އަވަސް ވީކެންޑް

އަލީ، ކާމިޔާބަށް މަގު އަލިކުރީ އުނދަގުލުން!

މަސައްކަތް ކުރީ އެއް ތާކު ދެ ތާކު ނޫނެވެ. ދެތިން ހަތަރު ތަނެއްގަ އެވެ. މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ތަނެއް ހޯދުމެވެ. އުމުރުން 16 އަހަރުގައި މަސައްކަތުގެ މާހައުލަށް ނުކުތް އަލީ މުހައްމަދު އެ މަގުސަދު ހާސިލްކޮށްފަ އެވެ. ޓޫރިޒަމް ދާއިރާއި ގުޅުންހުރި ކެއިން ބުއިމުގެ ދާއިރާގައި އަލީ މަސައްކަތް ކުރާތާ މިއަދަށް 12 އަހަރުވީ އެވެ. މި ދާއިރާ އިން އޭނާ ވަނީ ގިނަ ތަޖުރިބާތަކެއް ހޯދާފަ އެވެ. މިއަދު ސިންފަނީ ކުންފުނީގެ ރެސްޓޯރެންޓްތައް ހިންގުމުގެ ހުރި ނަމަވެސް މީގެ ކުރިން ރިސޯޓުތަކުގައި ވެސް މަސައްކަތް ކުރި އެވެ. އުމުރުން 40 ގެ އަހަރުތައް މިހާރު އަލީ ގުނަމުންދާއިރު މި ދާއިރާ ހަމައެކަނި ދިވެހިން މަސައްކަތް ކުރާ ދާއިރާއަކަށް ވުމެވެ.

"އެންމެ ފުރަތަމަ [ކުރަމަތި] ރިސޯޓެއްގައި މަސައްކަތް ކުރީ ރެސްޓޯރެންޓުގެ ޕޭންޓްރީ. ޔޫރޯ ސްޓޯރު ވަސީމު ބުނީ އެ ތަނުގައި މަޑު ކުރާށޭ. ދެން އުޅުނީ ރޫމް ބޯއީ އަކަށް،" މަސައްކަތުގެ ފުރަތަމަ ތަޖުރިބާ އަލީ ކިޔައި ދިނެވެ.

ފުވައްމުލަކަށް އުފަން އަލީ ހަތަރު ރިސޯޓެއްގައި މަސައްކަތް ކުރި އެވެ. ކުރަމަތި ރިސޯޓާއި މަކުނުދޫ ރިސޯޓުގައި ވެސް މަސައްކަތް ކުރި އެވެ. މިހާރު މަސައްކަތް ކުރާ ރެސްޓޯރެންޓުގެ އަސްލު ބޭނުންވާ މަގާމަށް ގުޅުނީ މަކުނުދޫއިންނެވެ. އެތަނުގެ ވެއިޓަރެއްގެ މަގާމުގައި އުޅުނެވެ.

"ފުރަތަމަ ވެއިޓަރެއްގެ މަގާމަށް އައިއިރު އެއްވެސް އެއްޗެއް ނޭނގެ. ދެ ތިން ދުވަހުގެ ޓްރެއިނިންއެއް ހަދައިގެން ނުކުތީ. އެންމެ ބޮޑަށް ދަތިވީ ސާވިސްއަށް ނުކުތްއިރު އިޓަލީ ބަސް ނޭނގުމެވެ. ފުރަތަމަ ވެއިޓަރެއްގެ ވަޒީފާގައި ތަފާތު ތަޖުރިބާތަކެއް ވެސް އޭނާވަނީ ކޮށްފަ އެވެ. މިކަން އަލީ ގަބޫލުކުރީ މިދާއިރާ އިން އުނގެނެން ލިބުނު ހިތް ވަރެއްގެ ގޮތުގަ އެވެ.

"ފުރަތަމަ ދުވަހު ލިބުނު މޭޒުގައި ތިބީ ހުސް އިޓަލީ މީހުން. އެމީހުން ވާހަކަ ދެއްކީމަ އެއްވެސް އެއްޗެއް ނޭނގުނު. ބުނާނެ އެއްޗެއް ވެސް ނޭނގުނު. ދެން ހުރީ. އެހެން ހުއްޓައި ކައިރީގައި ހުރި މޭޒުގައި ތިބި ދެ ޓޫރިސްޓުން ކިޔައި ދިނީ. އެތަނުގައި ހުރި އަންހެން މީހާ އެހީ އިޓަލީ ބަސް ނޭނގޭހޭ؟ އަހަރެން ބުނީ ނޭނގެއޭ. ބުނީމަ އަނެއް ދުވަހު އައީ އިޓަލީ ބަހާއި އިނގިރޭސި ބަސް ހުރި ފޮތެއް ހިފައިގެން. އެ މޭޒުގައި ތިބި އިޓަލީގެ ދެ މަފިރިން އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުން ކޮންމެވެސް ވަރަކަށް އިޓަލީ ބަސް ދަސްކޮށް ދިނީ،" އިޓަލީ ބަސް އެނގުނު ގޮތް ކިޔައިދެމުން އަލީ ބުންޏެވެ.

"އޭނާއަކީ އިޓަލީގައި ޓީޗަރަކަށް އުޅޭ މީހެއް. އޭނަ ރިސޯޓުގައި ހުރެގެން ދަސްކުރީ."

މި ރިސޯޓުގައި މަސައްކަތް ކުރަމުން ދަނިކޮށް އެ ރިސޯޓު ވިއްކައިލީ އެވެ. އެހެންވެ، ދެން ބަދަލުވީ ފުލްމޫން ރިސޯޓަށެވެ. އަދި އެއަށްފަހު ބަދަލުވީ ކަނިފިނޮޅަށެވެ. އަދި ބަނޑޮހުގައި ވެސް މަސައްކަތް ކުރި އެވެ.

އަލީ ގަބޫލުކުރާ ގޮތުގައި ރިސޯޓެއްގައި މަސައްކަތް ކުރުމަކީ ވަރަށް ހިތްހަމަ ޖެހޭ މާހައުލެކެވެ. އާމްދަނީގެ ގޮތުންނާއި ރިސޯޓުގެ މާހައުލުގެ ގޮތުން ބަލާނަމަ ވެސް ވަރަށް ހިތްހަމަ ޖެހޭ އެވެ.

އޭގެފަހުން، އަލީގެ ހިޔާލަށް އައީ ރިސޯޓު މާހައުލާ ތަފާތު ތަޖުރިބާއެއް ކޮށްލުމަށެވެ. އެހެންވެ ބަދަލުވީ ސިންފަނީ އަށެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރެސްޓޯރެންޓުތަކުގެ ތެރޭގައި ހިމެނޭ ސިންފަނީގައި މަސައްކަތް ކުރަން ލިބުމަކީ އޭނާ އަށް މުޅިންއާ ތަޖުރިބާއަކަށްވި އެވެ.

"އެންމެ ފުރަތަމަ ސިންފަނީ އަށް އައީ ވޭޓަރަކަށް. ފުރަތަމަ އައިރު ހިއެއް ނުވޭ އުޅެވޭނެހެނެއް. ހީކުރީ އުނދަގޫ ވާނެ ކަމަށް. މީހުން ދެކޭ ގޮތް ވެސް ވަރަށް ތަފާތު ވާނެ ކަމަށް. ހީކުރީ ސައި ހޮޓަލުގައި ކަންތައް ކުރާ ގޮތަށޭ މީހުން ކަންތައް ކުރާނީ. އެކަމަކު ރެސްޓޯރެންޓުގައި މަސައްކަތް ކުރަން ފެށީމަ އެނގުނީ ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަކީ ވަރަށް ތަފާތު ރަނގަޅު ބައެއްކަން. ދިވެހިން ރަނގަޅުކަން. އެ ސަޕޯޓު ވަރަށް ބޮޑު ސަބަބަކަށްވި މި ދާއިރާގައި ހިފަހައްޓާލެވުމުގެ،" އަލީ ކިޔައިދިނެވެ.

އަލީ ގަބޫލުކުރާ ގޮތުގައި ސިނަފަނީގައި 12 އަހަރު މަސައްކަތް ކުރުމުގެ ސިއްރަކީ އެ ކުންފުނީގެ އެންމެ ފައުންޑަރުން ފެށިގެން މިހާރުގެ މެނޭޖުމަންޓުގެ ހުރިހާ މެންބަރުންގެ ގާތް ކަމެވެ. އެމީހުންގެ އެހީތެރިކަމެވެ.

"ވަރަށް ރަނގަޅު މި ތަން. [ސިންފަނީ] ގެ އެންމެ މަތިން ފެށިގެން ހުރިހާ ކުދިން ވެސް ވަރަށް ރަނގަޅު. ސާވިސް ދޭން ތިބޭ މުވައްޒަފުންނާ ދޭތެރޭ ދެކޭ ގޮތް ވަރަށް ތަފާތުވާނެ މިތަން. މި ތަނެކޭ ރިސޯޓެކޭ ތަފާތެއް ނެތް،" ގާތްގަނޑަކަށް 30 މުވައްޒަފުން ބަލަހައްޓާ، އަލީ ބުންޏެވެ.

އަލީ ސިންފަނި އަށް ގެނައި ބަދަލަކީ ކޭޓަރިން ފެށުމެވެ. ނަމަވެސް ފުރަތަމަ އެކަންވީ ތަންކޮޅެއް ދަތިވި ކަމަށެވެ.

"ސިންފަނީގައި ދިވެހިން ގިނަ އިން އުޅުމުގެ ސިއްރަކީ ރަނގަޅުވުން. މުވައްޒަފުންނަށް ލިބޭ ހިދުމަތް ވެސް ރަނގަޅު. ދިވެހިން ތިބީމަ މިވާ ގޮތަކީ ބްރޭންޑް ވަރަށް ވަރުގަދަ. ހާއްސަކޮށް ދިވެހިންނަށް. ދިވެހިން ވަރަށް ބަލައި ގަނޭ."

އަލީ މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެނީ އޭނާގެ އަންހެނުނާއި "ސިންފަނީގެ އާއިލާ" އެވެ.

"ވަރަށް ގިނަ ވަގުތު ބޭނުންވާ ދާއިރާއެއް މިއީ. އެކަމުގައި ވެސް އާއިލާގެ އެއްބާރުލުން ވަރަށް ބޮޑު. ސްޓާފުންގެ އެއްބާރުލުން ވަރަށް ބޮޑު. އެކަމަށް އެންމެންނަށްވެސް ބުނެލަން ބޭނުންވަނީ ޝުކުރިއްޔާއޭ،" ތިން ކުދިންގެ ބައްޕަ ބުންޏެވެ.