ހަބަރު

ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީތަކަށް އިނާމު ދެނީ

ދިވެހި ގޭބިސީތަކުގައި ދިރިއުޅޭ މީހުން ދުންފަތާއި އޭގެ ދުމުން ރައްކާތެރިކޮށް އާންމު ސިއްހަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި، ގޭގައި ދިރިއުޅޭ މީހުން ފުރިހަމަ ސިއްހަތެއްގައި ތިބުމަށްޓަކައި ހިތްވަރުދީ، އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބިސީތަކަށް އިނާމު ދޭން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އިނާމަކީ ދިވެހިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބޭ ބަޔަކަށް ހެދުމަށް ބާރު އަޅައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދީ އަދި ދިރިއުޅޭ މާހައުލަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ދުމުން ރައްކާތެރި މާހައުލަކަށް ހެދުމުގެ މަގްސަދުގައި ދޭ އިނާމެއް ކަމަށެވެ.

އެ އިނާމު ދޭން ހަމަޖެހިފައިވަނީ "ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބީސީތަކަށް އިނާމު ދިނުމާބެހޭ އުސޫލު"ގެ ދަށުން ކަމަށެވެ. އެ އުސޫލުގެ ތެރޭގައި އެ އިނާމަށް ކުރިމަތިލާ ގޭބިސީ އަކީ ދިވެހި ގޭބިސީއެއް ކަމުގައިވާން ޖެހެ އެވެ. އަދި އެ ގޭބިސީއެއްގައި ދިރިއުޅޭ ބަޔަކު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ މަދުވެގެން އަހަރު ދުވަސް ވާން ޖެހޭ އިރު އެ ގޭބިސީއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޭބީސީއެއްކަން ކުރާ ސާވޭއިން ކަނޑައަޅާފައިވާން ޖެހެ އެވެ.

ހެލްތު މިނިސްޓްރީން ކުރި އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އިނާމު ހައްގުވާ ފަރާތްތައް ކަނޑައަޅާނީ، ހެލްތު މިނިސްޓްރީން އެކުލަވާލާ ކޮމިޓީ އަކުން ކަމަށެވެ. ދުންފަތުގެ އިސްތިއުމާނު ނުކުރާ ގޭބިސީގެ އިނާމް ދޭން ހަމަޖެހިފައިވަނީ އަހަރަކު އެއްފަހަރުއެވެ. އެ އިނާމަށް މުއްދަތު ގުނަން ފަށާފައިވަނީ މިދިޔަ މަހުގެ 24 އިން ފެށިގެންނެވެ.

އެ އިނާމު އެ ގޭބިސީއަކަށް ދިނުމަށްފަހު، އެ ގޭބިސީއެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ.

އެ އިނާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އިނާމަށް ކުރިމަތި ލެވޭނީ އެ އިނާމަށް ކުރިމަތި ލުމަށް ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށެވެ.