ހަބަރު

އާރްއޯއެލް އިން ކެއާ ސޮސައިޓީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދާ، ރާއްޖެ އޮންލައިން (އާރްއޯއެލް) އިން ކެއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއް ގާއިމް ކޮށްފި އެވެ.

އާރްއޯއެލް އިން ބުނީ ކެއާ ސޮސައިޓީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ކެއާ ސޮސައިޓީ އަށް ހިލޭ އިންޓަނެޓުގެ ހިދުމަތް ދިނުން ވެސް ހިމެނޭ ކަމަށެވެ.

ކެއާ ސޮސައިޓީއާ ދެމެދުވެފައިވާ އެއްބަސްވުމާ ބެހޭ ގޮތުން، އާރްއޯއެލްގެ ހެޑް އޮފް މާކެޓިން މަނާލް ލަތީފު ވިދާޅުވީ ހިލޭ ސާބަހަށް މަސައްކަތް ޖަމިއްޔާއަކާ ދެމެދު މިފަދަ އެއްބަސްވުމެއް ގާއިމް ކުރުމަކީ އުފާވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ފޯރުކޮށްދިން އިންޓަނެޓުގެ ހިދުމަތަކީ ކެއާ ސޮސައިޓީގެ ކުދިންނާއި މުވައްޒަފުންނަށް ވެސް ބޭނުންތެރި ހިދުމަތަކަށްވާނެ ކަމަށެވެ.

އާރްއޯއެލްއަކީ މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާ ދާއިރާއެއްގައި އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދާ ކުންފުންޏެކެވެ. އަދި ކުންފުނިން ދަނީ ހިދުމަތުގެ ފެންވަރު މަތިކޮށް އާ ހިދުމަތްތަކެއް ގާއިމް ކުރަމުންނެވެ.