއަރަމުން އަންނަ ވިޔަފާރިތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތަރައްގީއަށް ކުރާ މަސައްކަތުގެ ބޭނުމަކީ ވަކި މީހަކު ފައިދާއިން މަހުރޫމް ކުރުން ނޫންކަމަށާއި އެއީ ދުނިޔޭގެ އިގްތިސޯދީ ޗާޓު ވަރުގަދަ ކުރަން ކުރާ މުހިއްމު މަސައްކަތްތަކެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.
ޗައިނާގައި ޝިއާމަންގައި އިއްޔެ ފެށި "ބްރިކްސް" ގެ ނުވަ ވަނަ ސަމިޓްގެ ބިޒްނަސް ފޯރަމް ބައްދަލުވުމުގެ ކީނޯޓް ދެއްވަމުން ޝީ ވަނީ، މިހާތަނަށް ހަމައެކަނި ބްރެޒިލާއި ރަޝިއާ އާއި އިންޑިއާ އާއި ޗައިނާ އަދި ސައުތު އެފްރިކާ ހިމެނިގެން ތަރައްގީވަމުން އައި "ބްރިކްސް ގުޅުން" އިތުރަށް ފުޅާކުރަން ޗައިނާއިން ކުރާ މަސައްކަތްތައް ޕްރޮމޯޓް ކުރުމަށް ގޮވާލައްވާފައެވެ.
ބްރިކްސް އުފަންވިތާ ދިހަ އަހަރު ފަހުން "ބްރިކްސް ޕްލަސް" ގެ ނަމުގައި އާ ޝިއާރެއް އުފަންކޮށް، ޗައިނާއިން ދަނީ އިތުރު ގައުމުތަކަށް ބްރިކްސް ފުޅާކުރުމަށް ޗައިނާއިން ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް މެންބަރު ގައުމުތަކާ އެކު މަޝްވަރާތައް ފަށާފަ އެވެ.
ޝީ ވިދާޅުވީ، ބްރިކްސް ގުޅުން ފުޅާކުރުމާ މެދު މެންބަރުން ކަންބޮޑުވީ ނަމަވެސް ޒަމާނީ އިގްތިސޯދީ ތަރައްގީގެ އާ އުސްމިންތަކާ ހަމަޔަށް ވާސިލުވުމަށް އިތުރު ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"... ފުޅާވަމުން އަންނަ ވިޔަފާރިތަކާއި ތަރައްގީވަމުން އަންނަ ގައުމުތައް އަހަރެމެންގެ ގުޅުމަށް އެބަ ބޭނުންވޭ. އޭގެ ބޭނުމަކީ ދޭދޭ ގުޅުން ތަރައްގީކުރުމާއެކު ފުރުސަތުތައް ވެސް ފުޅާކުރުން،" ޝީ ވިދާޅުވި އެވެ. "ޗައިނާގެ ކާބަފައިން ބުނެ އުޅޭ، އެންމެ ތީރެއް ފަސޭހައިން ބިންދާލެވިދާނެ. ނަމަވެސް ބައިވަރު ތީރު އެއް ބޮޑިއަކަށް ބަނދެލުމުން އެ ބިންދައިލަން ވަރަށް އުނދަގޫ ވާނެ،"
ރައީސް ޝީގެ ނަޒަރުގައި ބްރިކްސްގެ ގުޅުމަށް އަހަރުތަކެއް ވެ، ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި ބްރިކްސްގެ ނުފޫޒު ބޮޑު ވުމަކީ ބްރިކްސް އިތުރަށް ވަރުގަދަކޮށް ފުޅާކުރަންޖެހިފައިވާ މައިގަނޑު އެއް ސަބަބެވެ.
ބްރިކްސް ޕްލަސް ގެ މަގްސަދު ހަގީގަތަކަށް ހެދުމަށް ޗައިނާއިން މަސައްކަތްކުރި ނަމަވެސް އޭގެ ސަބަބުން ބްރިކްސްގެ ހަގީގީ ލަނޑުދަނޑިތަކަށް އަސަރުކޮށްފާނެތީ މެންބަރު ގައުމުތައް ވަނީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.
"ބްރިކްސްގެ މަގްސަދަކީ ޓްރޭޑް އިންވެސްޓްމަންޓްތަކަށް މަގުފަހި ކުރުވާނެ ވަރުގަދަ މާކެޓްތަކެއް ތަރައްގީކުރުން. ފައިސާ ފަސޭހަކަމާއެކު ދައުރުވާނެ ބިނާކުރުވަނިވި ނިޒާމްތަކެއް ޕްރޮމޯޓްކުރުން. އަދި ހަމައެހެންމެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް އެކި ފެންވަރުގެ މީހުންނާ ގުޅުން ބަދަހިކުރުން،" ޝީގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ބްރިކްސްގެ ބައްދަލުވުމަށް މެންބަރު ގައުމުތަކުގެ އިސްވެރިން ވަނީ ޗައިނާއަށް ވަޑައިގަންނަވަން ފައްޓަވާފައެވެ. ސަމިޓްގައި އިންޑިއާގެ ޕްރައިމް މިނިސްޓަރު މޯދީ އާއި ރަޝިޔާގެ ރައީސް ޕުޓިންގެ އިތުރުން ބްރެޒިލް އަދި ސައުތު އެފްރިކާގެ ދެ ރައީސުން ވެސް ބައިވެރިވެ ވަޑައިގެންނަވާނެ އެވެ. އެ ބޭފުޅުންނާއެކު ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު އެވެ.
އިއްޔެ ފަށާފައިވާ ބްރިކްސް ގެ ބައްދަލުވުންތައް ޗައިނާގައި ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. ގިނަ ބިޒްނަސް ފޯރަމްތަކާއި ބްރިކްސް ޕްލަސް އާ ބެހޭ މަޝްވަރާތައް ވެސް މި ބައްދަލުވުން ތަކުގައި ކުރިއަށްގެންދަން ވަނީ ތާވަލުކޮށްފަ އެވެ.