ހަބަރު

ރިލްވާން މައްސަލާގައި ތިން މީހަކަށް ޓެރަރިޒަމްގެ ދައުވާކޮށްފި

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ. އެ ތިން މީހުންގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

ޕީޖީގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މިދިޔަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ޕީޖީއިން ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ މުހައްމަދު ސުއައިދުގެ މައްޗަށެވެ. އެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ.

އާލިފް ރައޫފާއި ނޫރައްދީންއަކީ މި މައްސަލާގައި މީގެކުރިން ހައްޔަރުކޮށްފައިވާ ދެ މީހުންނެވެ. އެމީހުން ދޫކޮށްލީ ބަންދު އިތުރުކުރުމަށް ގެންދިޔުމުން ކޯޓުންނެވެ.

ރިލްވާން ގެއްލުނު މައްސަލާގެ ތަހުގީގު މިހާތަނަށްވެސް ފުރިހަމަނުވާ އިރު މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީ ރިލްވާންގެ ތަހުގީގާ ގުޅޭ ބައެއް ވީޑިއޯތައް އާންމު ކޮށްފަ އެވެ. އަދި އެ ވީޑިއޯތަކަށް ބިނާކޮށް ފުލުހުން ބުނެފައި ވަނީ ރިލްވާން އަށް އެރޭ ދެ މީހަކު ފާރަލީ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކާރެއްގައި ހުރި އިސްތަށިން ހޯދުނު ޑީއެންއޭ ރިލްވާންގެ ޑީއެންއާއާ ދިމާވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.