ލައިފްސްޓައިލް

ހައްދު ޕްރިމިއާ: އެންމެ ޗާލުކޮށް ހެދުން އެޅީ ކާކު؟

އަނެއްކާވެސް ރެޑްކާޕެޓެއްގެ މަތީގައި ހިނގާލައި ރީތި ހެދުމެއް ދައްކާލުމުގެ ފުރުސަތު އިއްޔެ ވަނީ ލިބިފަ އެވެ. އެފަދަ މަދު ފުުރުސަތުތަކުގައި ރީތި ހެދުންތަކެއް ފެނިގެންދެ އެވެ. ދިވެހި ފިލްމު "ހައްދު" އިއްޔެ ޕްރިމިއާ ކުރިއިރު ވެސް ރީތި ހެދުންތަކެއް އިއްޔެ ފެނިގެން ދިޔަ އެވެ. މަދު ހެދުންތަކެއް ފެނުނު ނަމަވެސް ރީތި ހެދުންތަކެކެވެ.

އިއްޔެގެ އެ ހަފްލާއަށް އެންމެ ރީތިކޮށް ހެދުން އަޅައިގެން ގޮސްފައިވަނީ ހައްދުގެ އެއް ބަތަލާ އައިމިނަތު ރިޝްފާ އެވެ. ރިޝްފާގެ އެ ހެދުމަކީ އެފަދަ ހަފްލާއަކަށް އެންމެ އެކަށީގެންވާ ކަހަލަ ހެދުމެއް ކަމަށް ގިނަ މީހުން އެއްބަސްވެ އެވެ.

ރިޝްފާ އިއްޔެ ލައިގެން ހުރީ ދިގު ހުދު ކުލައިގެ ހެދުމެކެވެ. މިނާ ބޭނުންކޮށްގެން ހެދުން ޒީނަތްތެރިކޮށްފައިވާއިރު ހެދުމާއެކު ގުޅޭ ޓައިޓެއް ބޭނުންކޮށްފައިވެ އެވެ. ހެދުމުގެ ފަސްބައި ފަހަތަށް ދިގު ކޮށްލާފައި އޮތްއިރު އެބައިގެ ދަށުން ގުޅޭ ފޮތިގަނޑެއް ބޭނުންކޮށްފައިވެ އެވެ. މިނައިން ހެދުން ޒީނަތްތެރިކޮށްފައިވާ ގޮތާއި ގުޅޭ ފަށަކާއެކު ސިމްޕަލް މޭކަޕެއް ބޭނުންކޮށްފައިވެ އެވެ. އިސްމާއިލް ޖުމައިހް ޑިޒައިންކޮށްފައިވާ ރިޝްފާގެ އެ ހެދުމަކީ 2014 ވަނަ އަހަރު ޓޮރޮންޓޯގައި އޮތް މަޗް މިއުޒިކް ވީޑިއޯ އެވޯޑްސްގެ ރެޑްކާޕެޓު ހަފްލާގައި ކެންޑަލް ޖެނާ ބޭނުންކޮށްފައިވާ ހެދުން ނަކަލުކޮށްގެން ހަދާފައިވާ ހެދުމެކެވެ.

އިއްޔެ ހަފްލާއިން ދެވަނަ އަށް އެންމެ ކަމުގޮސްފައިވަނީ އައިޝަތު ރިޝްމީގެ ހެދުމެވެ. ރިޝްމީ ހުރި އޮފިޝަލް ލުކް އެއްގަ އެވެ. ކަޅުކުލައިގެ ކޯޓު އަކާއި ބެލްސް އެއް ލާފައިހުރި އިރު ކޯޓާއެކު ކަޅުކުލައިގެ ޓޮޕެއް ލާފައިވެ އެވެ. މާގިނަ ގަހަނާތަކެއް ވެސް ބޭނުންކޮށްފައެއް ނުވެ އެވެ. އެއީ ރިއްފަތު އަދި އިބޫގެ މަސައްކަތެކެވެ.

އައްޒަގެ ލައިގެން ހެދުމަށް ވަނީ ތައުރީފާއި ފާޑު ކިޔުން ވެސް އެހާ ވަރަށް އައިސްފަ އެވެ. ބައެއް މީހުންނަށް އެ ހެދުމުން ކަމުދިޔަ ނަމަވެސް އެފަދަ ހަފްލާއަކާ ބަލާއިރު ހެދުން މާ ކަންތައްގަނޑު ބޮޑުކޮށްފައި ހުރި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އައްޒަ ލައިގެން ހުރީ ދިގު ފްރިންޖް ހެދުމެކެވެ.

އެ ހެދުމުގެ އެތެރޭގެ ފޮތި ހަމުގެ ކުލަ އާއި އެއްގޮތް ފޮއްޗެއްގައި ފަހާފައިހުރިއިރު މަތިން ގުޅުވާލާފައިވަނީ ރަން ކުލައިގެ ފްރިންޖްތަކެކެވެ. އަދި އޭގެ އިތުރަށް ވެސް ހެދުން ޒީނަތްތެރިކޮށްފައި ހުއްޓެވެ. އެހެން ހަފްލާތަކެކޭ އެއްގޮތަށް އައްޒަގެ އެ ހެދުންވެސް ތަފާތުވެފައި ގޮތް ބޮޑެވެ. ފަހަތަށް ދިގުކޮށް ބައެއް ދޫކޮށްލާފައިވާ އެ ހެދުމަކީ ވެސް ޖުމާގެ މަސައްކަތެކެވެ.

އެންމެ ތަފާތު ހެދުމެއްގެ ގޮތުގައި އިއްޔެ ފެނިގެންގޮސްފައިވަނީ މަރިޔަމް އަޝްފާގެ ހެދުމެވެ. ކަޅުކުލައިގެ ދިގުކޮށް ހުރި އެ ހެދުން ފަހާފައި ހުރި ޖަރީ އޮފް ފޮއްޗަކުންނެވެ. ހެދުމުގެ ފަހަތަށް ހަރު ފޮތިގަނޑެއް އުނަގަނޑުން ތިރިއަށް ދޫކޮށްލާފައިވާއިރު މޭމަތި އަދި ކުރިމަތިން ހެދުމުގެ ތިރި ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. ބުރުގާ އަޅާފައިވަނީ ހެދުމާ ގުޅުވާލާފައިވާ ހޫޑީއެއްގެ ގޮތަށެވެ. ސޭންޑީ ޑިޒައިންކޮށްފައިވާ އެ ހެދުމަކީ ހަފްލާތަކުގައި އަޝްފާ ބޭނުންކުރާ އެހެން ހެދުންތަކެކޭ އެއްގޮތަށް ގޮތް ބޮޑު ހެދުމެކެވެ.

ފިރިހެނުންގެ ތެރެއިން އިއްޔެ އެންމެ ރީއްޗަށް ހެދުން އަޅާފައިވަނީ ހައްދުގެ ލީޑް ތަރި އަހްމަދު ޝިބާނެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނާއެކު ހުދު ގަމީހެއް އަދި ކަޅުކުލައިގެ ބޯ ޓައީ އާއެކު ޝިބާން ހުރީ އޮފިޝަލް ލުކެއްގަ އެވެ. މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އަދި ދަރިފުޅު ޔޫސުފް އަލްސަން އިއްޔެގެ ހަފްލާގައި ހުރީ ކޯޓު ފަޓުލޫނުގަ އެވެ. ދެބަފައިންގެ ހެދުން ވެސް ގުޅުވާލާފައި ހުރިއިރު ހިތްގައިމު ގޮތެއް ހުއްޓެވެ. އަޅިކުލައިގެ ކޯޓަކާއި ކަޅު ކުލައިގެ ފަޓުލޫނެއްގަ އެވެ.

އާންމުކޮށް ހަފްލާތަކަށް ވަރަށް އާދައިގެ އަދި ސިމްޕަލްކޮށް ހެދުން އަޅާ އަލީ އާޒިމް (ދޮން އައްޔަ) އިއްޔެގެ ހަފްލާގައި ހުރީ ތަފާތު ހެދުމެއްގަ އެވެ. ނޫ ކުލައިގެ ޖިންސަކާއެކު ކަޅު ކުލައިގެ ދިގު ކުރުތާއެއް ލާފައިހުރި އިރު ކުރުތާ މަތިން ކަޅު ކުލައިގެ ކޯޓެއްވެސް ލާފައި ހުއްޓެވެ. އަދި އައްޔަ އަރާފައިހުރީވެސް އަރަބިއަން ސްޓައިލްގެ ބޫޓަކަށެވެ.