ރާއްޖެ އިޝްތިހާރު ކުރުމަށް ނެރޭ، "މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް " ގެ ދެވަނަ އަދަދު މިރޭ ތައާރަފުކޮށްފި އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ފީލް އިންވެސްޓްމަންޓުން ތައްޔާރުކޮށްގެން ނެރޭ މެގަޒިންގެ ދެވަނަ އަދަދު ތައާރަފުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.
"މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2018" ގައިޑުގައި ނެރޭ މި ޓޫރިޒަމް ގައިޑުގައި ރާއްޖޭގެ ޓޫރިޒަމްގެ ހުރިހާ މައުލޫމާތެއް ހިމަނާފައި ހުރެ އެވެ. މި މެގަޒިން އިން ލިބެން ހުރި މައުލޫމާތުގެ ތެރޭގައި ރާއްޖޭގެ ޑައިވް ސައިޓުތަކާއި ރިސޯޓު އަދި ގެސްޓްހައުސްތަކުގެ މައުލޫމާތު ހިމަނާފައިވެ އެވެ. އަދި މި މެގަޒިންގައި އިޝްތިހާރު ކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. މި މެގަޒިން ރަސްމީކޮށް ނެރުން އޮންނާނީ ލަންޑަންގައި އޮންނަ ޑަބްލިއުޓީއެމް ފެއާގަ އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް ގައިޑުގެ ބައެއް ޕާޓްނަރުންނާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއި ވެސް ސޮއިކޮށްފަ އެވެ. މެގަޒިންގެ އޮފިޝަލް ޓެލެކޮމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އަދި އޮފިޝަލް އެކޮމޮޑޭޝަން ޕާޓްނަރުގެ ގޮތުގައި ސަން ސިޔާމް އިރުފުށި ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ ސިންގަޕޫރުގެ ޓައިމްސް ޕްރިންޓާސް އެވެ. އަދި އޮފިޝަލް މީޑިޔާ ޕާޓްނަރަކީ
ދައުލަތުގެ މީޑިޔާ ކުންފުނި ޕީއެސްއެމް އެވެ.
ރާއްޖޭގެ ރަސްމީ އޮފިޝަލް ޔޫޓިބު ޗެނަލް ވެސް މިރޭ ތައާރަފުކޮށްފަ އެވެ. "މޯލްޑިވްސް ޑެސްޓިނޭޝަން ޗެނަލް" ގެ ނަމުގައި ތައާރަފުކުރި ޗެނަލްގައި ވެސް އިޝްތިހާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ފީލް އިންވެސްޓްމަންޓުން ބުނެފައިވާ ގޮތުގައި މި މެގަޒިން މިދިޔަ އަހަރު އެއް މިލިއަނަށްވުރެ ގިނަ ޑައުންލޯޑު ކޮށްފައިވެ އެވެ. މި މެގަޒިންއަކީ ބޭރުގެ 10 ބަހަކުން ނެރޭ މަޖައްލާއެކެވެ.
ރާއްޖޭގެ އޮފިޝަލް ގައިޑެއް ބޮޑު ބަދަލަކާއެކު ނެރެފައިވަނީ މިދިޔަ އަހަރު އެވެ. މިގޮތުން ގެނައި ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ގިނަ ބަސް ތަކަކުން ނެރުމެވެ.