ރިޕޯޓް

ރާއްޖޭގެ ޓޫރިޒަމްގައި "މައެއް ނެތް" ދެ ދަރިން

  • ސަފާރީން ބަޖެޓަށް 11 މިލިއަން ޑޮލަރު
  • ސަފާރީތަކަށް ބަނދަރެއް ނެތި، 10 އަހަރު
  • ގެސްޓްހައުސް ވިޔަފާރިއަށް އަޅައެއް ނުލެވޭ

ރާއްޖޭގެ ޓޫރިޒަމްގެ މައި ނާރަކީ ރިސޯޓު ތަކެވެ. ރަނގަޅު ވާހަކަ އެވެ. މުޅި ޓޫރިޒަމަށް ބަލާއިރު ވެސް އެންމެ ބޮޑު އާމްދަނީ ލިބެނީ ވެސް ރިސޯޓު ތަކުންނެވެ. ބިމު ކުލި އާއި ޓެކުހުގެ ގޮތުގައި ވެސް އެންމެ ބޮޑު އެއްޗެއް ބަޖެޓަށް ވަންނަނީ ރިސޯޓުތަކުންނެވެ. ނަމަވެސް ބަޖެޓަށް ފައިސާ ލިބުމުގައި ޓޫރިޒަމް ދާއިރާގައި ހަމައެކަނި މިހާރު އޮތީ ރިސޯޓުތައް އެކަންޏެއް ވެސް ނޫނެވެ. ޓޫރިޒަމް ފުޅާވެ ތަރައްގީވަމުންދާ ގޮތަށް ބަލާއިރު ގެސްޓްހައުސްތަކާއި ސަފާރީގެ ވިޔަފާރިން ދައުލަތަށް ލިބޭ އާމްދަނީ ވެސް ކުޑައެއް ނޫނެވެ. ނަމަވެސް މި ދެ ދާއިރާ ވެފައިވަނީ ބެލެނިވެރިއެއް ނެތި، އުޅޭ ގޮތަށް އުޅެން ދޫކޮށްލާފައިވާ މައެއް ނެތް، ދެ ދަރިންގެ ގޮތުގަ އެވެ.

"އެންމެ ބޮޑު މައްސަލައަކީ ބަނދަރެއް ނެތުން. ބުނެވިދާނެ މިއީ ގެދޮރު ނެތުމޭވެސް، މަގުމަތި ވެފައި ތިބުމޭ ވެސް،" ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލޭމްގެ ރައީސް އިބްރާހިމް ޝާހިދު (ޝާޑު) ސަފާރީ އިންޑަސްޓްރީގެ ހާލަތުކުރު ގޮތަކަށް ސިފަކޮށް ދެއްވި އެވެ.

ސަފާރީތައް "ގެއެއް ނެތި"

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ވެސް ރާއްޖޭގައި 146 ސަފާރީގައި 2،688 އެނދު އެބަހުއްޓެވެ. އަދި ސަފާރީ ތަކުން އެވްރެޖު ގޮތެއްގައި އަހަރަކު 11 މިލިއަން ޑޮލަރުގެ އާމުދަނީއެއް ދައުލަތުގެ ބަޖެޓަށް ވައްދަ އެވެ. އަދި މި އުޅަނދުތައް ވެގެން ގޮސްފައިވަނީ ޓޫރިޒަމްގައި އޮތް ދިވެހިންގެ ސިފަވަންތަކަށް ދައްކުވައިދޭ އެއް ދާއިރާ އަށެވެ. ނަމަވެސް ރާއްޖޭގެ ސަފާރީ އިންޑަސްޓްރީއަކީ ވަންނާނެ ތަނެއް ނެތް، ގެދޮރެއް، ނެތި މަގުމަތީގައި ހާލުގައި ޖެހިފައިވާ ރެފިއުޖީންތަކެއް ފަދަ ބައެއްގެ ގޮތުގައި ސިފަ ކުރެވިދާނެ އެވެ. އަޅެ؛ މިއީ ލަދުވެތިކަމެއް ނޫން ތޯ އެވެ؟

ދެން އޮތް ސުވާލަކީ ސަފާރީތަކަށް ބަނދަރެއް ހޯދަން ކިހާ މަސައްކަތެއް ކުރެވިއްޖެ ހެއްޔެވެ؟ އަދި މީގެ ނަތީޖާ ފެނޭ ބާ އެވެ؟ ސަފާރީ އޮޕަރޭޓަރުންނާއި މި ދާއިރާގެ ހައްގުތައް ހިމާޔަތް ކުރުމަށް، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އުފެއްދިތާ 10 އަހަރުވެއްޖެ އެވެ. މި ޖަމިއްޔާގެ ރައީސަކަށް އަންނަ ކޮންމެ މީހެއްގެވެސް އެންމެ ބޮޑު "ޓާސްކަކީ" އެއިރަކު އޮންނަ ސަރުކާރަކާ ގުޅިން ބަނދަރެއް ހޯދުމަށް މަސައްކަތް ކުރުމެވެ. ބައެއް ފަހަރު ސަލާން ޖަހައިގެންނެވެ. މީގެ ސަބަބަކީ އަގު ބޮޑުކޮށް އެތަށް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ހަދާ ސަފާރީތަކަށް އެކަށީގެންވާ ބަނދަރެއް ނެތުމުން ލިބޭ ބޮޑު ގެއްލުމެވެ.

ސަފާރީ އޮޕަރޭޓަރުން ބުނާ ގޮތުގައި ބަނދަރެއް ނެތުމުގެ ސަބަބުން އެތަށް މިލިއަން ޑޮލަރުގެ ގެއްލުން ވެފައި އެބަހުއްޓެވެ. ދެން އޮތް ސުވާލަކީ ލޭމުން 10 އަހަރު ކުރި މަސައްކަތުންއެއް ވެސް ހެޔޮ ނަތީޖާއެއް ފެނިއްޖެ އެވެ.

ރާއްޖޭގެ ސަފާރީ ތާރީހުގައި ސަފާރީތައް އެތަށް ބަނދަރެއްގައި ބައިތިއްވައިފި އެވެ. ފުރަތަމަ ތިބީ މާލެ ފަޅުތެރޭގަ އެވެ. އަދި މާލެ ފަޅުން ބޭރުކޮށްލުމުން ގޮސް ވަނީ ހުޅުމާލެ ފަޅަށެވެ. ނަމަވެސް މިތަނުގައި ވެސް ދޭތެރެ ދޭތެރެ އިން ތަފާތު މައްސަލަތައް ދިމާވެ އެވެ. ބައެއް ފަހަރު ސަފާރީ ބަނދަރުން ހުސްކުރުން ފަދަ ކަންތައްތައް ވެސް ވެފައި އެބަހުއްޓެވެ.

ލޭމްގެ ރައީސް ޝާހިދު ވިދާޅުވީ ސަފާރީ އިންޑަސްޓްރީއަކީ ދިވެހި ގިނަ ކުންފުނިތައް މަސައްކަތް ކުރާ ދާއިރާއަކަށްވާއިރު މިއީ ދެރަކަމެއް ކަމަށެވެ.

"މީގެ ކޮންމެ ސަފާރީއެއްގައި މަސައްކަތް ކުރާ މީހުންގެ 80 ޕަސެންޓަކީ ދިވެހިން. ގިނަ އުޅަނދު ފަހަރަކީ ހުސް ދިވެހި ކުންފުނިތަކުގެ އުޅަނދުތައް. މި ދާއިރާ އިން ޖީއެސްޓީގެ ގޮތުގައި ވެސް ބޮޑު އަދަދެއް ދައްކަމުންދޭ. އެހެންވެ ބަނދަރެއް ނެތުމަކީ ދެރަކަމެއް،" ޝާހިދު ވިދާޅުވި އެވެ.

ދެން އޮތީ ސަރުކާރުތަކުގެ ފޮނި ވާހަކަ އެވެ؛ ސަފާރީތަކަށް ބަނދަރެއް ނެތް ވާހަކަ ދައްކާ ކޮންމެ ފަހަރަކު ތަފާތު މޮޅު ވާހަކަ ދައްކާފައި އެބަހުއްޓެވެ. މިގޮތުން އެއް ވާހަކައަކީ މާލެ އަތޮޅު ދިޔަނެތުގައި ސަފާރީ ބަނދަރެއް ހެދުމުގެ ވާހަކަ އެވެ. އަނެއް ވާހަކައަކީ ހުޅުމާލެ ފަޅުގައި ތަރައްގީ ކުރާ ޔޮޓްމެރީނާއެއްގެ ވާހަކަ އެވެ. ނަމަވެސް މިއަދާ ހަމަ އަށް ވެސް މި ދާއިރާ އޮތީ ބެލެނިވެރިއެއް ނެތި އެވެ. ހަމަ ކަނޑުމަތީގަ އެވެ.

ގެސްޓްހައުސް އެޅީމަ ނިމުނީ ތަ؟

ރާއްޖޭގެ ޓޫރިޒަމަށް 2009 ވަނަ އަހަރުގެ ކުރީގައި ގެސްޓްހައުސް ވިޔަފާރިއައުން ވެގެން ދިޔައީ ތަފާތު ރަހަ އަކަށެވެ. ހާއްސަކޮށް ރާއްޖެ ތަޖުރިބާކޮށްލަން ބޭނުންވެ، ނަމަވެސް އެ ފުރުސަތު ލިބިފައި ނެތް އެތައް ބަޔަކަށް އެ ފުރުސަތު ލިބުނު ކަމަށެވެ. މިއާއެކު އެންމެ ދަށުން އާމްދަނީ ލިބޭ ގިނަ އަދަދެއްގެ މީހުންގެ ނަޒަރު ރާއްޖެ އަށް ހުއްޓުނެވެ. ދެން ފެނިގެން ދިޔައީ ގެސްޓްހައުސް ވިޔަފާރި ފަތުއަޑު ކިޔާފައި ފެށުނު ތަނެވެ. ކ. މާފުށީގައި އުފަންވި ގެސްޓްހައުސް ވިޔަފާރި ފުޅާވެ މުޅި ރާއްޖެއަށް ފެތުރިއްޖެ އެވެ. މި ވިޔަފާރި ހާއްސަވަނީ ރިސޯޓުތަކާ ހިލާފަށް ސީދާ ރައްޔިތު މީހާގެ ޖީބަށެވެ. ގެސްޓްހައުސް އޯނަރުގެ ޖީބަށް ބައެއް ލިބޭ އިރު، ރަށަށް އަރާ ގެސްޓް މީހާ ވިޔަފާރިކުރުން ފަދަ ކަންކަމުން އާއިލާތަކަށް ލިބޭ މާލީ ފައިދާ ބޮޑެވެ.

ޓޫރިޒަމް މިނިސްޓްރީގެ މެއި މަހުގެ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު 410 ގެސްޓްހައުސް އޮޕަރޭޓު ކުރަމުންދެ އެވެ. މި ތަންތަނުގައި 6،345 އެނދު އެބަހުއްޓެވެ. އަދި މާފުއްޓަށް އެކަނި ބެލިނަމަވެސް 40 އަށްވުރެ ގިނަ ގެސްޓްހައުސް އެބަހުއްޓެވެ. ބަޖެޓަށް ލިބުނު އާމްދަނީ އަށް ބަލާނަމަ ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް މިދިޔަ އަހަރު ހަތަރު މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ނަމަވެސް ސުވާލަކީ މި ދާއިރާ ރަނގަޅަށް ބެލެހެއްޓޭ ހެއްޔެވެ؟ ހަމައެކަނި ގެސްޓްހައުސް އަޅަން ދޫކޮށްލުމުން ނިމުނީ ހެއްޔެވެ؟

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް މުހައްމަދު ކަރަމް ވިދާޅުވީ މި ދާއިރާ އަށް މިހާރަށް ވުރެ ބޮޑަށް އަޅާލުން ބޭނުންވާ ކަމަށެވެ.

"މިހާރު ފުޅާވެ ތަރައްގީ ވަމުންދާ ގޮތަށް ބަލާނަމަ ވަރަށް ބޮޑު ސްކޯޕެއް އެބައޮތް. ހަމައެކަނި އއ. ތޮއްޑޫ އަށް އެކަނި ބެލިނަމަވެސް މިހާރު 20 ތަން އެބަހުރި. އަންނަ އަހަރު 30 އަށް އިތުރުވާނެ. އެނދުގެ އަދަދު 300 އަށް ވުރެ އިތުރު. އެހެންވެ ދުރާލާ ދިމާވެދާނެ މައްސަލަތައް ހައްލު ކުރަން އެބަޖެހޭ ސަރުކާރު ލެވަލްގައި ފިޔަވަޅު ތަކެއް އަޅަން. ޕްލޭން ތަކެއް ރާވަން،" ކަރަމް ވިދާޅުވި އެވެ.

މި ހުރިހާ ވާހަކައެއް ދައްކާއިރު މި ދާއިރާ އަށް އަޅާލުން ކުޑަކަމުގެ މިސާލުތައް މަދެއް ނޫނެވެ. ކުޑަ މިސާލަކަށް ބަލާނަމަ ފަތުއަޑު ކިޔާފައި ގެސްޓްހައުސް ތަރައްގީ ވަމުންދާއިރު، މި ދާއިރާގައި 100 ޕަސެންޓް ދިވެހިން މަސައްކަތް ކުރާ މޫދު ކުޅިވަރުތަކުގައި މަސައްކަތް ކުރާ ގިނަ ޒުވާނުންނަކީ އެކަށީގެންވާ ތަމްރީން ލިބިފައި ތިބި ބައެއް ނޫނެވެ. ގިނަ ކުދިންނަށް އެންމެ ކުޑަ މިނުން ބޭސކް ފަސްޓް އެއިޑްވެސް ދަސްކޮށްދެވިފައެއް ނުވެ އެވެ. އަދި ރަށްރަށުގައި ކުނީގެ މައްސަލަ އިންތިހާ އެވެ.

ދެން މި އޮތީ ސަފާރީ އަދި ގެސްޓްހައުސް މާކެޓު ކުރުމުގެ ވާހަކަ އެވެ. ބޮޑު ވާހަކަ އެވެ. ސަރުކާރުގެ އެވަލްގައި މިހާތަނަށް މި ދާއިރާ މާކެޓު ކުރަން ހާއްސަ މަސައްކަތެއް ކުރަމަކުންނުދެ އެވެ. ހަމައެކަނި ފެންނަނީ މުޅިން ވެސް އަމިއްލަ ފަރާތްތަކުގެ މަސައްކަތް ތަކެވެ. ލޭމް އާއި މަޓާޓޯ އަދި މޯލްޑިވްސް ގެޓަވޭސް ފަދަ ކުންފުނިތަކުން މި ދާއިރާއާ ގުޅުންހުރި ފެއާތަކަށް ގޮސް ޕްރޮމޯޓް ކުރަނީ އެވެ. އެކަމަކު މި ދެ ދާއިރާއަކީ ވެސް ސަރުކާރުގެ ލެވަލްގައި ގިނަ އެހީ ތަކެއް ދޭން ޖެހޭ ދާއިރާ ތަކެވެ. މި ދާއިރާގެ ފެއާތައް ވެސް ރާއްޖެ ޕްރޮމޯޓްކުރާ ފެއާތަކުގެ ލިސްޓަށް ލާން ޖެހެ އެވެ. ޓޫރިޒަމް ޕްރޮމޯޓް ކުރާއިރު އެކަން ހިމަނަން އެބަ ޖެހެ އެވެ. ނަމަވެސް ސަފާރީތަކާއި ގެސްޓްހައުސްތައް ފެންނަނީ މައެއް ނެތް ދެ ދަރިންގެ ގޮތުގަ އެވެ.