ހަބަރު

ވޯލްޑް ޓްރެވެލް ރައިޓާސް ކޮންފަރެންސް މި މަހު 17 ގައި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވިޔަފާރީގެ އިތުރު ފުރުސަތު ތަކެއް ފަހިކުރުމަށް މޯލްޑިވްސް ޓީވީ އިން އިސްނަގައިގެން "ވޯލްޑް ޓްރެވެލް ރައިޓާސް ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ. އެ ކޮންފަރެންސް އޮންނާނީ މި މަހު 17 އިން 18 އަށް ބަނޑޮސް އައިލެންޓް ރިސޯޓު އަދި ކަނޑިންމަ ރިސޯޓުގަ އެވެ.

އެ ކޮންފަރެންސް އާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑައިރެކްޓާ އޮފް މާކެޓިން އެންޑް އީ ކޮމާސް އިބްރާހިމް ނަސްރީން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ހުރިހާ ދިވެހިންވެސް ޝައުގުވެރިކަން ހުންނަ ކަމަށެވެ. ލަގްޒަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރަމުން އަންނަ އިރު ޓްރެވެލް ރައިޓާސް ކޮންފަރެންސް މެދުވެރިކޮށް އެތައް ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.

ލިޔުންތެރިންނާއި، ފޮޓޯގްރާފަރުން އަދި ވީޑިއޯ ބްލޮގަރުން އެ ކޮންފަރެންސްގައި ބައިވެރިވާނެ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ނަސްރީން ވިދާޅުވި އެވެ. އެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކާއި މައްސަލަތަކަށް ބަލާއިރު ބައެއް ކަހަލަ ގޮންޖެހުންތަކަކީ ހައްލުކުރަން އުނދަގޫ ގޮންޖެހުންތަކެއް ކަމަށެވެ. އަދި އެ ކޮންފަރެންސް މެދުވެރިކޮށް އެ ދާއިރާއާ ދޭތެރޭ ދެކޭގޮތްވެސް ދެނެގަނެވޭނެ ކަމަށެވެ.

"މި ކޮންފަރެންސްގެ އެއް މަގްސަދަކީ ބިލިއަން ޑޮލަރުގެ މި ދާއިރާ ބިލިއަން ފުރުސަތު ލިބޭ ދާއިރާއަކަށް ހެދުން،" ނަސްރީން ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އެންމެ އެކަށީގެންވާ ގޮތަށް ކުރިއެރުވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށްވެސް ނަސްރީން ވިދާޅުވި އެވެ. އަދި އެ އެއް ބިލިއަން ފުރުސަތަކީ އެތައް އެތައް ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ އަދި ހައްލު ކުރަން އުނދަގޫ ގޮންޖެހުންތަކަކަށް ބައެއް ފަހަރު ވާ ކަމަށެވެ.

"އެ ކޮންފަރެންސް މެދުވެރިކޮށް ހިޔާލު ފާޅުކޮށް އަދި ފުރުސަތުތައް ފަހިކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ހޯދޭނެ، އަދި މި އިކޮނޮމިކް މިހާރަށްވުރެ އިމްޕްރޫވްކޮށް ކުރެވޭނެ ގޮތްތަކާއި ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެވޭނެ،" ނަސްރީން ވިދާޅުވި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމުން ވަނީ ވޯލްޑް ޓްރެވެލް ކޮންފަރެންސްގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ޕާޓްނަރުންގެ ތެރޭގައި އަދާރަން، ކޮކޯ، ބަނޑޮސް، ކަނޑިންމަ، އެމްއޭސީއެލް، ހޮޓެލް ޖެން، ގަތަރު އެއާލައިންސް، ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، މަޓީ، މޯލްޑިވްސް ގޭޓްއަވޭސް، ލިވާ ބޯޑް އެސޯސިއޭޝަން، ކަސްޓަމްސް، އިމިގްރޭޝަން، މޯލްޑިވްސް އިންސައިޑާ، އެމްވީ ހޮޓެލްސް، ވީވާ ޕްރައިވެޓް ލިމިޓެޑް އަދި ޕްރިންޓްލެބް މޯލްޑިވްސް އެވެ.