ހަބަރު

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މާލެއަށް ފުރުން މިރޭ

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އަޅުކަން ފުރިހަމަކުރި ދިވެހި ހައްޖާޖީން މިރޭ މާލެ އަންނަން ފުރާނެ އެވެ. އެ ގްރޫޕްގެ ހައްޖުވެރިންނަށް މާލެ އާދެވޭނީ މާދަމާ ހެނދުނެވެ.

ހައްޖުވެރިންގެ ހިމެނޭ ފުރަތަމަ ފްލައިޓް ރާއްޖެ އަންނަން ފުރާނީ ޖިއްދާ ގަޑިން މިރޭ އިރާކޮޅު 7:25 ގަ އެވެ. އެއީ ޒައީ ގުރޫޕުގެ ހަވާލުގައި ގޮސް ހައްޖުގެ އަޅުކަން އަދާ ކުރި މީހުންނެވެ.

ސިސިލްފަރު ގުރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭގަ އެވެ. އަލް ހަރަމައިން ގުރޫޕުގެ ހައްޖާޖީން 11 ވަނަ ދުވަހުގެ ރޭ ގައެވެ. ދިވެހި ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން އަންނާނީ އަށް ވަނަ ދުވަހާއި، 10 ވަނަ ދުވަހާއި، 11 ވަނަ ދުވަހާއި 22 ވަނަ ދުވަހާއި 26 ވަނަ ދުވަހުގެ އިތުރުން 29 ގައެވެ.

މިއަހަރު ރާއްޖެއިން 1،300 މީހަކު ހައްޖަށް ގޮސްފައިވާއިރު ހައްޖުގެ 2000 ކޯޓާ ރާއްޖެއަށް ލިބުނެވެ. މީގެތެރެއިން 1000 ކޯޓާ ލިބުނީ ފުރަތަމަ ލިބުނު 1000 ކޯޓާއަށް ހައްޖުވެރިން ފުރި ފަހުންނެވެ. ފަހުން ލިބުނު ހައްޖު ކޯޓާއަށް ހައްޖަށް ދިޔައީ 300 މީހުނެވެ.

ހައްޖާޖީން އަންނަ ތާރީހުތައް އިއުލާންވެ މިރޭ އަންނަން ފަށާއިރު މިފަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ގެއްލުނު ހުރިހާ އެންމެން ވެސް ވަނީފެނިފަ އެވެ.