ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ޝަރަފުވެރި ބައި ހުޅުވާލައިިފި

މަޓާޓޯ އިން ދޭ، މޯލްޑިވްސް ޓްރެވަލް އެވޯޑުގެ އެންމެ ހާއްސަ ބައި ކަމަށްވާ "ގާލާ އިވެންޓަ" ށް ނޮމިނޭޓް ކުރަން ހުޅުވާލައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައިދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "މޯލްޑިވްސް ޓްރެވަލް އެވޯޑުގައި" ބާއްވާ އެނުއަލް ގާލާ އިވެންޓުގައި ހާއްސަ 25 ގިންތިއަކުން އެވޯޑު ދޭނެ އެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހާ ހަމަ އަށް އޮންނާނެ އެވެ. އެވޯޑު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ނޮވެމްބަރު މަހު އަދާރަން ހުދުރަންފުށީގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ.

"ގާލާ އިވެންޓުގެ ނޮމިނޭޝަން" އިއުލާނު ކުރުމަށް އިއްޔެ ވަނީ އަނަންތާރާ ދިގުރަށުގައި ހާއްސަ އިވެންޓެއް ވެސް ބާއްވާފަ އެވެ. މި އިވެންޓުގައި މި އެވޯޑުގައި އެކި ގޮތް ގޮތުން ބައިވެރިވާ، ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް އޮތެވެ.

ދެހާސް ބާރަވަނަ އަހަރުން ފެށިގެން ދެމުން ގެންދާ މޯލްޑިވްސް ޓްރެވަލް އެވޯޑުގައި މި އަހަރު ފުރަތަމަ ފަހަރަށް ވަނީ ތިން ބަޔަކަށް ބަހާލައިގެން އެވޯޑު ދޭން ނިންމާފަ އެވެ. މިގޮތުން ޓޫރިޒަމް ދާއިރާ އަށް ހިދުމަތް ކުރާތާ ގިނަ ދުވަސްވީ މީހުންނަށް ޖުލައި މަހުގެ 13 ވަނަ ދުވަހު ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ. މީގެ އިތުރުން ގެސްޓްހައުސް ތަކަށް ހާއްސަކޮށް ވެސް އެވޯޑެއް ދޭން ނިންމާފައިވެ އެވެ.