ދުނިޔެ

ރޮހިންޖާ މީހުންގެ ހާލު ފެނި ތުރުކީގެ ފަސްޓް ލޭޑީއަށް އަސަރުކޮށްފި

މިޔަންމާގައި އެތައް އަނިޔާތަކެއް ލިބެމުންދާތީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންޖާ ދަރިފަސްކޮޅުގެ މުސްލިމުންނާ ތުރުކީގެ ރައީސް ތޮއްޔިބް އުރްދުގާންގެ އަނބިކަނބަލުން އެމިނެ އުރުދުގާން ބައްދަލުކުރައްވައި، އެމީހުންގެ ހާލު ބައްލަވާލައްވައިފި އެވެ.

ބަންގްލަދޭޝްއަށް ރޮހިންޖާ މުސްލިމުންގެ ހާލު ބެއްލެވުމަށް ފަސްޓް ލޭޑީ މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި ބަންގްލަދޭޝްގައި ހުރި ކޭމްޕްތަކުގައި ތިބި 50،000 އެއްހާ މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަވާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. ފަސްޓް ލޭޑީއާއެކު މި ޒިޔާރަތުގައި ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ ބައިވެރިވެވަޑައިގަތެވެ.

މި ޒިޔާރާތުގައި ބަންގްލަދޭޝްގެ އޮފިޝަލުން ވަނީ އެހާ ގިނަ ރެފިއުޖީންނަށް ބޯހިޔާވެހިކަމާއި ކާނާ ފޯރުކޮށްދިނުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ތުރުކީގެ ފަސްޓް ލޭޑީއަށް އަރުވާފަ އެވެ.

ރޮހިންޖާ މުސްލިމުން ވަނީ އެމީހުން އިހުސާސްތަކާއި އުދާސްތައް ފަސްޓް ލޭޑީއާ ހިއްސާކޮށްފަ އެވެ. އެމީހުންނާ ބައްދަލުކޮށް ފަސްޓް ލޭޑީ އެނބުރި ވަޑައިގެންނެވިއިރު ހުންނެވީ ވަރަށް ބޮޑަށް ދެރަވެ، އެތައް އަސަރެއް ކޮށްފަ އެވެ. އެ ޒިޔާރާތަށްފަހު މީޑިއާއަށް ފަސްޓް ލޭޑީ އެމިނެ ވިދާޅުވެފައިވަނީ، ރޮހިންޖާ މުސްލިމުންގެ މައްސަލަ އެކަމަނާގެ ފިރިކަލުން އުރުދުގާން އދ.ގެ ޖެނަރަލް އެސެމްބްލީ ބައްދަލުވުމަށް މި މަހުގެ ތެރޭގައި ހުށަހަޅާނެ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ތުރުކީއިން މައްސަލަ ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ރެފިއުޖީންގެ ކަންތައްތަކާ ބެހޭ އދ.ގެ އެޖެންސީގެ ތަރުޖަމާނު ވިވިއަން ޓާން އަލްޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި މިޔަންމާގައި އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އަލުން ހަމަނުޖެހުންތައް ފެށުނު ފަހުން މިހައިތަނަށް ބަންގްލަދޭޝްއަށް އަށް މީހުންގެ އަދަދު 73000 އަށް އަރާފައި ވާއިރު މީހުން ތިބޭ ކޭމްޕްތައް ފުރިފައިވާ ކަމަށެވެ.

ރޮހިންޖާ ދަރިކޮޅުގެ މީހުން މިފަހަރު ބަންގާޅަށް ދާން ފެށީ އަނިޔާގައި އަހަރުތަކެއް ހޭދަކޮށްފައިވާ އެދަރިކޮޅުގެ މުސްލިމް ޒުވާނުންތަކެއް އުފެއްދި ހަނގުރާމަވެރި ގްރޫޕަކުން މިޔަންމާ ސިފައިންނާ ދެކޮޅަށް އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހަމަލާތަކެެއް ދިނުމުންނެވެ. މިޔަންމާ ސިފައިންނާއި ފުލުހުންގެ މަރުކަޒު ތަކަކަށް ދިން އެހަމަލާތަކުގައި ސިފައިންގެ 12 މީހަކު މަރުވިއެވެ. ރަައްދުގައި މިޔަންމާ ސިފައިން ދިން ހަމަލާތަކުގައި ރޮހިންޖާ ހަނގުރާމަވެރިންގެ 80 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ޖެހިގެން އަދި ދުވަސްތަކުގައި މިޔަންމާ ސަރުކާރުން ވަނީ ރަކީން ސްޓޭޓްގައި އުޅޭ މުސްލިމުން ނޫން އެހެން މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސް، މުސްލިމުންނާ ދެކޮޅަށް ގަތުލު އާއްމުތަކެއް ހިންގަން ފަށާފައެވެ.

މުސްލިމުންނާ ދެކޮޅަށް މިފަހަރު ހިންގަން ފެށި ޖަރީމާތަކަކީ ' އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ (އޭއާރްްއެސްއޭ)ގެ ނަމުގައި ހަރަކާތްތެރިވާ އެ ގްރޫޕު ބަލި ކުރުމަށް ކުރާ ކަމެއް ކަމަށް މިޔަންމާ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް މިޔަންމާ ސިފައިންގެ ހަރަކާތުގައި ކުރަމުންދާ ކަމަކީ މުސްލިމުންގެ އާއްމުން މެރުމާއި ގެދޮރު އެންދުމެވެ.

ރަކީން ސްޓޭޓްގައި 2012 ވަނަ އަހަރު އެގައުމުގެ ބުޑިސްޓުިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ފަހު، މުސްލިމުންގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ ވަގުތީ ރެފިއުޖީ ކޭމްޕްތަކުގައެވެ. ހަނގުރާމަވެރިން ބަލިކުރަން ކަމަށް ބުނެ މިޔަންމާ ސިފައިން އެ ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަން ފެށުމުން ރޯހިންޔާ ދަރިކޮޅުގެ 70000 މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އދ. އިން މިދިޔަ މާޗް މަހު ކުރި ސާވޭއަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އިއްފަތް ފޭރުމާއި ލާއިންސާނީ އަނިޔާ ދިނުމާއި އާއްމުން މެރުން ފަދަ ޖަރީމާތައް މިޔަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށެވެ. އަދި އެފަދަ ޖަރީމާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް ވަނީ އާއްމުވެފައެވެ.