މިއުޒިކް

ސިމްބޮލިކްގެ އާ ލަވަ: އަނެއްކާވެސް ތަފާތު ދައްކައިފި!

ހިޕްހޮޕް މިއުޒިކަށް ހާއްސަވެ ހުރިހާ ވައްތަރެއްގެ މިއުޒިކާއި އޯޑިއޯ އަދި ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި އޭރިއަލް ފޮޓޯ އަދި ވީޑިއޯ ގްރަފީގެ މަސައްކަތާއެކު އެޑް ހަދައިދޭ ސިމްބޮލިކް ރިކޯޑްސްގެ ވާހަކަ ދައްކަން ޖެހެނީ މިހެންވެ އެވެ. މިއުޒިކް އިންޑަސްޓްރީ މުޅިން އާ ހަރުފަތަކަށް ގެންގޮސްދީ ހާއްސަކޮށް ޒުވާނުންނަށް އެންމެ ކަމުދާ ކަހަލަ މިއުޒިކާއި ލަވަ އުފައްދާތީ އެވެ.

ސިމްބޮލިކް އިން އަނެއްކާވެސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މިވަނީ އާ ލަވައެއް ނެރެފަ އެވެ. "ހަތްދެރި" ނަމުގައި ހަދާފައިވާ އެ ލަވައަކީ ސައިޓްރޭންސް މިއުޒިކްގެ އެކި ވައްތަރުގެ ތެރެއަށް ދިވެހިންގެ ސަގާފަތް ވައްދާ، ސިމްބޮލިކް އިން ތައާރަފްކުރި އާ ޖޮންރާއެއް ކަމަށްވާ ރައިވަރު ސައިޓްރޭންސް ނުވަތަ "ރާ ސައި" ގެ ސިފަތައް ގެނެސްފައިވާ ފުރަތަމަ ލަވަ އެވެ. -- ހަތްދެރީގެ މާނަ އަކީ ބައްޓަން ރީތި އަންހެނާ އެވެ. އެ ލަވައިގައި އެ ކިޔައިދެނީ "ހަންޑި އުޅުން" ނުވަތަ ރަނގަޅު ނޫން އުޅެމެއް އުޅެމުންދާ ރީތި އަންހެން ކުއްޖަކު އޭނާގެ ދިރިއުޅުން އިސްލާހުކޮށްފިނަމަ އޭނާ އާއި ކައިވެނި ކުރުމަށް ފިރިހެނަކު ހުށަހަޅާ ހުށަހެޅުމެއްގެ ވާހަކަ އެވެ.

ހަ ބަހުގެ ރައިވަރެއް އަސްލަކަށް ބަލައިގެން ޒަމާނީ ޅެންވެރިކަމުގެ ތެރެއިން އުފެއްދި މި އާ ރަައިވަރަށް ލަވައެއްގެ ސިފަ ގެނެސްފައިވަނީ ސިމްބޮލިކްގެ ކްރިއޭޓިވް ޑައިރެކްޓާ އިސްމާއިލް ނާއިލް (ބްލަޑް) އެވެ. ކުރީ ޒަމާނުގައި ވާހަކަ ދެއްކުމަށް ދިވެހިން ބޭނުންކުރި، މިހާރު ނުކުރާ ބަސްތައް ހިމަނައިގެން ލިރިކްސް ހަދާފައިވާ އެ ލަވަ ހެދީ ކުރީގެ ލިރިކްސް އާއި ފަހުގެ މިއުޒިކް ބޭނުންކޮށްގެން ލަވައެއް އުފެއްދުމުގެ ބޭނުމުގަ އެވެ. އަދި ދިވެހި ބަހުގެ އަދަބިއްޔާތުގައި ހިމެނޭ ރައިވަރު، ބަނދި އަދި ކާ ފަދަ ބާވަތްތައް އަލުން މޮޑިފައި ކުރުމަކީވެސް ބޭނުމެކެވެ. އެ ލަވައިގެ މަސައްކަތް ސިމްބޮލިކް އިން ފަށާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

"އަސްލު އެ ލަވައިގެ އައިޑިއާ އައިސްގެން މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު، އޭގެ އެއް ބޭނުމަކީ ކޮމިއުނިޓީއަށް ތަފާތު އެއްޗެއް ގެނައުން، އެ ލަވައިގެ ލިރިކްސް ހަދަން ތިން ވަރަކަށް މަސް ހޭދަވި، ލިރިކްސް ހަދާފައި އޭގެ މިއުޒިކް ހަދަން ގާތްގަނޑަކަށް އަށް މަސް ނެގި، އެކި ގޮތްގޮތަށް އެކްސްޕެރިމެންޓް ކުރަމުން ގޮސް ބޭނުންވާ ޗޭންޖެސް ގެނެސް އެންމެ ހިންހަމަ ޖެހޭ ގޮތަށް މިއުޒިކް ހަދަން އަހަރެއްވަރު ނެގި،" ނާއިލް ބުންޏެވެ.

އެލަވައިގެ މިއުޒިކް ހަދާފައިވަނީ ސިމްބޮލިކްސްގެ މިއުޒިކް ޕްރޮޑިއުސަރު އަބްދުﷲ ރަޒާން (ފޭޓްސްޓެޕް) އެވެ. ލަވަ ކިޔާފައިވަނީ އަހްމަދު ޖައިލަމް (ބޭ) އެވެ. އަދި މި ލަވައިގެ ކަވާ އާޓް ތައްޔާރުކޮށްދީފައިވަނީ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޒުވާން އާޓިސްޓު ސައިކޯނޯޓްފްރޮމްއެޓްލާންޓިސް އެވެ. "ހަތްދެރި"ގެ ވީޑިއޯ ލަވަ މި އަހަރު ނިމުމުގެ ކުރިން ނެރޭނެ އެވެ.

ކުރިއަށް އޮތްތަނުގައި ބަނދި އަދި ކާ ފަދަ ބާވަތްތައް މޮޑިފައިކޮށްގެން އިތުރު ލަވަތައް ހަދާނެ އެވެ. އޭގެ އަލްބަމެއްގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަންނަ އަހަރުގެ ކުރީކޮޅު ނެރޭ އޯޑިއޯ އެ އަލްބަމްގެ ވީޑިއޯވެސް ހަދާނެ އެވެ. އޭގެ އިތުރުން އެހެން އަލްބަމެއްގެ މަސައްކަތްވެސް ސިމްބޮލިކް އިން އަންނަނީ ކުރަމުންނެވެ.

ސިމްބޮލިކް ރިކޯޑްސް މިހާރަށްވުރެ ފުޅާކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.