މިދިޔަ އޮގަސްޓު މަހު ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރު އިތުރުވެ، ދައުލަތަށް 243 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަވިސް އިން މިއަދު އާންމު ކުރި ތަފާސް ހިސަބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާއިރު 11 ޕަސަންޓު އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހު 2.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު މި އަހަރުގެ އޮގަސްޓު މަހު ރާއްޖެ އެތެރެކޮށްފައި ވަނީ 3.1 ބިލިއަން ރުފިޔާގެ މުދާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެ މުދަލުގެ ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 243 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މަހާ އަޅާބަލައިފައިވާ އިރު 14 ޕަސަންޓު އިތުރުވުމެއް ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިދިޔަ މަހު ރާއްޖެ އެތެރެ ކުރި މުދާތަކުގެ ތެރޭގައި 19 ޕަސަންޓު މުދާ ޔޫއޭއީ އިން އެތެރެކޮށްފައިވާ އިރު ޗައިނާ އިން ވަނީ 13 ޕަސަންޓު މުދާ އެތެރެކޮށްފަ އެވެ. އަދި އިންޑީޔާއިން 12 ޕަސަންޓު މުދާ އެތެރެ ކުރި އިރު ސިންގަޕޫރާއި މެލޭޝިޔާއިން ވަނީ 11 ޕަސަންޓު މުދާ އެތެރެކޮށްފަ އެވެ.
މިދިޔަ މަހު ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު ވެސް ވަނީ 18 ޕަސަންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު 269 މިލިއަން ރުފިޔަގެ މުދާ އެކްސްޕޯޓުކޮށްފައިވާ އިރު މިދިޔަ މަހު އެކްސްޕޯޓު ކުރީ 317 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން 40 ޕަސަންޓު މުދާ ތައިލެންޑަށް އެކްސްޕޯޓުކޮށްފައިވާ އިރު 10 ޕަސަންޓު ވަނީ އިނގިރޭސިވިލާތަށް ވެސް އެކްސްޕޯޓުކޮށްފަ އެވެ.