ތާރީހު

ކަޅުތުއްކަލާގެ އިސްލާހީ އެޖެންޑާ: ރާއްޖޭގެ މުހިންމު ޗެޕްޓަރެއް!

Sep 5, 2017
8
  • ދިފާއު ވަރުގަދަކޮށް ޣައިރު ގާނޫނީ ރަސްކަން ނިމުމަކަށް
  • އިސްލާހީ މަސައްކަތް ދަރިކަލުން ކުރިޔަށް ނެރުއްވެވި
  • ނިޒާމެއްގެ ތެރެއަށް ރަސްކަންގެންދަވައި ހަތިޔާރު ހޯއްދެވި

އެ ނަން މަޝްހޫރުވެފައި އޮންނަނީ ބޮޑު ރަސްގެފާނުގެ ނަމުގަ އެވެ. އެއީ ކޮން ބޭފުޅެއްކަން ބުނެދޭން އެނގޭ މީހަކު މިހާރު ވަރަށް މަދުވާނެ އެވެ. ބޮޑު ރަސްގެފާނަކީ އައްސުލްތޯނު މުހައްމަދު އިމާދުއްދީނުލް އައްވަލެވެ. އެހެން ގޮތަކަށް ލިޔާ ނަމަ މަޝްހޫރު "ކަޅުތުއްކަލާ" އަކީ ވެސް ބޮޑު ރަސްގެފާނެވެ. ރާއްޖޭގެ ތާރީހު ބަލައި ދިރާސާކުރާއިރު، ބޮޑު ރަސްގެފާނަކީ ވިސްނުންފުޅާއި ހިކުމަތް ވަރަށް ބޮޑަށް އިސްކުރެއްވި އާދަޔާ ހިލާފު ރަސްކަލެކެވެ. ހާއްސަކޮށް އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ ވަރަށް ވަރުގަދަ "އިސްލާހީ އެޖެންޑާއެއް" ގެންނަވައި ދުޝްމަނުންގެ ދުއްތުރާލުން ރާއްޖެ ސަލާމަތް ކުރަން އެންމެ ބޮޑު މަސައްކަތްތަކެއް ކުރެއްވި ރަސްކަލުންގެ ތެރޭގަ އެވެ.

ރާއްޖޭގެ ރަސްކަމުގެ ދަރިކޮޅުތަކަށް ބަލާއިރު ބޮޑުރަސްގެފާނު ހިމެނިގެންދަނީ އުތީމު ދަރިކޮޅުގެ ތެރެއަށެވެ. އެ ދަރިކޮޅުގެ ވަރުގަދަ ސިޔާސީ ތަނބުތަކުގެ ތެރެއިން އެއް ތަނބަކީ ބޮޑު ރަސްގެފާނެވެ.

ރާއްޖޭގެ އެންމެ އަގުހުރި ހިދުމަތްތެރިން ނިސްބަތްވަނީ އުތީމު ދަރިކޮޅަށެވެ. ރާއްޖޭގެ ގައުމީ އެންމެ ވަރުގަދަ އަދި ޝަރަފުވެރި ބަތޮލު ބޮޑުތަކުރުފާނުގެ ދަރިކޮޅެވެ. އެމަނިކުފާނުގެ ކޮއްކޯފުޅު ހަސަން ތަކުރުފާނާއި ބޭބޭފުޅު އަލިތަކުރުފާނަކީ އުތީމު ދަރިކޮޅުގެ ގައުމީ ތިން ބަތޮލުން، ނުވަތަ މަޝްހޫރު އުތީމު ތިންބެއިންނެވެ. އެހެންކަމުން ބޮޑު ރަސްގެފާނު ވަދެގެން ދަނީ މި ދަރިކޮޅުގެ ކޮން ހިސާބަކަށްތޯ ބަލައިލާން ޖެހެ އެވެ.

ބޮޑު ރަސްގެފާނު ނުވަތަ ކަޅުތުއްކަލާ އަކީ ބާރަށު ކަޅު ހަސަން ކަލޭގެގެ ދަރިކަލުން އުތީމު ކަޅުއަލީ ހަތީބު ތަކުރުފާނުގެ ދަރިކަލުން ހުސައިން ހަތީބު ތަކުރުފާނުގެ ދަރިކަލުން އަލިތަކުރުފާނުގެ ދަރިކަނބަލުން މަރިޔަމް ކަނބައިދިކިލެގެ ކަނބާ އާމިނާ މާވާގެ ދަރިކަލެކެވެ. ބޮޑު ރަސްގެފާނުގެ ބައްޕާފުޅަކީ ތ. އަތޮޅު މަޑިފުށީ އުމަރު މާފަތްކިލެގެ އެވެ.

އުތީމު ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނަށް ފަހު ރަސްކަން ލިބިވަޑައިގަތީ ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނަށެވެ. އެއީ އައްސުލްތޯނު އިބްރާހިމް ކަލާފާނެވެ. އެމަނިކުފާނުގެ ރަސްކަމުގެ ދައުރުގައި ރަސްކަމުގެ ވަލީ އަހުދެއްގެ ގޮތުގައި ހުންނެވީ ކަޅުތުއްކަލާ އެވެ.

ކަލާފާނުގެ ދައުރުގައި ރާއްޖެ އަށް ހަމަލާދޭން މަލާބާރީން އައެވެ. ދުޝްމަނުން ހަމަލާދޭން އައުމުން ކަލާފާނަށް އޭރުގެ ފަނޑިޔާރުތަކުރުފާނު އެރުވި ލަފަޔާ އެއްގޮތަށް ފިއްލަވަން ވަޑައިގަންނަވަނިކޮށް އެމަނިކުފާނު އަވަހާރަކޮށްލީ ޖެނުއަރީ 28، 1609 ގައި ކަނޑުމަތިންނެވެ.

އެމަނިކުފާނު އަވަހާރަކޮށްލުމާ އެކު މަލާބާރީންގެ އެންމެ ބޮޑު އަމާޒަކަށް ވީ އޭރުގެ ޒުވާން ވަލީއަހުދު "ކަލުތުއްކަލާ" އެވެ. އެގޮތުން މަލާބާރީން ކަޅުތުއްކަލާ ކަންނަންނޫރަށް ގެންގޮސް އެތަކެއް އަނިޔާތައް ދިނެވެ. އެހެންކަމުން ކަޅުތުއްކަލާ އަކީ ވަލީއަހުދު ކަމުގައި ވިޔަސް ކަލާފާނަށް ފަހު ރަސްކަމަށް ވަޑައިގަތީ އައްސުލްތޯނު ހުސައިން ފާމުލަދޭރިކިލެގެފާނެވެ.

އެމަނިކުފާނު ރަސްކަމަށް ވަޑައިގެންނެވި އިރު ވެސް ކަޅުތުއްކަލާ ހުންނެވީ ކަންނަންނޫރުގައި މަލާބާރީންގެ އަތްދަށުވެފަ އެވެ. ކަޅުތުއްކަލާ މާލެ ވަޑައިގަތީ އޭގެ މާ ފަހުންނެވެ.

އައްސުލްތޯނު މުހައްމަދު އިމާދުއްދީނުގެ ނަމުގައި ކަޅުތުއްކަލާ ރަސްކަމަށް އިސްވެވަޑައިގަތީ ފެބުރުއަރީ 9، 1620 ގަ އެވެ. ތާރީހުން އެނގެނީ "އައްސުލްތޯނު މުހައްމަދު އިމާދުއްދީނު" މި ނަމުގައި ރަސްކަމަށް ވަޑައިގަތް ފުރަތަމަ ރަސްގެފާނަކީ ކަޅުތުއްކަލާ ކަމެވެ.

ކަޅުތުއްކަލާ ރަސްކަމަށް ވަޑައިގަތުމާ އެކު މަޝްހޫރުވެވަޑައިގަތީ ބޮޑު ރަސްގެފާނުގެ ގޮތުގަ އެވެ. މައިގަނޑު ސަބަބަކީ ކަޅުތުއްކަލާގެ ހައިބަތާއި ގަދަރު އުފުލިގެންވާލެއް ބޮޑުކަމާއި ރަސްކަމުގެ އުސޫލުތައް ފުރަތަމަ ދުވަހުން ފެށިގެން ތަރުތީބު ކުރައްވަން ފެއްޓެވި އާ ޒަމާނީ ގޮތާއި ރަސްކަމުގެ މުސްކުޅި އުސޫލުތައް ދޫކޮށް ޒަމާނީ ކުރައްވަން ފެއްޓެވުމެވެ. އެގޮތުން "އިސްލާހީ އެޖެންޑާއެއް" އެކުލަވައިލެއްވި އެވެ. އެ މަސައްކަތް އެމަނިކުފާނު ފެއްޓެވި އިރު ރަސްކަމުގެ އެތެރެކޮއިލު އޮތީ މުޅިން ވީރާނާވެ ސުންނާފަތިވެފަ އެވެ. އެހެންކަމުން އިސްލާހީ އެޖެންޑާގެ އެންމެ އިސް މަސައްކަތަކަށް ހެއްދެވީ ކޮއިލުތެރެ، އާބާތުރަ ފިލުވައި މަރާމާތުކޮށް ދިވެހި ދައުލަތުގެ ބާރުވެރިކަން އެންމެ މަތީ މަރުހަލާ އަށް ގެންދިއުމެވެ.

ކަޅުތުއްކަލާ ފެއްޓެވި، ބުރަ ބޮޑު މި މަސައްކަތަށް ފަހު، އެމަނިކުފާނުގެ އިސްލާހީ އެޖެންޑާގައި ދެން ހިމެނުއްވީ ރާއްޖޭގެ ދިފާއީ ނިޒާމުގައިވާ ބާގަނޑުތައް ބައްދައި ގައުމީ ދިފާއީ ބާރާއި ދިފާއީ ނިޒާމު ޒަމާނާ އެއްގޮތް ކުރުމުގެ މަސައްކަތެވެ. އެ ނިޒާމުގެ ވަރަށް ރަނގަޅަށް ތަޖުރިބާކޮށްލެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އެގޮތުން އެމަނިކުފާނުގެ ރަސްކަމުގެ ފަސް ވަނަ އަހަރު ޕޯޗުގީޒުންގެ ހަނގުރާމައިގެ ބައިގަނޑެއް ރާއްޖެ އަށް ހަމަލާދީ ބަޑިތަޅައިގަނެ މާލެ ތެރެއަށް އުންޑަ އުދުއްސާން ފެށި އެވެ. އެ ހަމަލައަކީ އެމަނިކުފާނުގެ މައްޗަށް އައި "އެސިޑް ޓެސްޓެއް" ކަމަށް ވެސް ބެލިދާނެ އެވެ.

ސަބަބަކީ ދުޝްމަނުންގެ ދުއްތުރާ އިންތިހާ އަށް ގޮސްފައިވާ ދަނޑިވަޅެއްގައި އެމަނިކުފާނުގެ އިސްލާހީ އެޖެންޑާގެ ތެރެއިން ގައުމީ ދިފާއީ ބާރު އަލުން ރުކުރުވައިލުމަށް ފަހު ޓެސްޓްކޮށްލަން ލިބިވަޑައިގަތް ފުރުސަތަކަށް އެ ހަމަލަ ވުމެވެ. ހާއްސަކޮށް އޭރުގެ ޕޯޗުގީޒުންނަކީ ދުނިޔޭގެ "ކަނޑުގެ ބާޒު" ގެ ގޮތުގައި އޮތް ބާރަކަށް ވުމުގެ އިތުރުން އެތެރެވަރީގެ ކަނޑުތަކުގައި ފުމެމުން ދިޔައީ އެމީހުންގެ "ފޭރޭ" ހަނގުރާމަވެރި އުޅަނދު ފަހަރެވެ.

ޕޯޗުގީޒުންގެ އެ ހަމަލާ ނާކާމިޔާބުކޮށްލައްވައި ޕޯޗުގީޒު ބައިގަނޑު ފައްސާލެވުނީ އޭރު ގައުމީ ދިފާއީ ބާރުގެ ރައްކާތެރިކަމަށް ނެރެން އޮތް ބޮޑުބަޑީގެ ހަ ބަޑިން ހަމަލާ ދެއްވައިގެނެވެ. ހާއްސަކޮށް ދިފާއީ ރޭވުންތަކާއި އަސްކަރީ އުސޫލުތަކަށް ގެންނެވި ބޮޑު ބަދަލުގެ ސަބަބުންނެވެ.

ބޮޑު ރަސްގެފާނުގެ އިސްލާހީ އެޖެންޑާ ފުރިހަމަ ނުކުރެވި އުޅެނިކޮށް ހަނގުރާމައެއް ކުރަން ޖެހި އެ ހަނގުރާމައިގައި ކާމިޔާބު ލިބިވަޑައިގެންނެވި އިރު ގައުމީ ދިފާއީ ބާރު އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ތަޖުރިބާތަކެއް ލިބިވަޑައިގަތެވެ. ނަތީޖާއެއްގެ ގޮތުން ސީދާ އެމަނިކުފާނު އިސްވެ ހުންނަވައިގެން ވެރިރަށް މާލޭގެ ދިފާއު ވަރުގަދަ ކުރުމަށް އިތުރު ފިޔަވަޅުތައް އިސްލާހީ އެޖެންޑާގައި ހިމެނުއްވެވި އެވެ.
އެ މަސައްކަތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބުރުޒުތައް ބިނާކޮށް ވެރިރަށް ވަށައިގެން ދިފާއީ ބޮޑު ފާރެއް ލައި މާލެ ވަށައި ކަނޑުތޮށި ވެސް ލި އެވެ. އަދި ދިފާއީ ބާރު ވަރުގަދަ ކުރެއްވި އެވެ. މި މަސައްކަތުގައި ދުވަހަކު ވެސް ދިވެހި ދައުލަތުން ނާޅާ ފަދަ ފިޔަވަޅެއް އެޅުއްވި އެވެ. އެ ގޮތުން އިންޑޮނޭޝިޔާ އިން (އަސޭކަރައިން) ލޯ ބަޑީގެ 14 ބަޑި ގަނެ ރާއްޖެ ގެންނެވި އެވެ. އެ ބަޑިތައް އަބަދުމެ ތައްޔާރީ ހާލަތުގައި ބޭއްވި އެވެ. ބޮޑު ރަސްގެފާނާ ހަމައަށް އެއްވެސް ރަސްކަލަކު އެފަދަ ފިޔަވަޅެއް އަޅުއްވައި އެވަރަށް ހަތިޔާރު ހޯއްދަވާފައެއް ނުވެ އެވެ.

ބޮޑު ރަސްގެފާނުގެ ގައުމީ އިސްލާހީ މަސައްކަތްތައް ކުރިޔަށް ގެންދަނިކޮށް ސިޔާސީ ގޮތުން ބޮޑު މަސައްކަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެއީ އެމަނިކުފާނުގެ ޅިޔަންމަނިކުފާނުގެ ފާރާތްޕުޅުން ބޮޑު ރަސްގެފާނަށް ޖެއްސެވި ސިޔާސީ ގޮނެވެ.

ބޮޑު ރަސްގެފާނުގެ ކައިވެނި ބައްލަވައިގަތީ ކުރީގެ ދެ ރަސްކަލުން ކަމަށްވާ ކަލާފާނާއި ހަސަން ފާމުލަދޭރި ކިލެގެފާނު ކައިވެނި ބައްލަވައިގެންނެވި އައިޝަތު ކަނބާއާ އެވެ. މި ކަމަނާގެ ބޭބޭފުޅު ސާމިޔާކިލެގެ ނުވަތަ "ސާމިޔާފާށަނާ" ކުރިން ވެސް ކުރި ބަޣާވާތުގެ ހަރަކާތްތައް ވަރުގަދަކޮށް ކުރިޔަށް ގެންދަން ފެށި އެވެ. މިކަމުގެ ނަތީޖާއަކަށް ވީ ބޮޑު ރަސްގެފާނުގެ ގައުމީ އިސްލާހީ މަސައްކަތަށް ވުރެ ބޮޑަށް ސާމިޔާކިލެގެ ބަލިކޮށްލުމައިގެން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތުމެވެ.

ސާމިޔާފާށަނާގެ ބާޣީ ހަރަކާތް އޭރު އޮތީ ވަރަށް ނުރައްކާތެރި މަރުހަލާއެއްގަ އެވެ. އުތުރުގެ އަތޮޅުތައް ދިވެހި ދައުލަތުގެ މައި ވެރިކަމުން ވަކިކޮށް ވެއްދީ ޅ. މާފިލާފުށީގައި ސާމިޔާފާށަނާ އުފައްދައިގެން އުޅުނު ޣައިރު ގާނޫނީ ރަސްކަމުގެ ތެރެއަށެވެ. މި ހަރަކާތް ވަރުއަރައިގެން ދިޔައިރު ސާމިޔާފާށަނާ މަޝްހޫރުވެފައި ވަނީ "މާފިލާފުށީ ރަސްގެފާނު" ގެ ގޮތުގަ އެވެ. މިއީ ބޮޑު ރަސްގެފާނަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ކަމެކެވެ. އެއްކޮޅުގައި ޣައިރު ގާނޫނީ ރަސްކަމެއް އުފުލެމުން ދަނީ އެވެ. އަނެއްކޮޅުގައި އިންނެވީ އެ ބާޣީ ރަސްގެފާނުގެ ކޮއްކޯފުޅެވެ. ބޮޑު ރަސްގެފާނުގެ އަނބިކަނބަލުންނެވެ.

ސާމިޔާފާށަނާގެ މި ހަރަކާތްތައް ގަދަވާން ދަނިކޮށް ބޮޑު ރަސްގެފާނު ވަނީ އަސްކަރީ ހިކުމަތް ބޭނުން ކުރައްވައިގެން އެކަން ތޮޅިޔަށް ދުއްވާލައިފަ އެވެ. ބޮޑު ރަސްގެފާނުގެ ލަޝްކަރުގެ ކުރިމަތީގައި ސާމިޔާފާށަނާ އަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެންމެ ފަހުން ފިލައިގެން މަލިކަށް ގޮސް އުޅެނިކޮށް ބޮޑު ރަސްގެފާނުގެ ލަޝްކަރެއް މަލިކަށް އަރައި ސާމިޔާފަށާނާ ހައްޔަރުކުރި އެވެ.

ސާމިޔާފާށަނާ މާލެ ގެނައީ ރިހީގެ ހިލިހިލާއަކުން ވަރުގަދައަށް ބަނދެގެނެވެ. އޭނާ މާލެ އަށް ގެނެސް ފުވައްމުލަކަށް އަރުވާލީ އެވެ. ސާމިޔާފާށާނާ އަވަހާރަވީ ވެސް ފުވައްމުލަކުގައި ހުއްޓަ އެވެ. ބޮޑު ރަސްގެފާނު އަވަހާރަވީ އޮކްޓޫބަރު 23، 1648 ގައި ރާއްޖޭގެ ރަސްކަން 28 އަހަރު ވަންދެން ކުރެއްވުމަށް ފަހު އެވެ.

ބޮޑު ރަސްގެފާނު އަވަހާރަވުމަށް ފަހު ވެސް އެމަނިކުފާނުގެ އިސްލާހީ މަސައްކަތް ކުރިޔަށް ދިޔަ އެވެ. ބޮޑު ރަސްގެފާނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނަކީ ބޮޑު ރަސްގެފާނާއި އައިޝަތު ކަނބާގެ ދަރިކަލުން އައްސުލްތޯނު އިބުރާހިމް އިސްކަންދަރެވެ. އެމަނިކުފާނު ރަސްކަމަށް ވަޑައިގަތީ އުމުރުފުޅުން 18 އަހަރުގަ އެވެ.

ހަގީގަތުގައި ބޮޑު ރަސްގެފާނުގެ އިސްލާހީ މަސައްކަތް އޭގެ ގޮތުގައި އިސްކަންދަރު ރަސްގެފާނު ކުރިޔަށް ގެންދެވުމުން އިސްކަންދަރު ރަސްގެފާނު ވެވަޑައިގަތީ ބައްޕާފުޅަށް ވުރެ ވެސް ބޮޑު ހިދުމަތްތެރިއަށެވެ. ރަސްކަލުންގެ ގޮތުގައި މި ދެ ބަފައިކަލުންނަށް ވުރެ، ހިދުމަތްތެރި ދެބަފައިކަލަކު ރަސްކަން ކުރައްވާފައެއް ނުވެ އެވެ. އިސްކަންދަރު ރަސްގެފާނު އެންމެ ބޮޑު ސަމާލު ކަމެއް ދެއްވީ ތައުލީމަށެވެ. އެ މަސައްކަތުގައި ރާއްޖެ އަށް އިލްމީ ރަން ޒަމާނެއް ގެނެސް ދެއްވި އެވެ.

އެމަނިކުފާނުގެ ރަސްކަމުގެ ދެވަނަ އަހަރު ޕޯޗުގީޒުގެ ލަޝްކަރެއް އައިސް ރާއްޖެއާ ހަމަލާ ދިނުމުން އެމީހުން ބަލިކުރެއްވީ ސީދާ އެމަނިކުފާނު އިސްވެ ހުންނަވައިގެނެވެ. ބައްޕާފުޅުގެ ރަސްކަމުގައި ފެއްޓެވި އިސްލާހީ މަސައްކަތް ފުރިހަމަ ކުރެއްވުމަށް ރާއްޖެ އިން މަލާބާރީންނަށް ދެމުން އައި ޖިޒީ ކަނޑާލައްވައި މަލާބާރީންގެ ހަމަލާތައް ރާއްޖެ އަށް އަމާޒުވާން ފެށުމުން ރާއްޖޭގެ ދިފާއު ވަރުގަދަކޮށް ދުޝްމަނުން ބިރުގަންނަވާލި އެވެ. އަދި ކަންނަންނޫރުގެ ދަށުގައި އޮތް މަލިކު ރާއްޖެ އަށް ހޯއްދަވައި ދެއްވައި 12 ލާރީގެ މަގުން މަލިކުން ރާއްޖެ އަށް ވާރު ދިނުމަށް ކަނޑައެޅުއްވި އެވެ. މާލޭގެ ހުކުރު މިސްކިތް މަރާމާތުކުރައްވައި އެ މިސްކިތުގެ ދޮރާށީގައި ޤުރުއާން ކިޔަވައިދޭން ފައްޓަވައި މުންނާރު ބިނާކުރައްވައި ދިވެހިންގެ އޭރު އޮތް ވިސްނުމުގެ ހަނި މަގު ފުޅާ މަގަކަށް ބަދަލުކޮށްލެވި އެވެ. ދެ ފަހަރު ހައްޖުވެވަޑައިގަތް އިސްކަންދަރު ރަސްގެފާނު އަވަހާރަވީ ފެބުރުއަރީ 21، 1687 ގަ އެވެ.