ލައިފްސްޓައިލް

އިހުސާނާ މިވެސް ވަރުގަދަ އަންހެނެއް!

ހާއްސަ އެހީއަށް ބޭނުންވާ ކުދިން ނުވަތަ އޯޓިޒަމް ކުއްޖެއް ގެންގުޅޭ މައިންބަފައިންނަކީ ބުރަ ބައެކެވެ. އަމިއްލަ ކަމަކަށް ހުސް ކުރާނެ ވަގުތެއް ގިނަ ފަހަރަށް އެ މައިންބަފައިންނަކަށް ނުލިބެ އެވެ. ހާއްސަކޮށް މަންމަ އަށެވެ. ކުދިންގެ ކަންތަކުގެ 24 ގަޑިއިރު ބިޒީ އެވެ.

އެހެން ނަމަވެސް މި މަންމަ ތަފާތެވެ. އެ މަންމަގެ ހުރިހާ ވަގުތެއް ދަރިންނަށް ހުސް ކުރަމުން އަތްތެރި އެތައް މަސައްކަތެއް ކުރެ އެވެ. އެއީ ހދ. ވައިކަރަދޫއަށް އުފަން އެރަށު ހިސާން، އައިމިނަތު އިހުސާނާ އެވެ. އޯޓިޒަމް ދަރިފުޅެއް ގެންގުޅެމުން އެ މަންމަ ނުކުރާ މަސައްކަތެއް ނޯވެ އެވެ. ހާއްސަ ގޮތެއްގައި އެއްޗެހި ރިސައިކަލް ކުރުމަކީ އިހުސާނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ.

"ވާގޮތަކީ އެއްވެސް އެއްޗެއް އެއްލައިލާކަށް ބޭނުމެއް ނުވޭ، ރިސައިކަލް ކުރެވޭނެ ކޮންމެވެސް ގޮތަކަށް، އެހެންވެސް ކަރުދާސްކޮޅު ކޮޅު އެއްކޮށްލައިގެން ހުންނާނެ އެއްޗެހި ހަދާފައި، ކުދިން ކުޅެން ބޭނުންކުރާ އެއްޗެހިވެސް،" އިހުސާނާ ކިޔައިފދިނެވެ.

ދުވާލުގެ ހުރިހާ ވަގުތެއް ދެ ދަރިންނަށް ހުސް ކުރުމަށްފަހު ރޭގަނޑު ހާއްސަ ކުރަނީ އެ ފަދަ މަސައްކަތްތަކަށެވެ. ކަރުދާހުން މާ ހެދުމުން ފަށައިގަނެގެން މިއަދު ބޮލިން ކްރައުން ހަދަން ފަށައިފި އެވެ. ކޭކު އެޅުމާއި ހެދުން ފެހުން އަދި ކައިވެނީގެ ރަން އަދި ގުލްދަސްތާ ތައްޔާރު ކޮށް ދިނުމަކީ އިހުސާނާގެ ލިސްޓުގައި ހިމެނޭ ކަންތައްތަކެވެ. ސްކޫލްތަކަށް ބޭނުންވާ ކްރާފްޓް މަސައްކަތްތައް ވެސް ކޮށްދެ އެވެ. އޯޑަރު ލިބޭ ވަރަކަށް އެ މަސައްކަތްތައް ކުރަން ތައްޔާރެވެ.

ރިސައިކަލް ކޮށްގެން އިހުސާނާ ވަނީ ދަރިފުޅަށް ހެދުން ވެސް ފަހާފަ އެވެ. އެއީ ކަޅު ކޮތަޅު ބޭނުންކޮށްގެން އުފެއްދި ހެދުމަކާއި، ކަޅު ކޮތަޅާއި ރަތް ކޮތަޅު ބޭނުންކޮށްގެން އުފެއްދި ހެދުމުގެއްގެ އިތުރުން ކްރެޕް ޕޭޕާއިން އޭނާ ފެހި ހެދުމެކެވެ. އެ ހުރިހާ ހެދުމެއްވެސް އޭނަ ފަހާފައިވަނީ އެންމެ ރެއެއްގެ ތެރޭގަ އެވެ.

"ކުދިން ނިދީމަ ފަށަނީ، ޒާން [އޯޓިޒަމް ދަރިފުޅު] ނިދާނީ 11:30 ވީމަ، ނިދީމަ މުޅި ރޭ ހޭލާ ހުރެގެން ކަހަަލަ ގޮތަކަށް ހަދަނީ، ދުވާލު ގަޑީގައި ނުކުރެވޭނެ އެއްވެސް ކަމެއް،"

"އަބަދުވެސް ވަރަށް ހަދާހިތްވޭ އެގޮތަށް އެއްޗެހި، ކުރިން ސްކޫލްގައި އުޅުނު އިރުވެސް ބޮލިން ފަށް އެއްޗެހި ހަދަން، ބައްޕަ ވެސް ކުރާނެ ވަރަށް އެކަހަލަ މަސައްކަތް، ބައްޕަ ކުރާތީވެ ކުރާ ހިތުން ދަސްކުރީ، ހެދުންވެސް ފަހަން ދަސްކުރީ އޭރު،" އިހުސާނާ ކިޔައިދިނެވެ.

"ވަރަށް ކުރާހިތްވާ ކަމެއް އެއީ މި މީހުން [ކުދިންނަށް] ގޭގައި ކުޅޭ އެއްޗެހި ހެދުން، ވަރަށް މަދުވާނެ ކުޅޭ އެއްޗެހި ގަނެފައިވެސް،"

ކުދިންނަށް ކުޅެން އެއްޗެހި ހެދުމުން ފެށިގެން ހަތަރު އަހަރުގެ އަންހެން ދަރިފުޅު އަދި އިހުސާނާ އަދި އާއިލާގެ ގިނަ މީހުން ބޭނުންކުރާ ހުރިހާ ހެދުމެއްވެސް ހެދުމެއްގެ ސިފަ ޖައްސަނީ އިހުސާނާ އެވެ. ކޮންސެޓުތަކަށްވެސް އޭނާ ހެދުން ފަހައިދެ އެވެ. ގަމީހާއި ފަޓުލޫނު ފަހަންވެސް އޭނާ ދަނެ އެވެ. އެވަރުން ނިމުނީކީ ނޫނެވެ. މިހާތަނަށް ދެ ވެޑިން ޑްރެސް ވެސް އޭނާ ފަހައިފި އެވެ.

"އެންމެ ފުރަތަމަ ކުޑައިރު ފަހަން ފެއްޓިއިރު ބައްޕަ ބުނި އެހުރީ ފަހާފޮއްޓެއް ގަނެފަޔޯ، ހަލާކުވިޔަސް ހެވޯ ޓްރައި ކުރާށޯ، މަސައްކަތް ކުރާއިރު އެއްޗެހި ހަލާކުވެސް ވާނެޔޯ، ފަހަން ދަސްކުރުމުގަ އެ ބަސް ވީ ވަރަށް ބޮޑު ހިތްވަރަކަށް،"

މީގެކުރިން އެއްވެސް އެއްޗެސް މާ ފުޅާކޮށް ވިޔަފާރީގެ ގޮތުގައި ނުކުރި ނަމަވެސް ބޮލިން ހަދާ ކްރައުން އަދި ފަށް ކަހަލަ ގަހަނާގެ މަސައްކަތް އިހުސާނާ ކުރަނީ ވިޔަފާރީގެ ގޮތުގަ އެވެ. މާގިނަ ދުވަސްތަކެއް ނުވި ނަމަވެސް ވިޔަފާރި ރަނގަޅެވެ.

"ކުރިންވެސް ވަރަށް ބޮލި ގެންގުޅެން، ދެން ނެޓުން އެހެން ހަދާފައި ހުންނާތީ ފެނިގެން އައިޑިއާ އައިސް ހަދަން ފެށީ، އެއަށްދާ ވަގުތާއި ހަރަދަށް ބަލާފައި އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ، އުނދަގުލީ މާލޭގެ ހިނގައިގެން ފަށް އެއްޗެހި ހޯދަން ހިނގަން ޖެހެންޏާ، ދެން ކްރައުން އެއް ހަދަން ޓޫ ވީކްސް ވަރު ކުރިން ބުނިއްޔާ ރަނގަޅީ"

"އާޓްގެ ހެދޭނެ ކޮންމެ އެއްޗެއްވެސް ބަލައިގެން ދަސްކޮށްގެން، ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ، ކޭކުވިޔަސް، އެއްޗެއް ކުރެހުން ވިޔަސް ކިޔާނެ ކަމެއް ނެތް، ހެދޭނެ ކޮންމެ އެއްޗެއްވެސް،" އިހުސާނާ ބުންޏެވެ.

އެ ހުރިހާ މަސައްކަތަކާ އެއްކޮށް އިހުސާނާ އެންމެ ސަމާލުކަން ދޭ އެހެން މަސައްކަތެއް އެބަ އޮތެވެ. އެއީ އޯޓިޒަމް ބައްޔަށް މީހުން ހޭލުންތެރިކުރުވަން އޭނަ ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން އޯޓިޒަމް ރާއްޖޭގެ ނަމުގައި ފޭސްބުކް ޕޭޖެއް އިހުސާނާ އަންނަނީ ހިންގަމުންނެވެ. އެ ބައްޔާއި ބެހޭ ގިނަ މައުލޫމާތުތަކެއް އެ ޕޭޖު މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

"އެންމެ ފުރަތަމަ ދަރިފުޅު އޯޓިޒަމް ކަން އެނގުނީ ދެ އަހަރުގައި، އޭރުގައި ނޭނގޭ އޯޓިޒަމް އާއި ބެހޭ މައުލޫމާތެއް، އެހެންވެ ހިތަށްއެރީ އެގޮތަށް ބައިވަރު މީހުން ތިބޭނޭ މިގޮތަށް، އޭރު އޯޓިޒަމް އާ ބެހޭ އާޓިކަލް އެއް ފެނުނަށް ޝެއާކޮށްލާ މީހުން އެވެއާ ކޮށްދެން ފެށީ އެމަސައްކަތް، އަދިވެސް އެންމެ އެކަށީގެންވާ ވަރަކަށް މީހުން ހޭލުންތެރިއެއް ނުވޭ،" މީގެ ހަ އަހަރު ކުރިން އެ ޕޭޖު ހިންގަން ފެށި ގޮތް ކިޔައިދެމުން އިހުސާނާ ބުންޏެވެ.

އެއިން އެއްވެސް މަސައްކަތެއް ދަސްކުރަން އެއްވެސް ކަހަލަ ކޯހެއް އޭނަ ނުހަދަ އެވެ. ދަސްކުރީ ބައްޕަ ކައިރިން އަދި އިންޓަނެޓުންނެވެ. އެކަމަކު އަނެއްކާ މިހާރު އިހުސާނާ އަންނަނީ ކިޔަވަން ފަށަންވެސް ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް ތަފާތު ދާއިރާއަކުންނެވެ. އެއީ ޑިސްއެބިލިޓީ މެނޭޖްމަންޓް ނުވަތަ އޯޓީޒަމް ފަދަ އިތުރު އެހީތެރިކަމަށް ބޭނުންވާ ކުދިންނާ ގުޅޭ ކަހަލަ ދާއިރާއަކުންނެވެ. މި އަހަރުވެސް ކެއާ ސޮސައިޓީން ކުރިއަށް ގެންދަން ރޭވި އެ ކޯހުގައި ބައިވެރިވި އެވެ. އެކަމަކު ބައިވެރިން ހަމަނުވުމުގެ ސަބަބުން ކޯސް ކެންސަލް ވީ އެވެ.

"ބޭނުން ފެމެލީ އެންމެނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން، އެންމެންވެސް ވަރަށް އެހީވެދޭ، ހާއްސަކޮށް ބައްޕައަށް ވަރަށް ޝުކުރު އަދާކުރަން، މި ހުރިހާ ކަމަކީވެސް ބައްޕަގެ ކައިރިން ދަސްވެފައި ހުރި މަސައްކަތްތައް،"