ހަބަރު

ހައްޖުވެރިން މާލެ އަންނަން ފަށައިފި

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އަޅުކަން ފުރިހަމަކުރި ދިވެހި ހައްޖާޖީން މާލެ އަންނަން ފަށައިފި އެވެ. އެގޮތުން އެންމެ ފުރަތަމަ މާލެ އައިސްފައިވަނީ ޒައީ ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނެވެ. އެ މީހުންވަނީ މިއަދު މިއަދު ހެނދުނު މާލެ އައިސްފަ އެވެ.

ދިވެހި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިން އަންނަން ފަށާނީ މާދަމާ އެވެ. އަދި މިމަހުގެ 10 ވަނަ ދުވަހާއި، 11 ވަނަ ދުވަހާއި 22 ވަނަ ދުވަހާއި 26 ވަނަ ދުވަހުގެ އިތުރުން 29 ގައިވެސް އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން އައުމަށް ވަނީ ހަމަޖެހިފަ އެވެ. ސިސިލްފަރު ގުރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭގަ އެވެ. އަދި އަލް ހަރަމައިން ގުރޫޕުގެ ހައްޖާޖީން 11 ވަނަ ދުވަހުގެ ރޭ ގައެވެ.

މިއަހަރު ރާއްޖެއިން 1،300 މީހަކު ހައްޖަށް ގޮސްފައިވާއިރު ހައްޖުގެ 2000 ކޯޓާ ރާއްޖެއަށް ލިބުނެވެ. މީގެތެރެއިން 1000 ކޯޓާ ލިބުނީ ފުރަތަމަ ލިބުނު 1000 ކޯޓާއަށް ހައްޖުވެރިން ފުރި ފަހުންނެވެ. ފަހުން ލިބުނު ހައްޖު ކޯޓާއަށް ހައްޖަށް ދިޔައީ 300 މީހުނެވެ.

ހައްޖުވެރިން މިއަދު އެނބުރި މާލެ އަންނަން ފެށިއިރު ހައްޖުވެރިން ރޯގާއަށް ސްކްރީން ކުރުމަށް ވަކި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިނުވާކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެހެން ނަމަވެސް ހައްޖުވެރިންނަށް އެމަޖެންސީއަށް ޑޮކްޓަރަށް ދެއްކޭނެ ކަމަށާއި ރޯގާއަށް ޑޮކްޓަރަށް ދައްކާ ހައްޖުވެރިންގެ އަދަދު އިތުރުވާނަމަ ހާއްސަ ސެޓަޕެއް ތައްޔާރުކުރާނެ ކަމަށެވެ. އަދި އްޖުވެރިންގެ ކަންތައް ވަރަށް ގާތުން ބަލައި މޮނީޓާ ކުރަމުންދާނެ ކަމަށެވެ.

ވަކި ހާއްސަ ސެޓަޕެއް މިހާރު ތައްޔާރުކޮށްފައި ނެތީ ވަކި ހާއްސަ ރޯގާއެއް ފެތުރެމުން ނުދާތީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.