ހަބަރު

މިނިވަން ޝަރުއީ ނިޒާމެއް ދިވެހިންނަށް ލިބިދޭން އދ. އިން ގޮވާލައިފި

ދިވެހިންނަށް ލިބެން ޖެހޭ މިނިވަން އިންސާފުވެރި ވަކި ފަރާތަކަށް ނުޖެހޭ ޝަރުއީ ނިޒާމުގެ ހައްގަށް އިހުތިރާމް ކުރަން އދ. އިން ގޮވާލައިފިއެވެ.

ޖެނީވާގައި އިއްޔެ ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ 36 ވަނަ ސެޝަން ފަށްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައަދު އަލް ހުސައިން ވިދާޅުވީ ރާއްޖޭގައި އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގުން މީހުން މަހުރޫމް ކުރާ ކަމުގެ ރިޕޯޓްތައް ލިބިވަޑައިގަންނަވާ ކަމަށެވެ. އެފަދަ ރިޕޯޓްތައް ލިބިވަޑައިގަންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެއުޅުމާއި ހިޔާލު ފާޅު ކުރުމުގެ ހައްގު ހިމެނޭ ގޮތުން، އަސާސީ ހައްގުތައް ބޭނުން ކުރެވޭނެ މާހައުލެއް ގާއިމްކުރަން އަހަރެން ގޮވަައިލަން ސަރުކާރަށް ގޮވައިލަން. އަދި ވަކި ފަރާތަކަށް ނުޖެހި އޮންނަ މިނިވަން ޖުޑިޝަރީއެއް ލިބުމުގެ ހައްގަށް އިހުތިރާމް ކުރުމަށްވެސް،" އަލް ހުސައިން އިއްޔެގައި ވިދާޅުވި އެވެ.

ޝަރުއީ އިނިޒާމުގެ އިތުރުން ރާއްޖޭގައި ގާނޫނު ތަންފީޒު ކުރާ އެހެން އިދާރާތަކުން އަމުލުކުރާ ގޮތްތަކާ މެދުގައި ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރެއްވާފަ އެވެ. އެގޮތުން ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސިފައިން ވަނުމާއި މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑީގެ މައްސަލަ ހިމެނެއެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން އަލުން ނުފެށުމަށް އޭނާ ގޮވައިލައްވާ ގޮވައިލެއްވުން ވެސް އިއްޔެގައި ވަނީ އަލުން ތަކުރާރު ކުރައްވާފަ އެވެ.

" އަހަރެން ތަކުރާރުކޮށް ސަރުކާރުގައި އެދިފައިވާނެ މި ޕްލޭން [މަރުގެ ހުކުމް ތަންފީޒުކުރުމުގެ ޕްލޭން] ކުރިއަށް ނުގެންދަން. މިއަދު އަނެއްކާ ވެސް ގޮވައިލަން މި ހަރުކަށި ނިންމުން އަނބުރާ ގެންދަން،" އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އަލް ހުސައިންގެ ތަގުރީރުގައި ވިދާޅުވެފައި ވެއެވެ.