ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތާއި ބެހޭގޮތުން އެކި ފަރާތްތަކުން އޮޅުން އަރާގޮތަށް ވާހަކަ ދައްކަމުން އަންނަ ކަމަށާއި ނަމަވެސް މިއަދާއި ހަމައަށްވެސް ޕީޕީއެމްގެ ރައީސަކީ މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނު އެ މަގާމަށް އިންތިހާބުވީ 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި އެ ޕާޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ. އަދި ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ ގޮތަކީ ރައީސްގެ އިތުބާޜު ނެތްކަމުގެ ވޯޓު ޕާޓީގެ ގައުމީ ޖަލްސާގެ ތިންބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތު ލިބިގެން ކަމަށެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާއިން މިހާތަނަށް އެފަދަ ނިންމުމެއް ނިންމާފައިވާ ނުވާކަމަށާއި އެހެންކަމުން ޕީޕީއެމްގެ ރައީސަކީ މައުމޫން ކަމަށެވެ.
ރައީސް މައުމޫންގެ އޮފީހުން ނެރުނު އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް މައުމޫނަކީ ޕީޕީއެމް އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ޕީޕީއެމްގެ ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވަނީވެސް އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުގައި ކަމަށެވެ.
ރައީސް މައުމޫން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދެވުމާއެކު ޕީޕީއެމްގައިވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. ރައީސް މައުމޫން މިހާރު އަންނަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.