ހަބަރު

އެންމެ ބޮޑު ބޯޓް ހޮއިސްޓާ އެކު އެމްޓީސީސީ ބޯޑްޔާޑު ހުޅުވައިފި

އޮޑިފަހަރު އެހެލައި ބޭލުމަށް ރާއްޖޭގައި މިހައިތަނަށް ބެހެއްޓި އެންމެ ބޮޑު ބޯޓް ހޮއިސްޓް އާ އެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތިލަފުށީގައި ހިންގާ ބޯޓުޔާޑު ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.

ހިންގަމުން ތަރައްގީކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ބޯޓުޔާޑު ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެތަނުގައި ބަނދެފައިވާ ބާޖެއް މޫދަށް ބޭލި އެވެ. "މުލަ" ނަމަކަށް ކިޔާ އެ ބާޖު ބޭލުމަށްޓަކައިި ބޯޓް ހޮއިސްޓް އޮޕަރޭޓްކޮށްދެއްވީ އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހީމް ޒިޔަތެވެ.

ބާޖު ބޭލުމަށް ފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒިޔަތު ވިދާޅުވީ މިއަދު ބޭލި ޕޮންޓޫން ބާޖަކީ އެމްޓީސީސީގެ ބޯޓްޔާޑުން މިއަހަރު ބަނދެ ނިންމި ދެވަނަ ބާޖު ކަމަށެވެ. މިފަހަރު ބޭލި ބާޖު ބަނުމަށް ހޭދަވީ އެންމެ ދެމަހާއި ބައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އޭގެ މާނައަކީ އަޅުގަނޑުމެންގެ ބޯޓްޔާޑު މިހާރުވެސް ނިކަން ރަނގަޅަށް އެފިޝަންޓްކޮށް އެބަ މަސައްކަތް ކުރެޔޭ. އިތުރު ރިސޯސަސްއާ އެކީގައި ހަމަ ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ ރަނގަޅު ބޯޓްޔާޑަށް ހެދުމުގެ ގާބިލުކަންހުރި ސްޓާފުންކޮޅެއް އެމްޓީސީސީގައި އެބަތިބި ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް މި ލިބުނީ،" އޭނާ ވިދާޅުވިއެވެ.

ރަސްމިއްޔާތަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ޒިޔަތު ވިދާޅުވީ ފާއިތުވި އަހަރު ބޯޓްޔާޑަށް ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެމްޓީސީސީއަކީ ގިނަ އަދަދެެއްގެ އުޅަނދު ފަހަރު ގެންގުޅޭ ކުންފުންޏަކަށް ވާތީ އެތަނުގައި އެންމެ ގިނައިން ކުރެވެނީ ކުންފުނީގެ އުޅަނދުތަކަށް ކުރަން ޖެހޭ މަސައްކަތްތައް ކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އަމާޒަކީ ވިޔަފާރި އުސޫލުން އާއްމުކޮށް ހިދުމަތް ދިނުން ކަމަށާއި މިއަދު ބޭނުންކުރަން ފެށި 200 ޓަނުގެ ބުރަދަން އުފުލޭ ބޯޓް ހޮއިސްޓް ލިބުމުން އެކަން ފަސޭހަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިލަފުށީގެ އުތުރުކޮޅުގައިވާ އެމްޓީސީސީގެ ބޯޓްޔާޑުންދޭ ހިދުމަތްތަކުގެ ތެރޭގައި އޮޑިދޯނި ފަހަރު ބަނުމާއި މަރާމާތު ކުރުމާއި މެރިން އިންޖިނިއަރިން އަދި އިލެކްޓްރޯނިން އިންޖިނިއަރިން ގެ ހިދުމަތް ހިމެނެ އެވެ. ވެލްޑިން ކުރުމާއި ފައިބަރު ޖެހުމާއި ލަކުޑީގެ މަސައްކަތް ވެސް އެތަނުގައި ކުރެ އެވެ.

އެހިދުމަތްތައް ދިނުމަށް އެތަނުގައި ޖާގައިގެ ގޮތުން ތަނަވަސް ވޯކްޝޮޕްތަކާއި ސްލިޕްވޭއެއް ގާއިމްކޮށްފައިވެ އެވެ. ބޯޓްޔާޑު ހުޅުވުމުގެ ރަސްމިއްޔާތުގައި އެތަނުގެ މުވައްޒަފުންނާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.