ރާއްޖެ ކުޅިވަރު

ފްރާންސުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ޕީއެސްޖީ ރާއްޖެ އަންނަނީ

Apr 22, 2015
2

ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ޕެރިސް ސެއިންޓް ޖެމެއިން (ޕީއެސްޖީ)ގެ ޓީމު މި އަހަރުގެ ޖޫން މަހު ރާއްޖެ އަންނަ ގޮތަށް ހަަމަޖެހިއްޖެ އެވެ.

ދުނިޔޭގެ މަޝްހޫރު ގިނަ ފުޅުބޯޅަ ތަރިން ތަކެއް ހިމެނޭ ޕީއެސްޖީ ރާއްޖެއަށް ގެންނަނީ އުރީދޫއިންނެވެ. އުރީދޫ އަކީ މިހާރު އެ ކްލަބުގެ އެއް ސްޕޮންސަރެކެވެ.

"އަންނާނެ ތާރީހު ފައިނަލްވުމުން ރަސްމީކޮށް އުރީދޫން އިއުލާނު ކުރާނަން،" މަރީ ވިދާޅުވި އެވެ.

ޕީއެސްޖީއާއެކު ރާއްޖެ އަންނާނެ ކަމަށް ބެލެވޭ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޒްލަޓާން އިބްރަހިމޮވިޗް، ޑިފެންޑަރުން ކަމަށްވާ ތިއާގޯ ސިލްވާ އާއި ޑޭވިޑް ލުވިޒް އަދި މިޑްފީލްޑަރުންކަމަށްވާ ބްލޭސް މަޓުއިޑީ އަދި ލޫކަސް މޯރާ ހިމެނެ އެވެ.

ގަަތަރު ސްޕޯޓްސް އިންވެސްޓްމަންޓްސް 2011 ވަނަ އަހަރު ޕީއެސްޖީ ގަތް ފަހުން، ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ކުޅުންތެރިންތަކެއް ވަނީ އެ ޓީމާ ގުޅިފަ އެވެ. ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއާ ލޯރެން ބްލޯންކްގެ ކޯޗުކަމުގެ ދަށުން މިހާރު ކުޅެމުންދާ ޕީއެސްޖީގެ ޓީމުގައި އިބްރަހިމޮވިޗާއި ތިއާގޯ ސިލްވާ އާއި ޑޭވިޑް ލުއިޒް އާއި ފްރާންސްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މަޓުއީޑީ އާއި ބްރެޒިލްގެ މޯރާ އާއި އިޓަލީގެ މާކޯ ވެރާޓީ އާއި އުރުގުއޭގެ އެޑިސަން ކަވާނީ އާއި އާޖެންޓީނާގެ އެޒްކުއެލް ލަވޭޒީ އަދި އިޓަލީގެ ތިއާގޯ މޮޓާ ހިމެނެ އެވެ. މީގެ އިތުރުން ވެސް މަޝްހޫރު ކުޅުންތެރިންތަކެއް އެ ޓީމުގައި ހިމެނެ އެވެ.

ޕީއެސްޖީ އަކީ ރާއްޖެ އަށް އަންނަ ގޮތަށް މިހާތަނަށް ހަމަޖެހުނު އެންމެ މަޝްހޫރު ކްލަބެކެވެ. މީގެ ކުރިން ޖަރުމަންގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ހާތާ ބާލިން އާއި ސްލޮވާކިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޑުބްނިސާ އިން ރާއްޖެ އައިސް މެޗުތަކެއް ކުޅުނެވެ. އެކަމަކު ޔޫރަޕްގެ އެންމެ މަތީ ދަރަޖައިގެ ކްލަބެއް މީގެ ކުރިން ރާއްޖެ އަށް ރަސްމީ ދަތުރެއްކޮށްފައެއް ނުވެ އެވެ.