ކޮލަމް

ދެން ޝުކުރިއްޔާ ހެޔޮ ދުއާ ސަލާމް!

Sep 16, 2017
80

އިންޑިއާގެ އެނާލިސިސް އެންޑް ރިސާޗް ވިންގް (ރޯ) އާއި އިންޑިއާގެ ތިންކް ޓޭންތަކުގެ ތެރޭގައި ހިމެނޭ ސެންޓާ ފޯ ލޭންޑް ވޯފެއާ ފަދަ ތިންކް ޓޭކްންތައް ގުޅިގެން ވަރަށް ބުރަ މަސައްކަތެއް ކުރެ އެވެ. އެއީ ރާއްޖޭގެ ކަންކަމާމެދު ދެކޭ ގޮތް ރިސާޗް ކުރުމުގައި ނުކުމެފައި ހުރި ނަތީޖާތައް ބަލައި އާ ނަތީޖާއެއް ނުކުންނާނެ ގޮތަކީ ކޮބައިތޯ ހޯދަން އަލުން ދިރާސާ ކުރުމެވެ. އެކަން ކުރާއިރު ރޯގެ އެޖެންޓަކު ރާއްޖެއަށް ފައިބައި ހުންނަން ޖެހެ އެވެ. ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖެއަށް އިންޑިއާ އިން ފަތުރާލަން ޖެހެނީ "ޝުކުރިއްޔާ ހެޔޮ ދުއާ، ސަލާމެ" ކެވެ. މާނައަކީ އިންޑިއާގެ މިއުޒިކާއި ޑްރާމާ އާއި ބަސްތެރި ކަމުގެ ސަގާފަތަށް ދިވެހިންގެ އާބާދީ ލެނބިފައިވާ މިންވަރަށް އިންޑިއާ ވެސް ތިރިވެލާނީ އެވެ. ދިވެހި ބަހުން ވާހަކަ ދައްކާނީ އެވެ. ހީނާފަތް ވެސް އަޅައިދޭނީ އެވެ. ކަލްޗަރަލް ތަބްލާ ވެސް ޖަހައިދޭނީ އެވެ. ދިވެހިންނާއެކު ނަށާނީ އެވެ. ޅެން ކިޔައިދޭނީ އެވެ. ޅެން ފޮތް ނެރެފައި މަލިކަށް ވެސް ދެވޭނެ އެވެ. މިއީ ހެޔޮ ދުއާ ކަމުގައި ދިވެހިން ބަލައި ގަންނާނެ ވަރަށް "ޝުކުރިއްޔާ ހެޔޮ ދުއާ ސަލާމް" އެ ތިންލަފުޒު ބޭނުން ކުރާނެ އެވެ. އެ ނޫން ގޮތްތަކެއްވެ ކަންތައް މާ ބޮޑު ކުރަންޏާ ސިޔާސީ ގޮތުން ބޮނޑިއެއް ޖަހާނީ އެވެ. މި ހުރިހާ ކަމެއް އެމީހުން ޓެސްޓް ކޮށްފި އެވެ. ނަތީޖާ ގޯސްވުމުން އަޅާ ބޮނޑީގެ ގޮތުގައި އެންމެ ފަހުންކުރި ކަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ގެންގޮސް ޑްރާމާ ކުޅުވައި ރާއްޖޭގެ މޫނު މަތީގައި އަޅައި ވިހެލީ އެވެ.

އިންޑިއާއަކީ ބާރު ގަދަ ގައުމެކެވެ. އެ މީހުންގެ ތިންކް ޓޭންކްތަކުން މުޅި ގައުމުގެ މެންޓަލިޓީ ބައްޓަން ކޮށްދީފައި ވަނީ އަވަށްޓެރި ނުވަތަ ނުފޫޒު ފޯރާ ފަށުގައި އޮތް ގައުމުތަކަކީ އެމީހުންގެ "މިލްކެއް" ގެ ގޮތުގައި ދުށުމަށެވެ. އެ ގައުމުތަކަށް ނިސްބަތްކޮށް އިންޑިޔާއިން ބޭނުން ކުރާ ލަފުޒަކީ "އިންޑިޔަން ބެކްޔާޑް" މިހެނެވެ. އެ ބެކްޔާޑްގައި ހިނގާ ހުރިހާ ކަމެއްގައިހެން އިންޑިއާ ދެކެނީ އެ ގައުމަކީ "ދާދާ" ގޮތުގަ އެވެ. ބެކްޔާޑުގެ ކޮންމެ ކަމެއްގައި ވެސް ލީޑަރަކަށް ވާނީ އަދި ލީޑަޝިޕް ނަގަން ޖެހޭނީ ވެސް އިންޑިއާ އެވެ. އިންޑިއާ ބޭނުންވާ ގޮތް ނޫން ގޮތަކަށް އެއްވެސް ކަމެއް ހިނގައިގެނެއް ވެސް ރޭވިގެނެއް ވެސް ނުވެއެވެ. އެ ބެކްޔާޑާ ދިމާއަށް އެހެން ބަޔަކު ކައިރިވިޔަ ނުދޭއިރު އެ ދިމާއަށް ބަލައިލުމަކީ ވެސް ވަރަށް ބޮޑު މައްސަލައަކަށް ހަދަ އެވެ.

މީގެ އެއް މިސާލަކީ އިންޑިއަން އޯޝަން ސެކިއުރިޓީ އެވެ. އިންޑިއާ ސިފަ ކުރާ ބެކްޔާޑް ނުވަތަ އިންޑިއަން އޯޝަންއަކީ ބޮޑު މާސިންގާހާ ތަނެކެވެ. އިންޑިއަން އޯޝަން ކިިޔަސް ޓެރިޓަރީ އެންމެ މުހިންމު ވަނީ ރާއްޖެ އަށެވެ. ބާރު ގަދަ އެހެން ގައުމުތަކަށް ރާއްޖެ މުހިންމު ވަނީ ވެސް އެހެންވެ އެވެ. ސަބަބަކީ އެ ޓެރެޓަރީގައި އިންޑިއާ އަށްވުރެ ބޮޑު ސަރަހައްދެއް ރާއްޖެ އިން އޮކިއުޕައި ކުރާތީ އެވެ. ހަމަ އެގޮތަށް ސްރީލަންކާ ވެސް ބިޔަ ސަރަހައްދެއް އޮކިއުޕައި ކުރެ އެވެ. އެކަމަކު ތިން ގައުމުގެ މެދުގައި ހާދާފައި އޮންނަ ބާރުގަދަ އެއްބަސްވުން އޮންނަނީ "އިންޑިއަން އޯޝަން ސެކިއުރިޓީ" ގެ ނަމުގަ އެވެ.

ރާއްޖެ އާއި ސްރީލަންކާ ރުއްސައިގެން އެހެން ހަދާފައި އޮންނަނީ އެހެން ބަޔަކު އޭގެ ތެރެއަށް ވަދެފާނެތީ އާއި އެފަދަ ބައެއްގެ ނުފޫޒެއް ހިނގައިގެންފާނެތީ އެވެ. އެހެން ބަޔަކު ވަންނަން ވެސް، ބަލައިލަން ވެސް ބޭނުން ނުވަނީ ބެކްޔާޑުގައި ރާއްޖެ އާއި ސްރީލަންކާގެ އޮކިއުޕައި އިންޑިއާއަށް ވަރަށް މުހިންމުވާތީ އިންޑިއާ ބޭނުންވާ ގޮތަށް، އެ އޮކިއުޕައިގެ ރާޅު ބަނޑު ދަންމާފައި ބާއްވައިގެން ސުޕަޕަވާއަކަށް ވުމަށް ނިޔާމައިގައި ދަތުރު ކުރާށެވެ.

މި ބެކްޔާޑުން ބޭރުވެފައި އޮންނަނީ އިންޑިއާއިން ވަކިވެ ނިއުކުލިއަ ބާރަކަށް ވެގެން އޮތް ޕާކިސްތާނެވެ. އިންޑިޔާގެ ސިޔާސަތުތަކަށް ބަލާއިރު ޕާކިސްތާނު ފިޔަވައި ކައިރީގައި އޮތް އެހެން ހުރިހާ ގައުމަކަށް އެމީހުން ގަބޫލު ކުރާ ހަމާގައި ކޮމާކޯޅީގެ ތެރެއަށް ލާފައި އޮންނަ ނުފޫޒު އެމީހުން ބޭނުން އިރެއްގެ ބޭނުން މިންވަރަކަށް ފޯރުވޭނެ އެވެ. ފޯރުވެން ޖެހޭނެ އެވެ.

ނުފޫޒު މި ގެންނަނީ އިންޑިއާ ބޮޑުވެފައި ދެން ތިބި ގައުމުތައް ކުދިވެފައި އެހެން ގައުމުތަކަށް ވުރެ އެމީހުންގެ އިގްތިސޯދު ވެސް ބޮޑުވުމުންނެވެ. ނިސްބަތުން ޖީޑީޕީ މަތި ނުވެދާނެ އެވެ. އެހެން ނަމަވެސް ސަރަހައްދުގެ އެހެން ކޮންމެ ގައުމަކަށްވުރެ ވެސް އިންޑިއާގެ އިގްތިސޯދު މާ ބޮޑެވެ. މީގެ އިތުރުން ތާރީހީ ގޮތުން ދެމިގެން އައިސްފައިވާ ކަންކަމާއެކު އިންޑިއަން ބެކްޔާޑްގެ ގިނަ ގައުމުތައް ވަނީ އިންޑިއާގެ މުށުގެ ތެރޭގައި ޗިސްޗިސް ވަންދެން ފިއްތާފަ އެވެ.

ބަންގްލަދޭޝް އޮންނަނީ އންޑިއާ ފިއްތި ވަރަކަށް ފިތިގެނެވެ. ނޭޕާލަކީ އެކަށް އިންޑިއާގެ ނުފޫޒު ހިންގާ ގައުމެކެވެ. އިންޑިއާ ނުލައި ނޭޕާލަށް އެކައްޗެއް ވެސް ނުލިބޭނެ އެވެ. ބޫޓާނުގެ މުޅި އިގްތިސޯދު ބަރޯސާކޮށްފައި އޮންނަނީ އިންޑިއާގެ ފައި މައްޗަށެވެ. ވަރަށް ފަހަކާ ޖެހެންދެން ރާއްޖެ އާއި ސްރީލަންކާ ވެސް އޮތީ އިންޑިއާއިން އަތް އަޅައި ފިއްތާ ގަންނަވާލާފަ އެވެ. އެހެން ނަމަވެސް އެހެން ގައުމުތަކާ އަޅާ ބަލާއިރު މިހާރު ސްރީލަންކާ އާއި ރާއްޖޭގެ ސިޔާސަތު ވަނީ "ތެދުވެގެން ދުއްވައިގަންނަ" ސިޔާސަތަކަށް ބައްޓަންކޮށްފަ އެވެ.

މި ބަދަލު ރާއްޖެއިން ގެނައުމުގެ ކުރިޔަށް ޖެހިލާއިރު ރާއްޖެއަށް ދެ ތިން ޑޮކްޓަރުން ފޮނުވައިދޭނީ އިންޑިޔާއިންނެވެ. ދޮޅަހަކަށް ޓީޗަރުން ފޮނުވައި ދޭނެ އެވެ. ހިލަވެލި ފޯރުކޮށްދޭނެ އެވެ. ބޭހަށް ދާންޖެހޭނީ އިންޑިއާ އަށެވެ. ދޭތެރެ ދޭތެރެއިން ބަޖެޓް ސަޕޯޓް ވެސް ދޭނީ އިންޑިއާއިންނެވެ. އެ ސަބަބުތައް އެހެން އޮތުމުން އިންޑިއާ އިން އޮތީ ރާއްޖޭގެ އިކޮނޮމީ އެ މީހުންގެ މުށު ތެރެއަށްލައި ލޮކް ކޮށްލާފަ އެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސަތަކީ ބުރަކަށި މައްޗަށް އެރޭނީ "ޔެސް އެކްސެލެންސީ" ގައި ގުދުވެ ބުރަކައްޓަން އަރަން ދެއްކީމަ އެވެ. ގުދުވެ ބުރަކަށި މައްޗަށް އަރަން ނުދޭހާ ހިނދަކު އިންޑިއާއަކަށް ވެސް އަދި އެހެން ގައުމަކަށް ވެސް ރާއްޖޭގެ ބުރަކަށި މައްޗަށް އަރައި އޮބި އަޅައިގެނެއް ނޯވެވޭނެ އެވެ.

ރާއްޖެއިން މިހާރު ގެންގުޅެނީ ފްރީ އިކްނޮމީއެއް ޕްރޮމޯޓް ކުރުމުގެ ވިސްނުމެކެވެ. މީގެ މާނައަކީ އެއްވެސް ގައުމަކަށް ފުލް ޑިޕެންޑެންސީއެއް ނުދީ ކުރިޔަށް ދާ ވިސްނުމެވެ. ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތަކީ އެއީ އެވެ.

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ދުވަސްވަރު އިންތިހާބެއްގެ ކަންކަމާމެދު އިންޑިއާއިން ހިތްހަމަ ނުޖެހުމުން ނޫނީ އެހެން ބަޔަކު ރާއްޖޭގައި މާ ގަދަ ކޮށްފަނެތީވެ ނުފޫޒުގެ ގޮތުން ރާއްޖޭގައި ބަނޑަހަޖަހައިގެން ތިބެން ނޫނީ ވަކި ޕްރޮޖެކްޓެއް އިންޑިއާ ބޭނުންވުން ފަދަ ކަންކަން އެ މީހުން މަތި ކުރުވަމުން އައީ ރަހުމަތްތެރި ކަމުގައި ދެމުން އަންނަ ހިިދުމަތްތަކާއި އެހީ އާއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެމީހުން ކަން ކުރަމުން އައީ އެގޮތަށެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ 30 އަހަރުގައި އެމީހުން ރާއްޖެއަށް ހެދީ ހަދާނެ ގޮތެކެވެ. އެއީ ފޮރިން ޕޮލިސީ ބިނާ ކުރުމުގައި ވިޔަސް "ރަހުމަތްތެރިން" ކަންކަން ކުރާ ގޮތެއް ނޫނެވެ. އިހުލާސްތެރި ހަމަހަމަ ގުޅުމެއް ކަމަށްވަންޏާ ގައުމަކަށް ދޭ އެފަދަ އެހީއަކާ ނުބައްދަލު ފިއްތުންތައް ކުރިމަތި ކުރުވައި އަތް އަނބުރައެއް ނުހަދާނެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ރާއްޖެ ފެނަށް ޖެހުނެވެ. އެ ހާލަތުގައި ޗައިނާއިން ރާއްޖެއަށް ފެން ފޮނުވަން ބޭނުންވި އެވެ. އިންޑިއާއިން ވެސް ފެން ފޯރުކޮށްދޭން ބޭނުންވި އެވެ. އެހެން ގައުމުތަކުން ވެސް އެކަން ކޮށްދޭން ބޭނުންވި އެވެ. އެކަމަކު ޗައިނާއިން ރާއްޖެއަށް ފެން ފޮނުވަން ވެގެން އެ ގައުމުގެ ލޮކްހީޑް ސީ- 130 ގެ ދެ ބޯޓަށް ފެން ބަރުކޮށްގެން ރާއްޖެއަށް ނައްޓާލަން ވީމާ ކަންތައްވީ ކިހިނެއް ހެއްޔެވެ؟

އެކަން ހިނގައި ދިޔަ ގޮތް ފޮރިން މިނިސްޓަރު ކަމުގައި އޭރު ހުންނެވި ދުންޔާ މައުމޫނަށް އެނގިވަޑައިގަންނަވާނެ އެވެ. ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ނާޒިމަށް އެނގިވަޑައިގަންނަވާނެ އެވެ.

ފެން ހިފައިގެން ޗައިނާގެ ދެ ބޯޓް އުދުހެން ޖެހެނީ އިންޑިއާގެ ޓެރިޓަރީގެ މަތިންނެވެ. އެ ނޫން ގޮތަކަށް ފާ އީސްޓުން ވަށާލާފައި އަންނަންޏާ އެއީ ވަރަށް ދިގު، ހަރަދު ބޮޑު ރޫޓެކެވެ. ހަރަދު ކުޑަ ކުރުމަށާއި ދަތުރު ކުރުކޮށް، ފެނަށް ޖެހިފައި އޮތް ގައުމަށް އަވަހާ އެހީވެ ދިނުމަށް ޗައިނާގެ ބޯޓްތަކުގެ ފްލައިއޯވާ ރައިޓްސްއަށް އެދެން ޖެހެނީ އިންޑިއާ ސަރުކާރުގަ އެވެ.

ފެނުގެ ހާދިސާގެ ތެރޭގައި ޗައިނާއިން އެގޮތަށް އެދުމުން ތިން ދުވަސް ވަންދެން އިންޑިއާއިން ހުއްދަ ނުދީ ހިފެހެއްޓި އެވެ. ބޭނުމަކީ އެމީހުންގެ ފެން އައިސް މާލެއަށް ބަހައި އެމީހުންގެ ސަފީރު ފެނާއެކު ފޮޓޯ ނަގާއި އޭނާ އާއި އިންޑިއާގެ ޕީއާރް ހިންގައި ރާއްޖެއަށް ފުރަތަމަ އެހީވީ އިންޑިއާއޭ ބުނެ އޭގެ ހުރިހާ ކްރެޑިޓެއް ނަގާށެވެ. ނޫސްތައް ބަލައިލާށެވެ. އެކަން އެގޮތަށް ކުރި އެވެ. އެ ހުރިހާ ކަމަކާއެކު އިންޑިއާގެ ޝޯ ކުޅެ ނިމެންދެން ޗައިނާގެ ފެން ރާއްޖެ އަޔަ ނުދީ ހިފަހައްޓާލި އެވެ.

ދެން އޮތީ އިންޑިއާގެ އޯވާ ފްލައިއަކަށް ނުގޮސް ޗައިނާއިން ފެން ހިފައިގެން ރާއްޖެއަށް ދަތުރު ކުރުމެވެ. އެހެން އަންނަންޏާ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފިއުލް ގިނަ ކުރުމެވެ. ފިއުލް ގިނަ ކުރަންޏާ ކުރަން ޖެހޭ ކަމަކީ ދިވެހިންނަށް އެހީވާން އެރުވި ފެނުގެ ބޮޑު ބައެއް އުކާލުމެވެ. މި ގޮތް ހެދީމާ އިންޑިއާގެ ނޫސްތަކުގައި ލިޔާނީ ފެނުގެ ބޮޑު ބައެއް އުކާލާފައި ނަމަކަށް ފެންފޮދެއް ހިފައިގެން އައި ވާހަކަ އެވެ. މިއީ އިންޑިއާއިން ރާއްޖެއަށް ހެޔޮ އެދޭ ގޮތެވެ. އެހެންވީމާ އިންޑިއާގެ އިހުލާސްތެރި ކަމާއި ހެޔޮ ދުއާ އާމެދު ސުވާލެއް ނޫފެދޭ ހެއްޔެވެ؟

މި ރިސާޗު ހިނގަމުން ދިޔައިރު ނޫނީ ފަށައިގަތް އިރު ރައީސް ވަހީދު ސަރުކާރު އިންޑިއާގެ ހެލިކޮޕްޓަރެއްގެ މަޅީގައި ވަރަށް ރަނގަޅަށް ޖެހުނެވެ. އެ އެގްރީމެންޓްގައި އޮންނަނީ ދެ ހެލިކޮޕްޓަރެއްގެ ވާހަކައެވެ. އެ ހެލިކޮޕްޓަރު ގެންނައިރު އެމީހުންގެ ނިޔަތަކީ ތިންކް ޓޭންތަކާއި ރޯއާ ގުޅިފައިވާ މީހުން ހިމެނޭ ގޮތަށް ރާއްޖެއަށް އިންޑިއާގެ މިލިޓަރީ މީހުންތަކެއް އެތެރެ ކޮށްލުމެވެެ. ސުވާލަކީ އެ މީހުން ރާއްޖޭގައި ހަމައެކަނި ހެލިކޮޕްޓަރު ދުއްވާ ބަލަހައްޓާނީ ހެއްޔެވެ؟ އެމީހުން ކުރާ އެހެން ކަން ކަމާއި އެމީހުން ބަލައި ހޯދާ އެހެން ތަނެއް ވެސް ރާއްޖޭގައި ވާނެ އެވެ.

ރައީސް ޔާމީންގެ ސަރުކާރާއެކު ދެވަނަ ހެލިކޮޕްޓަރެއްގެ ވާހަކަ ފަށައިގަތެވެ. ބޭނުމަކީ އިތުރު މީހުން ޖަމާ ކުރުމެވެ. އޭރު ވެސް އޮތީ ފުރަތަމަ ހެލިކޮޕަޓަރުގެ ބޭނުމެއް ގާތްގަނޑަކަށް ނުހިފި މަރާމާތުގެ ނަމުގައި ގެންގޮސްފަ އެވެ. މީހުން ބެހިގެނާއި ގެއްލިގެނާއި އެވެނި ކަމެއް ވެގެން ހެލިކޮޕްޓަރާ ޖެހެނީ މަދު ފަހަރަކު އެވެ. އެ ހުރިހާ ކަމެއް ކުރީ ގާތްގަނޑަކަށް އެމްއެންޑީއެފުން އެމީހުންގެ ލޯންޗަގަނޑުގައި ނުކުމެ އެވެ. ނޫނީ އެއާ ޓެކްސީ އާއި އެނޫން ވަސީލަތްތައް ހޯދައިގެނެވެ. ބައެއް ފަހަރު އިންޑިއާ ހެލިކޮޕްޓަރު އިންޑިއާގެ "ޑަގަޑަގަ އިސްޕީޑު" ގައި ދާއިރު އޮންނަނީ "ގެރި" މަރުވެފަ އެވެ. އެހެންވީމާ އެއީ ރާއްޖެއަށް އެހާ ބޭނުން ހިފޭ ހެލިކޮޕްޓަރެއް ނޫނެވެ. ބޭނުމެއް ނުހިފެއެކޭ ވެސް ނޫނެވެ. އޭގެ ބަދަލުގައި އެއާއެކު ރާއްޖެއަށް ފައިބާ ތިބޭ ތިރީހަކަށް ސާޅީހަކަށް ސިފައިން ވެގެން އިންޑިއާއަށް ބޭނުންވާނެ ހުރިހާ ކަމެއް ކުރެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދެވަނަ ހެލިކޮޕްޓަރަކާ އަޅައެއް ނުލި އެވެ. އެކަމާ ކަޑަވެގެން ދުންޔާ "ވަށައިގެން ކަޅުކޮށްލާ ވަރަށް" ނެގި ވިލާގަނޑެއްހެން ވަރު ދައްކައިގަނެ 2016 ގައި ވަކި ޝަރުތަކަކާއެކު ހެލިކޮޕްޓަރު ގެނަ އެވެ. "ޑެސްޕަރޭޓް" ވި ވަރުން އިންޑިއާ ނޫސްތަކުގައި އޭގެ ބައެއް ވާހަކަ ލިޔުނު އިރު ދުންޔާގެ ނަމުގެ ކުރިޔަށް "ޑިކްޓޭޓަރު މައުމޫނު އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން" މިހެން ލިޔެފައި ހުއްޓެވެ. އަދި އެތައް ޒަމާނެއްގެ ކުރިން އިންޑިއާއިން އަމިއްލައަށް މަތިންބައިންޖެހިގެން އައިޖީއެމްއެޗަށް ދޭނެ ކަމަށް ބުނެ ދޮގު ހަދަމުން "ކަލް ދޯބަޖޭ އާއޯ" ގައި ގެންދިޔަ އެމްއާރްއައި މެޝިން މަތި ކުރުވީ އެ ދަބަރު ހެލިކޮޕްޓަރާ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޑިއާގެ ދަށުވެފައި ތިބޭވަރުން އެމްއާރުއައި މެޝިންގެ ކަންތަކުގައި ކިތަންމެ ދޮގެއް ހެދިޔަސް ޖެހެނީ ހެލިކޮޕްޓަރު އެއްބަސްވުމުގައި ސޮއި އަޅާށެވެ. އިރުއިރުކޮޅާ މިއީ ކޮން ހެލިކޮޕްޓަރެއް ހެއްޔެވެ؟

އެމްއާރްއައި މެޝިން ހެލިކޮޕްޓަރާ މަތިކޮށްފައި ހަމައެކަނި ދޮގުތައް ހެދީއެއް ނޫނެވެ. ދޭތެރެ ވެސް ޖެއްސި އެވެ. ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ސަކީލާއަށް ދައުވަތު އަރުވައި އިންޑިއާއަށް ގެންދަވައިގެން އެކަމަނާ އަރިހުގައި ބުނަނީ "ވަޑައިގެންނެވީތީ ޝުކުރިއްޔާ އެވެ! އިންޑިއާގެ ހެޔޮ ދުއާ ސަލާމެވެ! މެޝިނު ދޭނީ އައިޖީއެމްއެޗަށެވެ." ދެން ދައުވަތު އަރުވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށެވެ. އޭނާގެ އަރިހު ބުނަނީ "ވަޑައިގެންނެވީތީ ޝުކުރިއްޔާ އެވެ! އިންޑިއާގެ ހެޔޮ ދުއާ ސަލާމެވެ! މެޝިނު ދޭނީ ސެނަހިޔާ އަށެވެ."

މިހާރުވެސް ނޫސްތަސް ބަލާށެވެ ދެ މިނިސްޓަރުން ވަކި ވަކިން އިންޑިއާއަށް ގެންގޮސް މި ގުޖަޑު ހަދުވައި ހަލުވައިގަތުމުން އެކަން ނޫސްވެރިންނަށް ޖޯކަކަށް ވީމާ ދެ މިނިސްޓަރުން ހިފައި އޮޅުލައިގަންނަ ހިސާބަށް އެކަން ގެންދިޔަ އެވެ.

އެންމެ ފަހުން އެކަން ބޮޑުވެގެން ސަރުކާރުން ނިންމީ ސަރުކާރުން އެކަން ކުރުމަށެވެ. -- އެނގިފައިވާ ގޮތުގައި ރައީސް ޔާމީން އެކަން އެގޮތަށް ނިންމެވީ އިންޑިއާ ސަފީރު ކުރިމަތީގައި ބައިންދައި އެސްޓީއޯއަށް ގުޅުއްވައިގެނެވެ. ދޭނެ ކަމަށް ދޮގު ހަދާތާ އެތަކެއް އަހަރުވީ އެމްއާރްއައި މެޝިނުގެ ދަޅަ ދެއްކުން ނިމުން އައި ގޮތަކީ އެއީ އެވެ.

ރާއްޖެއިން އިންޑިއާއަށް ދިން އެ މެސެޖަކީ ރަހުމަތްތެރިޔާ އެވެ. "ކަލް ދޯބަޖޭ އާއޯ" ގެ ޒަމާން ނިމުނީ އެވެ. ދެ ތިން މިލިއަން ޑޮލަރުގެ އެމްއާރްއައި މެޝިނަކާއި އަޅުވައިގެން ދިވެހި ދައުލަތާއި ސަރުކާރާއި ދިވެހިންގެ އަތް އަނބުރަން ހަދާނެ ކަމެއް ނެތެވެ. އެކަމެއް ދެން ނުވާނެ އެވެ. ކުރިޔަށް އޮތްތާނގައި ވެސް ދިވެހިން އެގޮތެއް ގަބޫލެއް ނުކުރާނެ އެވެ. އެ ދުވަސް ދިޔައީ އެވެ.

ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު ވަހީދުގެ ދައުރުގައި އިންޑިއާއިން ދިވެހިންނަށް ޖެއްސުން ކުރަމުން ގޮސް ވިސާ ތާށި ކޮށްލީ އެވެ. މީހުން އޯވަ ސްޓޭ ކުރުވާނެ މަގުތައް ހޯދައި އެކަން ކުރީ އެވެ. ވިސާ ތާށި ކުރިކުރީނުން މާލޭގެ އިންޑިއާ އެމްބަސީ ކައިރީގައި މީހުންގަނޑު ކޮޅު ނުފެންނަ ވަރަށް ސަފު ހަދާލާފައި އޮތެވެ. އެންމެ ފަހުން އޭގެ ތެރެއިން ގިނަ ދިވެހިންގެ މޫނު އަނބުރާލީ ސްރީލަންކާއާ ދިމާއަށެވެ. ލަންކާގައި ދިވެހިން ގިނަވެ އާބާދީ 15،000 އިން މައްޗަށް އަރައިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ އެއީ އެވެ. ޖެއްސުން ކުރާވަރުން އެމީހުންނަށް ޓްރެވިންޑްރަމާއި ބެންގަލޫރުން ގައި އުޅެވެން ނެތިގެނެވެ.

އިންޑިއާގެ ކަލްޗަރަލް އެސޯސިއޭޝަނެއް ރާއްޖޭގައި ހަދައިގެން "ގަގުނަސް ތަރާނާ" ކުޅުވާއިރު އިންޑިއާގައި އޮތް ދިވެހި އާބާދީއަށް ކަލްޗަރަށް އެސޯސިއޭޝަނެކޭ ކިޔުން ވެސް އެއީ "ހަރާން" ކަމެވެ. ދިވެހި ބަސް ކިޔަވައިދޭތީ އެވެ.

އެހެން ނަމަވެސް ކުރިންސުރެ ރާއްޖެއާ މެދު ދެކެމުން އައި "ޑިޕެންޑެންސީ ކަލްޗާ" އާ ރާއްޖެ ދުރަށް ޖެހި މޫނު އަނބުރާލާފައިވާތީ އިންޑިއާއިން ވަނީ ރާއްޖެ ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފަ އެވެ. އަދި އެކަން އެގޮތަށް ވެދާނެ ކަމަކަށް ވެސް، ވާން ޖެހޭނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެ އެވެ. އިންޑިއާ ގަބޫލު ކުރަނީ ދިވެހިން ތިބެން ޖެހެނީ އެމީހުންގެ ބެކްޔާޑަކަށް ވެގެން "ޝުކުރިއްޔާ، ހެޔޮ ދުއާ ސަލާމޭ" ބުނީމާ "ޔެސް އެކްސެލެންސީއޭ" ބުނެލަ ބުނެލާ ކަމަށެވެ. މިއީ މިނިވަން މުސްތަގިއްލު ގައުމެއް ކަމާއި އަމިއްލައަށް ކުރިޔަށް ދިއުމުގެ އިހުތިޔާރު އޮންނަން ޖެހޭ ކަމެއް ގަބޫލެއް ނުކުރެ އެވެ.

ސްރީކަންކާއާ މެދުވެސް އިންޑިއާއިން ގެންގުޅެނީ މި އުސޫލެވެ. ރާއްޖެއާ ތަފާތު ކަމެއް ލަންކާގައި އޮވެ އެވެ. އެއީ ތަމަޅައިގެން މައްސަލަ އެވެ. އިންޑިއާގެ ޓެމިލް ނާޑޫގެ ޕޮލިޓިކްސް އާއި ވޯޓަކީ ލަންކާގައި ތަމަޅައިންނަށް ވާ ގޮތަކާ ގުޅި ލާމެހިފައިވާ ކަމެކެވެ. އެ ސްޓޭޓްގެ ސަރުކާރަކަށް އާދެވެނީ ޑީއެމްކޭ ނޫނީ އޭޑީއެމްކޭ ދެ ޕާޓީން ކުރެ ޕާޓީއެއްގެ ބައިވެރިވުމާއެކު އެވެ. އެހެންވީމާ އަބަދުވެސް ޓެމިލްނާޑޫ ރުއްސައި ލަންކާގައި ދެ ބޯގެރި ދުއްވަން ޖެހެ އެވެ.

އެކަމަކު ފިއްތައިގެން ތިއްބާ ލަންކާ އާއި ރާއްޖެއިން ހަށިފޮޅާލާފައި ނުކުމެ މަޑުމަޑުން މަޑުމުން އިގްތިސޯދު ރަނގަޅު ކުރަމުން އައިސް މިިހާރު މިއޮތް ސްޓޭޖަކީ އިކްނޮމިކް އިންޑިކޭޓާތަކަށް ބަލާއިރު މޭލެއް ދެ މޭލެއްގެ ދުރު މިނުގެ ރާސްތާ އެވެ. ޖީޑީޕީ ޕާކެޕިޓާ ދެ ގައުމުގައި މާ މައްޗެވެ. ހިއުމަން ޑިވެލޮމްންޓާި ސިއްހަތާއި ތައުލީމް އޮތީ މާ ކުރީގަ އެވެ. ލިޓްރެސީ އޮތީ އަމުދުން މާ މަތީގަ އެވެ. މިއީ އިންޑީއާ ފިއްތައިގެން އޮއްވާ ލޯވަޅެއްގެ ތެރެއިން ދެމިގެނަގެން ހޯދާފައިވާ ކާމިޔާބެެވެ. ރުޅި އަންނަ ސަބަބަކީ މިއީ އެވެ. "ޝުކުރިއްޔާ، ހެޔޮ ދުއާ ސަލާމް" ގެ ނަމުގައި އާ ވައްތަރެއްގެ ފަންޏެއް އަޅުވަން ޖެހެނީ މިހެން ވެގެނެވެ.

ކޮންމެ ސަރުކާރެއް އޮތަސް ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވިޔަސް ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ މާލެއާއި ހުޅުލެއާ ދެމެދު ބްރިޖް އަޅާށެވެ. މާލެ އާއި ވިލިމާލެއާ ދެމެދުވެސް ބްރިޖް އަޅާށެވެ. ގުޅިފަޅާއި ތިލަފުއްޓަށް ވެސް ފާލަން އަޅާށެވެ. އައިހެވެން ތަރައްގީ ކުރާށެވެ. އެއާޕޯޓް ތަރައްގީ ކުރާށެވެ. އެކަންކަން ރާއްޖޭގެ ތަރައްގީ އާއި އިގްތިސޯދާ ގުޅިފައިވާތީ އެވެ.

"ބޮޑު ރަހުމަތްތެރިޔާ" އިންޑިއާގެ ސިޔާސަތަކީ ބްރިޖެއް އަޅައި ދެވޭކަށް ނެތެވެ. އެެހެންވިއްޔާ ދިވެހި ރާއްޖެ، ބްރިޖާ ނާޅާ އޮންނާށެވެ. އެކަމަކު
ރާއްޖޭގެ ރާގު ބަދަލުވެއްޖެ އެވެ. މިހާރު ރާއްޖެއިން ބުނަނީ ނޫނެކެވެ. ދިވެހިން ބުރިޖު ވެސް އަޅާނެ އެވެ. އިންޑިއާއަށް އަޅައި ނުދެވެންޏާ ބުރިޖް އެޅޭ ބައެއް ކައިރިއަށް ދާނީ އެވެ. އެއީއަކީ ސިޔާސީ ނިންމުމެއް ނޫނެވެ.

ރާއްޖެ އާއި ލަންކާ މިހާރު އޮތް ދުވެލީގައި އޮއްވާ ރުއްސާން ކޮންސަލްޓަންޓަކާއި ހެލިކޮޕަޓަރަކާއި ތިން ޑޮކްޓަރުންނާއި ވެލްޑިން ކޯހެއް ބާވައި ދީފައި ބެކްޔާޑްގައި ރާއްޖެ އާއި ސްރީލަންކާ ފިއްތައިގެން ގެންގުޅެވޭނެ ޒަމާން ދިޔައީ އެވެ.

ލަންކާވެސް ބޭނުމީ އިތުބާރާއެކު ރީތި މަގުތަކާއި ހައިވޭތައް ހަދާށެވެ. ޕޯޓް ސިޓީ ހަދާށެވެ. ރާއްޖެ ވެސް ބޭނުން ވަނީ އެއެވެ. އިފްރާންސް ސްޓްރްކްޗާއާ ހަމައަށްދާއިރު އެހީވެ ދެވޭނީ ކެޕިޓަލް އޮތް ބަޔަކަށެވެ. އިންޑިއާ ވެސް އޮތީ ޗައިނާގެ އެހީއަށް ބޭނުންވެފަ އެވެ. އިންތިހާބާ ހަމައަށް ދާއިރު ބޮޑު ވަޒީރު މޯދީއަށް އެނޫން ޗޮއިސްއެއް ނެތެވެ. މިއީ އިންޑިއާގެ އެންމެ މަތީ ފެންވަރުގެ ތިންކް ޓޭންކްތަކުން ލިޔާ ކަރުދާސްތަކުގައި ހުރި ގޮތެވެ.

އިންޑިއާގެ "ޝުކުރިއްޔާ، ހެޔޮ ދުއާ ސަލާމް" އިން މިހާރު ދިވެހިންނަކަށް ފުއްދާލެވޭކަށް ނެތެވެ. އިންޑިޔާއަށް އުޅެނީ މުޅި ގައުމު އިލެކްޓްރިފައި ނުކުރެވިގެނެވެ. ބޮޑު ބައެއްގައި ކޮންޓްރޯލް ވެސް ނެތެވެ. ހިންދީ ޑާކޫ ފިލްމުތަކުގައި އެ ފެންނަނީ ޖޯކެއް ނޫނެވެ. އެއީ ހަގީގަތެވެ. މުޅި ގައުމުގައި ރޭލްވޭއެއް ނެތެވެ. މުޅި ގައުމުގައި ރަނޅަށް މަގު ހެދިފައެއް ނެތެވެ. މުޅި ގައުމުގައި ފެނެއް ނެތެވެ. ދިވެހި ރާއްޖެއިން އިންޑިއާ ހައިކޮމިޝަން އަޅަން ދިން ބިމުގައި ކަޑަ ޖެހި ގޮތަށް އެއޮތީ ވިނަވެފަ އެވެ. ދެން ރާއްޖެއަށް ދޭނީ ކޯންޗެއް ހެއްޔެވެ؟ ރާއްޖެއަށް ދޭ "ޝުކުރިއްޔާ، ހެޔޮ ދުއާ ސަލާމް" އެ ދިމާ ދިމާއަށް ފޮނުވުން މާ ރަނގަޅުވާނެ އެވެ.

އައިޖީއެމްއެޗުގައި ބޯޑެއް އަޅުވާފައި ހަތަރު ޑޮކްޓަރުން ފޮނުވުމުން ދިވެހިން ހެވިފައި ތިބޭނީ އިހު އެވެ. ފެކަލްޓީ އޮފް ޓޫރިޒަމް ކިޔާތަނެއް 10 އަހަރުން ގަނަތެޅިގެން އެއްޗަކަށް އެއްޗެއް ހެދި ގޮތަށް އައިހެވެނާ އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާއަށް ދޭކަށް ނުޖެހެ އެވެ. ރާއްޖޭގެ އެކްސްޕެކްޓޭޝަން ވެސް ވިޝަން ވެސް އޮތީ މާ ކުރީ އެވެ. އެކަން ބަލައިގަންނާކަށް އިންޑިއާ ބޭނުމެއް ނުވެއެވެ. އަދި އެކަން ކަމާ ގުޅުވައި އިންޑިއާއިން ދައްކާ ވާހަކަ ދިވެހިން ގާތުގައި މާރެއް ނުވެއެވެ. -- މިތާނގައި "މާރު" ބޭނުން ކޮށްފައި އެވަނީ "މޭރުން" އެ ލަފުޒުގެ މާނައަކު ނޫނެވެ. މާރު ބޭނުންކޮށްފައި ވަނީ "ވަށައެއް ނުޖެހެއޭ" ބުނާ މާނައިގަ އެވެ. މިއީ ލަފުޒެއްގެ ޓެސްޓެކެވެ.

އިންޑިއާއަކީ ދިވެހިބަސް އެ ގައުމުގެ ޑައިލެކްޓެއް ކަމަށް ކަނޑައަޅައި ރަޖިސްޓްރީ ކުރަން އދ. އަށްދިޔަ ގައުމެކެވެ. ރާއްޖެ ކުރިއަރާ ދާން ބޭނުންވާ ޓްރެކްގައި ދިއުމުގެ އިހުތިޔާރުން މަހުރޫމްކޮށް ފިއްތައިގެން އުޅުމުގެ ހައްގެއް އިންޑިއާއަކަށް ނޯންނާނެ އެވެ. އެހެން ހެދުމަކީ 100 މީޓަރުގެ ދުވުމެއްގައި އާދައިގެ މީހަކާއި ދުވުންތެރިޔާ ސާއިދު އެކުގައި ދުއްވައިގެންފައި އާދައިގެ މީހާ މޮޅުވާން ބޭނުންވީމާ އޭނާއަށް ވުރެ މަޑުން ސާއިދު ދުވުން ނުވަތަ ދުވިޔަ ނުދީ ހިފެހެއްޓުން ކަހަލަ ކަމެކެވެ. އެހެންނާ މައުމޫނު ކުރިކެޓް ކުޅުއްވާއިރު އެ މަނިކުފާނު ގިނަ ލަނޑު ހައްދަވަން ވީމާ ރައީސް ނަޝީދުގެ ބައްޕާފުޅު، ކެނެރީ އަބްދުއްސައްތާރު މަޑުމަޑުން ބޯޅަ އެއްލަ އެއްލާ ހުންނެވުން ކަހަލަ ކަމެކެވެ. އެއަކީ ފެއާ ގޮތެއް ނޫނެވެ. ލެވެލް ޕިޗެއް ދޭންވާނެ އެވެ. އެކަމަކު ރާއްޖެއާމެދު އިންޑިއާގެ ވިސްނުމަކީ "ކައެމެން މިހާރު މާބާރަށް ދުވަނީ... ތިތީ ކަޑަ" އޭ ބުނާ ފަދަ ވިސްނުމެކެވެ.

ބެކްޔާޑްގައި އިންޑިއާގެ ފޮރިން ޕޮލިސީގެ ފޭލިއާއަކީ އެއީ އެވެ. "ހެލިކޮޕްޓަރެއް އަމޭ މި ގެންދަހަރޭ" ބުނީމާ ރާއްޖެ ކުޑަވެ، އޭގައި އެލިގަންނާކަށް ދިވެހިނެއް މިހާރަކު ނޫޅެ އެވެ. މިހާރު އަންނަނީ އެހެން އެއްޗެކެވެ. ދިވެހިން ކޮމާޝަލީ ޖާޕާނުން ވެސް އިނގިރޭސިވިލާތުން ވެސް ޗައިނާ ވެސް އެހީ ނަގާނެ އެވެ. ސައުދީ ވެސް އިންޑިއާ އަތުން ވެސް ނަގާނަ އެވެ.

އިންޑިއާ އަށް ރައީސް ނަޝީދު ގެންގޮސްގެން ޑްރާމާ ކުޅުވުމަކީ އެ މީހުންގެ ރިސާޗުން ދެއްކި ގޮތަށް ރާއްޖޭގެ މޫނުމަތީގައި އަތް ދަމާފައި ތަފާލެއް ޖެހުމަށެވެ. އެއޮތީ ޖަހާފަ އެވެ. މާ ނޫންގޮތަށް އެކަން ވަކި ބަޔަކާ މަތި ކޮށް، މަތި އޮމާން ކުރިއަކަސް އިންޑިއާގެ ފޮރިން ޕޮލިސީ ބައްޓަން ކުރަނީ، ރައީސް ނަޝީދަށް ދައުވަތު ދެއްވި ފަދަ ތިންކް ޓޭންކުތަކުން ކަން ދިވެހިން ދަނެ އެވެ. ފޮރިން ޕޮލިސީގެ ބޮޑެތި ޕޭޕަރު އެ ތަންތަނުން ލިޔާނެ އެވެ. އިންޑިއާ ސަރުކާރަށް ޖެހެނީ އެ ފޮލޯ ކުރާށެވެ.

އެ ރިސާޗާ އެއްގޮތަށް މާލޭގައި ހުންނަވާ ބޭފުޅަކު ރެއާ ދުވާލު ކެނޑި ނޭޅި ހަސަނެއް ފަރީދެއް އަމީނާއެއް ނުުބަލައި ގެއަށް ވައްދައިގެން ފޮޓޯ ނަގައި ދެފައިގައި ހީނާ ކުރަހައިދެނީ ނޫޑުލިސް ކައްކައި ހަދަނީ އެއީ ފޮރިން ޕޮލިސީ ހެއްޔެވެ؟ ފޮޓޯއެއް ނަގާފައި "ޝުކުރިއްޔާ ހެޔޮ ދުއާ ސަލާމް" ލިޔެފައި ތަންތަނަށް ކޮއްޕަނީ އެއީ ހެޔޮ ދުއާ ހެއްޔެވެ؟