މިއުޒިކް

"ނަށާލާ" އަށް ކަވާ ހަދައިގެން ޑީޓިއުން އާ އެކު ރިސޯޓަށް

ދިވެހި މިއުޒިކާއި ލަވައިގެ ދުނިޔެ އަށް ވެރިވެފައި އޮތް ފޫހިކަމާއި ވައިކަން ފިލުވާލައި، ނަށައި، ފޫކޮޅުތަޅުވަން އަލުން ދަސްކޮށްދީ "ނަށާލާ"ގެ ނަމުގައި މީގެ ތިން ވަރަކަށް އަހަރުކުރިން ޑީޓިއުން ބޭންޑް އިން ނެރުނު ލަވަ އަރައިގެން ދިޔައި ރޮކެޓެއް އަރާހާ ބާރު ސްޕީޑުގަ އެވެ. އެ ލަވަ ވީ ނިކަން ގިނަ މީހުންގެ ހިތަށްވެސް ވެރިވެފައި އޮތް ފޫހިކަން ފިލުވާލި ލަވަޔަކަށެވެ.

އެ ލަވައިގެ އަޑު ކުޑަކޮށް މަޑުވެފައި ވަނިކޮށް ޑީޓިއުން އިން މިވަނީ އެ ލަވައިގެ އަޑު އަނެއްކާވެސް ގަދަކޮށްލާފަ އެވެ. "ނަށާލާ"ގެ ކަވާ ވީޑިއޯ ލަވަތަކެއް ހެދުމުގެ މުބާރާތެއް ހުޅުވާލާފަ އެވެ. މި މަހުގެ 30ގެ ނިޔަލަށް ނަށާލާގެ ކަވާ ލަވަތައް ހަދާފައި ފޮނުވަންވީ އެވެ. ޑީޓިއުން ބޭންޑަށް އެންމެ ކަމުދާ ދެ ކަވާ ލަވަ ހޮވާ އެ ފަރާތްތަކަށް ޑީޓިއުންގެ އަލްބަމްއަކަށް ލަވަކިއުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ބޭންޑާއެކު ރިސޯޓުގައި ޕާފޯމް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މިއުޒިކީ ދާއިރާއަށް ނުކުންނަން ބޭނުންވެފައި ތިބި ފަރާތްތަކަށް މިއި ރަނުގެ ފުރުސަތަކަށް ވެެގެންދާނެ އެވެ.

ޑީޓިއުން އިން މިހާތަނަށް ގެނެސްދީފައިވާ ކޮންމެ ލަވަޔަކީވެސް ނިކަން ބޮޑި މަގުބޫލުކަމެއް ހޯދާފައިވާ ލަވަތަކެކެވެ. "ނަށާލާ"، "ވައި"، "އައްޗީ ޗީޗީ" އަދި ފިލްމު މީ ލޯތްބަކީއަށް ކިޔާފައިވާ "ހީލާ ހަދާލަން" ވެސް ވީ ހިޓަކަށެވެ. "އައްޗީ ޗީޗީ" އަކީ ދިވެހި ލަވަތައް އެހެން ހަރުފަތަކަށް ގެންގޮސްދިން ލަވައެކެވެ.

ޑީޓިއުން އަކީ ގެ ފެޒޫ. ފުޖީ، އައްމަޑޭ، އައްޔަ އަދި ފާތިހު ކިޔާ ފަސް ޒުވާނުން ހިމެނޭ ބޭންޑެކެވެ. ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި އުފެދުނު ދިވެހި ބޭންޑްތަކުގެ މެދުގައި ދިރާސާއެއްކުރިޔަސް މިއަށް ވުރެން ޑެޑިކޭޓެޑް ނުވަތަ ޕެޝަންގައި މިއުޒިކް ކުޅޭ ތަރުތީބު ރަނގަޅު ބޭންޑެއް ނުފެންނާނެކަން ޔަގީނެވެ.

ޒުވާނުންގެ މެދުގައި އެންމެ ކަމުދާ އެއް ބޭންޑަކީ މިހާރު ޑީޓިއުން އެވެ. އެމީހުންގެ ކޮލިޓީ އާއި އަޑު އެހެން ބޭންޑްތަކަށް ވުރެ މައްޗަށް އަރައިގެން ދިޔަ ސަބަބު އެހެންކަމުން ވަރަށް ސާފެވެ.

އެހެންވީމަ "ނަށާލާ"އަށް ވީޑިއޯ ކަވާތައް އަވަހަށް ހަދަން ފަށާށެވެ.