ރިޕޯޓް

ފްލެޓް ދޭން މި އުޅެނީ ސިއްރު ސިއްރުން!

Sep 14, 2017
11

މާލޭގައި މަޖުބޫރުވެގެން ދިރިއުޅެން ޖެހިފައި މި އޮތް އާންމު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމެވެ. މާލޭގެ ބޯހިޔާވަހިކަމުގެ އަގު ރަނަށް ވެފައި އޮތުމެވެ. ކޮންމެ ސަރުކާރަކަށް ވެސް މިއީ އެންމެ ބޮޑު ޗެލެންޖެކެވެ. މި ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން، އަލަތު ކައިވެންޏާ އެކު ފްލެޓް ދިނުމާއި އާބާދީގެ ބޮޑު ބަޔަކަށް ހެޔޮ އަގުގައި ފްލެޓް ދީ މާލޭ ސަރަހައްދަށް މީހުން ޖަމާކުރުން އޮތީ މި ސަރުކާރުގެ މެނިފެސްޓޯގެ ވައުދުގެ ތެރޭގަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަށް 3 އަހަރާއި ބައިވީއިރު، މަންޒަރު ފެންނަ ގޮތާއި މިހާތަނަށް ކަންވެފައި އޮތް ގޮތުން ގެދޮރުވެރިކަމުގެ ވައުދު ނުފުއްދި ސަރުކާރު މި އޮތީ ފާޑަކަށް ފެއިލްވެފަ އެވެ.

މި ސަރުކާރުން މީގެ ތިން އަހަރު ކުރިން އިއުލާން ކުރި ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓް ހޯދުމަށް ދިގު ކިޔޫތަކުގައި ޖެހިގެން 16،000 އަށް ވުރެ ގިނަ މީހުން ފޯމިލީއިރު އޭގެ ތިން އަހަރު ފަހުން އޭގެ ތެރެއިން ފްލެޓް ލިބޭނެ 600 އެއްހާ މީހުންގެ ލިސްޓެއް މި ވަނީ އިއުލާން ކޮށްފަ އެވެ. ދައުރު ނިމެން ކުޑަތަން ވެފައިވަނިކޮށް ހައުސިން މިނިސްޓްރީ އިން އާންމު ކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެފައި މި އޮތީ ބޮޑު ޖޯކަކަށެވެ. އާންމުންގެ ރުޅިގަނޑު އިންތިހާއަށް މިވަނީ މައްޗަށް ގޮސްފަ އެވެ.

އެއްބައި މީހުންގެ ނަޒަރުގައި މި ލިސްޓަކީ ހަމައެކަނި ދަޅަ ދައްކާލުމަށް ނެރުނު ނަމްބަރު ތަކެކެވެ. އަނެއް ބައެއްގެ ނަޒަރުގައި މިއީ، އޮޅުވާލުމެއްގެ ތެރެއިން ނަހަމަ ގޮތުގައި ބަޔަކަށް ފްލެޓްތަކެއް ދިނުމަށް ހިންގާ ބޮޑު ޖަރީމާ އެކެވެ. ކޮންމެ ސަރުކާރެއްގައި ވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓަކީ މައްސަލަ ބޮޑު ޝަކުވާ އިންތިހާއަށް އޮންނަ ލިސްޓެކެވެ. މިކަހަލަ ލިސްޓެއްގެ މައްސަލަ އޭސީސީއަށް ނުގޮސް ސަލާމަތް ވެފައެއް ނެތެވެ. އެކަމަކު މި ސަރުކާރުން އިއުލާން ކުރި، މި ފްލެޓް ދޭ މީހުންގެ ލިސްޓާ މެދު އާންމުންގެ ރުޅިގަނޑު މިހާ ބޮޑުވެގެން މި އުޅެނީ، ފްލެޓް ލިބޭނެ މީހުންގެ ނަމާއި އެޑްރެސް ހާމަކޮށްފައި ނެތުމުން އެވެ. ހަމައެކަނި، އާންމު ކޮށްފައި އޮތީ ހައުސިން މިނިސްޓްރީއަށްލީ ފޯމްގައި އޮތް ފޯމް ނަމްބަރެވެ. އެހެން ނަމަވެސް މީގެ ކުރިން މިފަދަ ލިސްޓެއް ނެރޭނަމަ، ފްލެޓް ލިބޭ މީހާގެ ނަމާއި އެޑްރެސް ފަދަ މައުލޫމާތުތައް އާންމު ކުރެ އެވެ. ސަބަބަކަށް ވަނީ، ވީހާ ވެސް ދެ ފުށް ފެންނަ ގޮތަށް ފްލެޓް ދިނުމަށް މަގުފަހި ކުރުމެވެ. އެކަމަކު ފްލެޓް ލިބޭ މީހުންގެ މައުލޫމާތުތައް ފޮރުވުމުގެ ބަހަނާއަކަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު މުއިއްޒު ދައްކަވަނީ ބައެއްގެ ހައްގުތައް ހިމާޔަތް ކުރުމުގެ ވާހަކަ އެވެ. އެކަމަކު ހިމާޔަތް ކުރަން މިއުޅެނީ ކޮންބައެއްގެ ހައްގުތަކެއް ހެއްޔެވެ؟

"ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރު ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ. އެއީ ހާމަކޮށްގެންދަން ޖެހޭ ކަމެއް. މިގޮތަށް ހަމައެކަނި ފޯމް ނަމްބަރު އިއުލާން ކުރީމާ އެގަހު ކޭލެއް މިގަހު ކޭލެއް ނުވެސް އެނގޭ. އަހަންނަށް 99 ޕަސެންޓް މާކްސް ލިބުނު ފޯމް އެސެސްކުރިއިރު، އެކަމަކު އަހަންނަކަށް ފްލެޓެއް ނުލިބޭ. އެކަމަކު އަހަރެން ދަންނަ ބައެއް މީހުންނަށް އެއަށް ވުރެ މަދުން މާކްސް ލިބުނު އިރުވެސް ފްލެޓް ލިބިފައި ހުރީ. މިކަންކަން ރަނގަޅަށް ބެލޭނީ ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ރަނގަޅަށް އެނގިގެން،" ފްލެޓް ނުލިބުމުގެ ކަންބޮޑުވުމުގައި ހުރި މީހަކު ހިޔާލުފާޅުކުރި އެވެ.

ފްލެޓެއް ހޯދުމަކީ އެތައް ބައެއްގެ ހުވަފެނަކަށް ވާއިރު، ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއެއްގެ ދަށުން ފްލެޓް ލިބޭނެ މީހުން އާންމުންނަށް އެނގުމަކީ އެންމެންގެ ހައްގެކެވެ. ސަބަބަކަށް ވަނީ، ފްލެޓް އެޅުމުގެ މަޝްރޫއުތަކާއި އެކަމާ ގުޅޭ އިންތިޒާާމްތައް ހަމަޖެއްސުމަށް އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ހަރަދު ކުރަނީ ހުރިހާ އާންމުންގެ އަތުން ވެސް ނަގާ ޓެކްސް ފައިސާއިންނެވެ. ދެން އޮތް އަނެއް ސުވާލަކީ ފްލެޓް ލިބޭ ބައެއްގެ މައުލޫމާތު އިނގިގެން ފްލެޓް ލިބޭ މީހަކަށް ގެއްލެނީ ކޮން ހައްގެއް ހެއްޔެވެ؟ ފްލެޓް ލިބި، އެތަންތަނުގައި ދިރިއުޅެން ފެށުމުން ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއްކަން އެއްވެސް ބަޔަކަށް ސިއްރެއް ނުވާނެ އެވެ. އެ ފްލެޓްތަކުގައި އެ މީހުން އުޅޭތަން އެންމެންނަށް ވެސް ފެންނާނެ އެވެ. އެހެން ވީމާ، ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރު ކުރަން ޖެހޭ އެއްވެސް ބޭނުމެއް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ.

"ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރު ކުރާނީ ކޮންމެވެސް ކަންތައްތަކެއް އޭގެ ފަހަތުގައި އޮތީމާ. އެހެން ނޫނީ މިއީ ސިއްރުން ކުރަން ޖެހޭ ކަމެއް ނޫން. ވީހާ ވެސް ހާމަކޮށް ކުރަން ޖެހޭ ކަމެއް. އެކަމަކު މި ސަރުކާރުން މިކަން ވެސް މި ކުރަނީ ކަންތައްތަކެއް ފޮރުވައިގެން،" އާންމުންގެ މީހަކު ހިޔާލުފާޅުކުރި އެވެ.

ފްލެޓް ލިބޭ މީހުންގެ ހަމައެކަނި ނަމްބަރުތަކެއް އާންމު ކުރުމުން، ސަރުކާރަށް މިވަނީ ތުހުމަތުގެ އިނގިލި ދިއްކުރަން ފަށާފަ އެވެ. މައުލޫމާތުތައް ސިއްރުކޮށް ފްލެޓް ދޭން ސަރުކާރުން މަސައްކަތް ކުރަން ފެށުމުން ވަކި ބަޔަކަށް ފްލެޓް ދޭން ސަރުކާރުން މަސައްކަތް ކުރާ ކަމާއި ސަރުކާރުގެ އިސްވެރިންނާއި ގާތް މީހުންނާއި ސަރުކާރު ޕާޓީގެ ސިޔާސީ އެކްޓިވިސްޓުންނަށް ފްލެޓްތައް ބަހާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު ވަނީ ސަރުކާރުގެ ބޮލުއެޅިފަ އެވެ. ހަގީގަތުގައި މިފަދަ ތުހުމަތުތައް ގިނަވަނީ ހާމަކަމެއް ނެތި ސިއްރުން ކަންތައްތަކެއް ކުރަން މަސައްކަތް ކުރުމުން އެވެ. ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި މުހިންމު މައުލޫމާތުތައް ފޮރުވައި އޭގެ ކުޑަމިންވަރެއް ހާމަކުރުމުން އާންމުންގެ އެންމެންގެ މަސްލަހަތު އޮތް މިފަދަ ބޮޑު ކަމެއްގައި ސަރުކާރުން އިންސާފުން ކަންތައްތަކެއް ކުރާނެ ކަމަށް ބެލެވޭނެ ޖާގަ މި އަންނަނީ ހަނިވަމުން އެވެ. މިފަދަ ބޮޑު ކަމެއް ކުރަން ވާނީ ވީހާ ވެސް ހާމަކޮށް، ރައީސް ޔާމީން ވިދާޅުވާ ގޮތަށް ހަ ފަރާތް އެނގޭ ވަރަށެވެ. އެހެން ނޫނީ، ގެދޮރުވެެރިކަމުގެ ވައުދުން އާންމު ރައްޔިތުންނަށް ލިބޭނެ ހަގީގީ މަންފާއެއް ނޯންނާނެ އެވެ. ގެދޮރުވެރިކަމުގެ ވައުދު ފުއްދައި ދިނުމުގައި މި ސަރުކާރުން އެތައް ވަގުތެއް މިހާރުވެސް ބޭކާރުކޮށްލި އިރު މި ސަރުކާރަށް ރައްޔިތުން މި ދިން ކުޑަކުޑަ އުންމީދުވެސް މި ދަނީ ބޭކާރުވެގެން އެވެ.