ފައްޔާޒް އިސްމާއީލް

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އިންތިހާބު ކުރާ ބަޔަކަށް ހަދަން ޖެހޭ"

Sep 11, 2017
18

އިދިކޮޅު ފަރާތްތަކުން ފަށައިގެން ކުރިޔަށް ގެންދާ އިސްލާހީ މަސައްކަތްތައް ނިމޭ އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ރައްޔިތުން އިންތިހާބު ކުރާ ފަނޑިޔާރުން ތިއްބަވާ ތަނަކަށް ހަދަން ޖެހޭ ކަމަށް ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި، އޭނާ ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް 54 ވަކީލުން ސުޕްރީމް ކޯޓަށް ވަޑައިގެން ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތްކޮށްފައި ވަނިކޮށެވެ. އެ ޕެޓިޝަން ސުޕްރީމް ކޯޓުން ބަލައެއް ނުގަނެ އެވެ. އަދި އެ ހުށަހަޅަން މަސައްކަތް ކުރި މައްސަލާގައި އެ ހުރިހާ ވަކީލުން ކޯޓުތަކުގައި ވަކާލަތު ކުރުމުގެ ވަގުތީ ގޮތުން ސަސްޕެންޑު ކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) އިން ރޭ ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން ފައްޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރާ އިސްލާހީ މަސައްކަތް ނިމޭ އިރު ސުޕްރީމް ކޯޓަކީ ސީދާ ރައްޔިތުން އިންތިހާބު ކުރާ މަގާމްތަކަކަށް ހަދަން ގާނޫން އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ގަމު ދާއިރާގެ މެންބަރު ފައްޔާޒް މިއަދު ކުރެއްވި ޓްވީޓު --

މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު 54 ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ފާހަގަ ކުރައްވާފަ ވަނީ މުއްދަތު ޖެހުމުގައި ހަމައެއް ނެތުމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ސިއްރު ހެކިބަސް ނެގުމާއި ފަނޑިޔާރުންގެ ސުލޫކާއި ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުމާއި ވާޒީފާގެ ބިރު ދެއްކުމެވެ. އަދި ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން ހަވާލުވުމާއި ގާނޫނު އަސާސީއިން ލިބިދީފައިވާ ބާރުގެ ބޭރުން ސުޕްރީމް ކޯޓުން އަމަލު ކުރުމާއި އެއް ފަނޑިޔާރުގެ މަސައްކަތަށް އަނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވުމާއި ތުހުމަތުގައި ބަންދު ކުރެވޭ ފަރާތްތަކުގެ ހައްގުތައް ގެއްލުމާއި ސަބަބެއް އެންގުމެއް ނެތި ވަކީލުންނަށް ފިޔަވަޅު އަޅާ ކަމަށް ބުނެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެ މައްސަލާގައި ޑީޖޭއޭ އިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕެޓިޝަން ހުށަހެޅި ވަކީލުންނާ ގުޅޭ ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެއީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެވަކީލުން އެއްވި މައްސަލަ އާއި އަދުލު އިންސާފުގެ ގާއިމްކުރުމުގެ ބާރުގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހުތިޞާސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ހިލާފު ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ހުރުމަތް ކެނޑި މައްސަލަ ކަމަށެވެ.